ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، އދ. ދަނގެތީގައި ޤާއިމުކުރި ފިއުލް ސްޓޭޝަނުން ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ދަނގެތީގައި ތަރައްޤީކުރި މި ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ސްޓޭޝަން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރަޝީދެވެ. މި ރަސްމިއްޔާތުގައި ދަނގެތީ ކައުންސިލްގެ މެންބަރުންނާއި، ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވިއެވެ.

މި ޚިދުމަތް ފެށުމާއެކު، މާލެއެކޭ އެއް އަގުގައި ދަނގެތިން ވެސް މަސްވެރިންނަށް ޑީސަލް ލިބިގެންދާނެއެވެ. މިއީ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ލުއި ހޯއްދަވައިދެއްވުމަށާއި، އަތޮޅުތަކުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ސްޓޭޝަންގެ ސަބަބުން ދަނގެތީގެ އިތުރުން އެ ސަރަހައްދުގެ މަސްވެރިންނަށާއި ދަތުރުފަތުރު ކުރާ ފަރާތްތަކަށް އަގުހެޔޮކޮށް އަދި ފަސޭހަކަމާއެކު ތެޔޮ ލިބިގެންދާނެއެވެ.

