ސ. ގަން ޓްރޭނިންގ ސެންޓަރުގައި ނައިޓް ފަޔަރިންގ ތަމްރީނުތަކެއް ބޭއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމައިފިއެވެ.
މި ކަން ހާމަކޮށް އާދިއްތަވިލޭރޭ އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ، ޖޫންމަހުގެ ދެވަނަ ދުވަހާއި، ތިންވަނަ ދުވަހުގެރޭ 18:00 އިން ފެށިގެން، 23:59 އަށް، ސ. ގަން ޓްރޭނިންގ ސެންޓަރުގައި ނައިޓް ފަޔަރިންގ ތަމްރީނުތަކެއް ބޭއްވުމަށް ރޭވިފައިވާކަމަށެވެ.
މި ތަމްރީނުތަކުގައި ސ. ގަން ޓްރޭނިންގ ސެންޓަރުގެ ރޭންޖްއިން ހުޅަނގު ދެކުނަށް ބަޑިޖެހުމަށް ހަޖެހިފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ގޮތުން މި ތަމްރީނުގައި، ބޭނުންކުރާ ހަތިޔާރު ނުވަތަ ޕައިކޯޓެކްނިކްސްގެ ތެރޭގައި، އޭކޭ ސީރީޒް ރައިފަލް އާއި، މެޝިންގަން އަދި ފްލެޔާސް ބޭނުންކުރަން ނިންމާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ، ތަމްރީނުގައި ބޭނުންކުރާ ހަތިޔާރު ވައިގެ ސަރަހައްދުން ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5400 މީޓަރު ކަމަށެވެ.
މީގެ އިތުރުން ވައިގެ ސަރަހައްދުގައި ހަތިޔާރު ބޭނުންކުރާނެ އެންމެ އުސްމިނަކީ 200 މީޓަރުކަމަށާއި، ވައިގެ ސަރަހައްދުގައި ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ-ލެވެލްކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
އަދި ވައިގެ ސަރަހައްދުގައި ހަތިޔާރު ބޭނުންކުރާނެ ޑައިރެކްޝަނަކީ، ސ. ގަން ޓްރޭނިންގ ސެންޓަރުގެ ރޭންޖްއިން ހުޅަނގު ދެކުނުގައިކަމަށް ވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

