ރައްޔިތުން ތަމްސީލުކުރާ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް ރާއްޖޭގައި އޮތްނަމަ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން ޢަޒްލުކުރެވިފައިވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައްވައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަކީ ޤާނޫނުއަސާސީ ދަންނަ މަފްހޫމެއް ނޫނެވެ. އަދި ޤާނޫނުއަސާސީ ދަންނަ އުސޫލަކީ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުން ނުވަތަ ޢަޒްލުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީއާ ޚިލާފަށް ބާރުތައް ނަހަމަގޮތުގައި ބޭނުންކުރުމަކީ ޢާންމު ކަމަކަށް ވެފައިވާ ކަމަށް ފާހަގަކުރައްވަމުން ޑރ. ދީދީ ވިދާޅުވީ، ޢަޒްލުކުރުމުގެ ބާރު ޤާނޫނުއަސާސީން މަތިކޮށްފައިވާ މަޖިލީހުން ދުސްތޫރީ މަސްއޫލިއްޔަތުން އެއްކިބާވެއްޖެނަމަ ދެން އޮންނާނީ އެންމެ ހައްލެއް ކަމަށެވެ. އެއީ ވެރިކަމުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށް ބަޔާންކުރާ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ގޮވާލެއްވީ ޕެރެގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ އިތުބާރު ނެތް ކަމަށް އެ ޤައުމުގެ މަޖިލީހުން ފާސްކުރި ޚަބަރަކާ ޙަވާލާދެއްވަ އެވެ. ޢައްބާސް ވިދާޅުވީ މިއީ މިހާރުން މިހާރަށްވެސް ރާއްޖޭގައި ކުރަންޖެހިފައިވާ ކަމެއް ކަމަށާއި، ތަކެތީގެ އަގުތަކާއި ކަރަންޓު ބިލާއި ތެލާއި ގޭސް އަގުބޮޑުވެ، ޓެކްސްތައް ސަރުކާރުން އިތުރުކޮށްފައިވާ ކަމަށެވެ. މީގެއިތުރުން، ޑޮލަރުގެ އަގު 23 ރުފިޔާގައި ހުރިއިރު، ޤައުމުގެ ހަރުމުދާ ރަހުނުކޮށް ގިނަ އަދަދެއްގެ ލޯނު ނަގައި ޤައުމު ދަރުވާލާފައިވާ ކަމަށާއި، ރަސްމާލެއިން ބައެއް ޔޫއޭއީގެ އީގަލް ހިލްސްއަށް އަގަކާ ނުލައި ދީފައިވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޤާނޫނުއަސާސީ ބަޔާންކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ވެއްދެނީ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ އެއްބައި ކަމަށްވާ 31 މެންބަރުންގެ ސޮޔާއެކުގައެވެ. އަދި އެފަދަ މައްސަލައެއް ފާސްކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ނުވަތަ 62 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.
ނަމަވެސް، 93 މެންބަރުން ހިމެނޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ އަތުގައެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ހިމެނިވަޑައިގަންނަވާހެން ޕީއެންސީގެ 73 މެންބަރުން މަޖިލީހުގައި ތިއްބެވިއިރު، މައި އިދިކޮޅު އެމްޑީޕީގައި ތިއްބެވީ 13 މެންބަރުންނެވެ. ދެން ތިއްބެވީ ޖޭޕީ، އެމްޑީއޭ އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މަދު މެންބަރުންކޮޅެކެވެ.

