ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަށު ކޯޓުގައި ނުނަގާ ޤާނޫނީ އައު ނުކުތާތައް އިސްތިއުނާފުގައި ބަލައިގަތުމަކީ ގާނޫނީ ހަމައެއް ނޫން!

ދިވެހިރާއްޖެގެ ސްޕްރީމް ކޯޓް. ފޮޓޯ: ސްޕްރީމް ކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

އަދުލުއިންޞާފުގެ ޝަރުޢީ ނިޒާމު ބިނާވެގެންވަނީ ކޮންމެ މައްސަލައެއްގައިވެސް ދެފަރާތަށް ހަމަހަމަކަމާއެކު ދިފާޢުވުމުގެ ފުރުޞަތު ދިނުމަށާއި، ކަނޑައެޅިފައިވާ އިޖުރާއީ ހަމަތަކުގެ ތެރެއިން މައްސަލައިގެ އަސްލު ވާޤިޢާތަކާއި ޤާނޫނީ އިންތައް ކަށަވަރުކުރުމުގެ މައްޗަށެވެ.

މީގެ މައިގަނޑު އެއް އަސާސަކީ މައްސަލައެއްގެ ޚަޞްމުންނަށް ޝަރީޢަތުގެ ފުރަތަމަ މަރުޙަލާގައި އެމީހުންގެ ދަޢުވާތަކާއި، ދިފާޢުތަކާއި، އަދި ހެކިތައް ހުށަހެޅުމުގެ ފުރިހަމަ ފުރުޞަތު ލިބިދިނުމާއެކު، އެ މަރުޙަލާގައި ކަނޑައެޅުނު ކަންކަން މަތީ ކޯޓުތަކުގައި މުރާޖަޢާކުރުމެވެ.

ދަށު ކޯޓުގެ މަރުޙަލާގައި ބަހުސްކޮށްފައި ނުވާ އައު ޤާނޫނީ ނުކުތާތަކާއި ދިފާޢުތައް، އިސްތިއުނާފީ މަރުޙަލާތަކުގައި އަލަށް ނަގައިގެން މައްސަލަ ބެލުމަކީ ޢާންމު އުޞޫލެއްގެ ގޮތުން ޝަރުޢީ އިޖުރާއާތުތައް ދަންނަ ކަމެއް ނޫނެވެ. އިސްތިއުނާފީ ކޯޓުތަކުގެ އަސާސީ ދައުރަކީ ދަށު ކޯޓުން ނިންމާފައިވާ ނިންމުމެއްގެ ޞައްޙަކަން ކަށަވަރުކުރުން ކަމަށްވާއިރު، އިސްތިއުނާފީ މަރުޙަލާއަކީ އަލުން މުޅިން އައު ދަޢުވާއެއް ނުވަތަ ދިފާޢެއް ބިނާކުރަން ލިބޭ ދެވަނަ ފުރުޞަތެއް ނޫނެވެ.

ޝަރުޢީ ނިޒާމުގައި ދަށު ކޯޓަކީ މައްސަލައިގެ ހުރިހާ ޙަޤީޤަތްތަކާއި ވާޤިޢާތައް ހޯދައި، ހެކިބަސް ނަގައި، މައުޟޫޢީ ގޮތުން މައްސަލަ ވަޒަންކުރާ މައިގަނޑު މަރުޙަލާއެވެ. ކޮންމެ ޚަޞްމަކަށްވެސް ޤާނޫނީ ގޮތުން ލިބިދޭ ޙައްޤުތަކާއި ދިފާޢުތައް ފުރަތަމަ މަރުޙަލާގައި ފުރިހަމައަށް ހާމަކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. މައްސަލައެއް އިސްތިއުނާފު ކުރެވޭ ހިނދު، މަތީ ކޯޓުތަކުން ބަލަނީ ދަށު ކޯޓަށް ހުށަހެޅުނު ކަންކަމުގެ މައްޗަށް ބިނާކޮށް އެ ކޯޓުން ކޮށްފައިވާ ޙުކުމުގައި ޤާނޫނީ ނުވަތަ އިޖުރާއީ ކުށެއް އޮތްތޯއެވެ. އެހެންކަމުން، ދަށު ކޯޓަށް އެއްވެސް މިންވަރަކަށް ހުށަނާޅާ އަދި އެ ކޯޓުން އެކަމަކާމެދު ގޮތެއް ނިންމާފައި ނުވާ އައު ވާޤިޢާތަކެއް ނުވަތަ ދިފާޢުތަކެއް އިސްތިއުނާފީ މަރުޙަލާގައި އަލަށް ނެގުމަކީ، އިސްތިއުނާފުގެ އަސްލު މަޤްޞަދާ ފުށުއަރާ ކަމެކެވެ. މިއީ މުޅި ޝަރުޢީ މަރުޙަލާގެ ތަރުތީބު ގެއްލި، އިސްތިއުނާފީ ކޯޓުތަކަކީ ފުރަތަމަ މަރުޙަލާގެ ކޯޓުތަކެއްގެ ދައުރު އަދާކުރާ ތަނަކަށް ބަދަލުވެގެންދާނެ ކަމެކެވެ.

އިސްތިއުނާފީ މަރުޙަލާގައި އައު ނުކުތާތައް ނެގުން ހަނިކުރެވިފައިވާ އަނެއް މުހިންމު ސަބަބަކީ އަނެއް ފަރާތަށް ލިބިދޭ ދިފާޢުވުމުގެ ޙައްޤު ރައްކާތެރިކުރުމެވެ. މައްސަލައިގެ ވާޤިޢާތަކާ ގުޅޭގޮތުން އައު ބަހުސެއް އިސްތިއުނާފުގައި ނަގައިފިނަމަ، އެ ނުކުތާއަކަށް ރައްދުދީ، ދަށު ކޯޓުގައި ދިފާޢީ ހެކި ހުށަހެޅުމުގެ ޙައްޤުން އަނެއް ޚަޞްމު މަޙްރޫމުވެގެންދެއެވެ. ޤާނޫނު އަސާސީންނާއި އިޖުރާއީ ޤާނޫނުތަކުން ކަށަވަރުކޮށްދޭ ޢަދުލުވެރިކަމުގެ މިންގަނޑަކީ އެއްވެސް ފަރާތަކަށް ކުއްލި ސިހުމެއް ނުލިބޭނޭހެން، ދަޢުވާއާއި ދިފާޢު ފުރަތަމަ ދުވަހުން ފެށިގެން އެނގި އޮވެގެން ޝަރީޢަތް ހިންގުމެވެ. އިސްތިއުނާފީ މަރުޙަލާގައި އައު ބަހުސްތަކަށް ޖާގަދިނުމަކީ އިޖުރާއާތުގެ ބޭރުން ނާޖާއިޒު ފައިދާ ހޯދުމަށް ފުރުޞަތު ހުޅުވި، ދަށު ކޯޓުގައި އިހުމާލުވި ކަންކަން އިސްތިއުނާފުގައި ފޫބެއްދުމަށް ވާގިވެރިވެދޭނެ ކަމެކެވެ.

މި އުޞޫލު ވަރަށް ސާފުކޮށް ފެނިގެންދާ އެއް މިސާލަކީ، ޝަރުޢީ މަރުޙަލާތަކުގައި ނިމިގެންދިޔަ އަޙްމަދު ތައުފީޤު އާއި ޢުމަރު ޒާހިރު ޢަބްދުއްޞަމަދާ ދެމެދު އުފެދުނު ވަކީލު ފީގެ މައްސަލައެވެ.

މި މައްސަލައިގައި، ތިންވަނަ ފަރާތަކާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކެއް ކުރިއަށް ގެންދިއުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، މައްސަލަ ބާޠިލުވި ނަމަވެސް ފީ ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮތުމުން، ސިވިލް ކޯޓުން ނިންމީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަންޖެހޭނެ ކަމަށެވެ. އެ މަރުޙަލާގައި އެއްބަސްވުމުގައި އޮޅުވާލުމެއް އޮތްކަން ސާބިތުކުރުމަށް ދިން ފުރުޞަތުގައި އެކަށީގެންވާ ހެކި ހުށަހަޅާފައެއް ނުވެއެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ’ނުރަނގަޅު ނުފޫޒު‘ ފޯރުވި ކަމަށް ބުނެ އަލަށް ނުކުތާއެއް ފާހަގަކުރިއެވެ. ނަމަވެސް، ހައިކޯޓުން ކަނޑައެޅީ އެއީ ދަށު ކޯޓުގައި ބަހުސްކޮށްފައި ނުވާ އަދި އިސްތިއުނާފީ މަރުޙަލާގައި އަލަށް އުފެއްދި ޤާނޫނީ ބަހުސަކަށް ވާތީ އެ ނުކުތާ ބަލައިގަނެވެން ނެތް ކަމަށެވެ. ދަށު ކޯޓުގައި ފާހަގަނުކުރާ މިފަދަ މައުޟޫޢީ ކަންކަން އިސްތިއުނާފުގައި ބަލައިނުގަތުމަކީ ދަށު ކޯޓުގެ އިޚްތިޞާޞަށް އިޙްތިރާމްކުރުމުގެ ގޮތުން ނިންމާފައިވާ ވަރުގަދަ ނިންމުމެކެވެ.

ޢާންމު އުޞޫލަކީ އިސްތިއުނާފީ މަރުޙަލާގައި އައު ނުކުތާ ބަލައިނުގަތުން ކަމުގައި ވީނަމަވެސް، ޤާނޫނީ ބައެއް ޙާލަތްތަކުގައި މިއުޞޫލަށް އިސްތިސްނާ ދެވޭ ދަނޑިވަޅުތައް އާދެއެވެ. އެގޮތުން، ކޯޓުގެ އިޚްތިޞާޞާ ގުޅޭ ނުކުތާތަކާއި، ޢާންމު މަޞްލަޙަތާ ގުޅިފައިވާ އަސާސީ ޤާނޫނީ ކަންކަމަކީ، ދަށު ކޯޓުގައި ނުނެގި ނަމަވެސް މަތީ ކޯޓުތަކުން އަމިއްލަ އިސްނެގުމުގައިވެސް ބެލިދާނެ ކަންކަމެވެ. އެހެންނަމަވެސް، މިއިސްތިސްނާއަކީ ޚަޞްމުންގެ އަމިއްލަ ޙައްޤުތަކާއި، ކޮންޓްރެކްޓުގެ ދަށުން އުފެދޭ ދިފާޢުތަކާއި، ނުވަތަ ހެކިބަހުގެ މައްޗަށް ބިނާކޮށް ސާބިތުކުރަންޖެހޭ އައު ވާޤިޢާތަކަށް އޮތް ފުރުޞަތެއް ނޫނެވެ. އިސްތިސްނާ ދެވެނީ ހަމައެކަނި ޤާނޫނުގެ ސާފު މާއްދާއެއް މާނަކުރުމުގައި ހެދިފައިވާ މައިގަނޑު އަސާސީ ކުށެއް ފާހަގަކުރުމަށެވެ.

ކޮންމެއަކަސް ދަށު ކޯޓުގައި ނުނަގާ އައު ޤާނޫނީ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ބަލައިނުގަތުމަކީ ޝަރުޢީ މަރުޙަލާތަކުގެ އިތުބާރާއި ހަރުދަނާކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން އޮންނަންޖެހޭ ޤާނޫނީ ހަމައެކެވެ. އިސްތިއުނާފީ ކޯޓުތަކަކީ ދަށު ކޯޓުން ކޮށްފައިވާ ޙުކުމްތަކުގެ ޞައްޙަކަން ޤާނޫނުގެ ހަމަތަކުން މުރާޖަޢާކުރާ މަޤާމެއްގައި ދެމިއޮތުމަކީ މުޅި ޝަރުޢީ ނިޒާމުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ މައިބަދައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: