ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މުއައްސަސާއެއްގެ ކޮމިޓީން މުވައްޒަފަކާމެދު އަޅާ އިޞްލާޙީ ފިޔަވަޅުތައް ބާޠިލުކުރުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ އިޚްތިޞާޞް އެ ޓްރައިބިއުނަލަށް ލިބިގެންވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަށް ތާއީދުކޮށް ޙުކުމްކޮށްފިއެވެ.
މި މައްސަލައަކީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފަކަށް އެ ކުންފުނީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޝަކުވާ ބަލާ ކޮމިޓީން ފިޔަވަޅު އެޅުމާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ.
އެ ކޮމިޓީން ނިންމީ މުވައްޒަފު ޖިންސީ ފުރައްސާރައިގެ ޢަމަލެއް ހިންގިކަމަށް ބުރަވެވޭތީ، އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން މުސާރަ ނުލިބޭ ގޮތަށް 14 ދުވަހުގެ މުއްދަތަކަށް އޭނާ ސަސްޕެންޑް ކުރުމަށެވެ.
އެ ފިޔަވަޅު ބާޠިލުކުރުމަށް އެދި އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން، މައްސަލަ ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލަށް ނެތް ކަމަށް ބުނެ ސްޓެލްކޯއިން ވަނީ އިޖުރާއީ ނުކުތާއެއް ނަގާފައެވެ. ނަމަވެސް ޓްރައިބިއުނަލުން ނިންމީ އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އޮތް ކަމަށެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބެލޭނެ ކަމަށް ނިންމި ނިންމުން ސްޓެލްކޯއިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ނިންމާފައިވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މުވައްޒަފަށް ނެތް ނަމަވެސް، ކޮމިޓީން ފިޔަވަޅު އަޅަންވާނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާ ގޮތަށް ކަމަށެވެ. އެގޮތުން ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އަޅާ އިޞްލާޙީ ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ރ) ގެ ދަށުން ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާކަން ކޯޓުން ފާހަގަކުރިއެވެ.
މީގެ އިތުރުން، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަކީ ޚާއްޞަ ޤާނޫނަކަށް ވީނަމަވެސް، ވަޒީފާގެ މާޙައުލުގައި އަޅާ އިޞްލާޙީ ފިޔަވަޅުތައް އަޅަންޖެހޭނީ ވަޒީފާއާބެހޭ ޢާއްމު ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވާތީ، މުވައްޒަފަށް ލިބިދޭ ޤާނޫނީ ރައްކާތެރިކަން އެއިން އުނިނުވާނެ ކަމަށް ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.
އިސްތިއުނާފީ މައްސަލައިގައި ސްޓެލްކޯއިން ފާހަގަކުރި އަނެއް މުހިންމު ނުކުތާއަކީ، އިޚްތިޞާޞާ ގުޅޭ އިޖުރާއީ ނުކުތާއާމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 69 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވަކި އަޑުއެހުމެއް ނުބާއްވައި ގޮތެއް ނިންމާފައިވާ ކަމަށް ބުނާ މައްސަލައެވެ.
މި ނުކުތާއާ ގުޅިގެން ހައިކޯޓުން ކަނޑައެޅީ، ގަވާއިދުގެ އެ މާއްދާއަށް ގެނެސްފައިވާ އިޞްލާޙުތަކަށް ބަލާއިރު އަދި އިޚްތިޞާޞަކީ ޤާނޫނީ ސުވާލަކަށް ވާތީ، ވަކި އަޑުއެހުމެއް ނުބޭއްވުމަކުން އެއްވެސް ޚަޞްމެއްގެ އަސާސީ ޙައްޤަކަށް އުނިކަން އައިސްފައިވާކަން ސްޓެލްކޯއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ އިޖުރާއީ ނުކުތާއަކީ ޓްރައިބިއުނަލުގެ ނިންމުން ބާޠިލުކުރަންޖެހޭ ފަދަ ސަބަބެއް ނޫން ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
ހައިކޯޓުގެ މި ނިންމުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ނިންމުން ދަމަހައްޓައި ދަށު ކޯޓުގެ ނިންމުން ވަނީ ޤާއިމްކޮށްފައެވެ. މިއާއެކު، ސްޓެލްކޯއިން މުވައްޒަފާއިމެދު އެޅި ފިޔަވަޅުގެ މައްސަލަ މައުޟޫޢީ ގޮތުން ބަލައި ގޮތެއް ނިންމުމުގެ ފުރުޞަތު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މިހާރު ވަނީ ލިބިފައެވެ.

