”ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި“ މި ޝިއާރުގެ ދަށުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ސިއްހީ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހާއްސަ ”މޯލްޑިވްސް ހެލްތު އެންޑް ފެމެލީ އެކްސްޕޯ 2026“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަހުގެ 5 އިން 7 ގެ ނިޔަލަށް ބޭއްވި މި އެކްސްޕޯއަކީ، މި ސިލްސިލާގެ ދަށުން ބޭއްވުނު ތިންވަނަ އެކްސްޕޯއެވެ.
ހެލްތު އެންޑް ފެމެލީ އެކްސްޕޯ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި އެކްސްޕޯ ވެގެންދިޔައީ، ގިނަ އަދަދެއްގެ ރައްޔިތުން ޒިޔާރަތްކޮށް، ސިއްހީ ދާއިރާއާ ގުޅުންހުރި އަގުހުރި މައުލޫމާތުތަކެއް އެއް ފުރާޅެއްގެ ދަށުން ހޯދުމުގެ ފުރުސަތު ފަހިވެގެންދިޔަ މުހިންމު ހަރަކާތަކަށެވެ.
މި އެކްސްޕޯގައި މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކުތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލަކާއެކު 60 އަށްވުރެ ގިނަ ސްޓޯލު މިއަހަރު ބަހައްޓާފައިވެއެވެ.
އެ ސްޓޯލްތަކުން ސިއްހީ ދާއިރާގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތަކާ، އެ ދާއިރާއިން ތައުލީމް ހާސިލްކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުރި ފުރުސަތުތަކާއި، ޑޮކްޓަރަށް ދެއްކުމާއި، ހެލްތު ސްކްރީނިންގ އާއި އެކިއެކި ބަލި ބައްޔާ ގުޅޭ މައުލޫމާތުތަކާއި، އިރުޝާދުތައް ދިނުމުގެ އިތުރުން ހެލިފެލިވެ އުޅުމުގެ އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސްޓޯލްތައް މެދުވެރިކޮށް، އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތަފުސީލާއި، ސިއްހީ ކުއްލި ހާލަތްތަކުގައި ގުޅަންޖެހޭ އެހީގެ ނަންބަރުތަކުގެ އިތުރުން، އެ ހިދުމަތްތައް ހޯދުމުގައި އަމަލުކުރަންވީ ގޮތްތަކުގެ އިރުޝާދު އާންމުންނަށް ވަނީ ފޯރުކޮށްދީފައެވެ.
ހުރިހާ އުމުރުފުރައަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި، ސިއްހީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން، ޒިޔާރަތްކުރި ކުޑަކުދިންނަށް ހާއްސަކޮށްގެން ޝައުގުވެރި ތަފާތު ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

