ކުށްވެރިޔާގެ ކަރުގައި މަޅިއެއް އަޅުވައި ބާރުކުރުމަށް ފަހު، އެ މަޅީގައި އޭނާ އެލުވައި ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭ ގޮތަށް ކަނޑައަޅައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހާއްސަ ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.
ތަންފީޒުކުރުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު ކަންކަން
މަރުގެ އަދަބު ތަންފީޒުކުރުމުގެ މަރުހަލާ ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލުތައް ބަޔާންކޮށް ބިލުގައި ބުނެފައިވަނީ، ދަންޖައްސައިގެން އަދަބު ތަންފީޒުކުރުމުގައި ހާއްސަ މިންގަނޑުތަކަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ކަށަވަރުކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ހިމެނެނީ:
- ދަންޖެއްސުމުގެ އަމަލުގައި ބޭނުންކުރާ އާލާތްތަކަކީ އެކަމަށް ފުރިހަމައަށް އެކަށޭނަ ތަކެތި ކަމުގައި ވުން.
- ދަންޖައްސާ ގޮތަކީ ކުށްވެރިޔާގެ ފުރާނަ އެންމެ އަވަސް މިނެއްގައި ނެތިގެންދާނެ ގޮތް ކަމަށް ވުން.
- ކުށްވެރިޔާގެ ފުރާނަ ނެތިގެންދާ ވަގުތަކީ ވޭން އެންމެ ކުޑަ ގޮތެއްގައި އެކަން ހިނގާނެ މަގު ކަމަށް ވުން.
- ދަންޖެއްސުމުގެ އަމަލީ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ އެކަމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ ފަރާތްތަކަށް ވުން.
ތަންފީޒުކުރާ ތަނަށް ހާޒިރުވުމުގެ ހަމަތައް
މަރުގެ އަދަބު ތަންފީޒުކުރާ ވަގުތު އެ ތަނަށް ހާޒިރުވާން ލާޒިމުވާ ދައުލަތުގެ އިސް މަގާމުތަކުގެ ބޭފުޅުން ބިލުގައި ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ކޮމިޝަނާ އޮފް ޕްރިޒަންސް ނުވަތަ އޭނާ ކަނޑައަޅާ ކަރެކްޝަންސް އޮފިސަރަކާއި، ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ ފުލުހެއްގެ އިތުރުން ޕްރޮސެކިއުޓަ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ޕްރޮސެކިއުޓަރަކާއި މެޑިކަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި މަސައްކަތްކުރާ ޑޮކްޓަރަކު އެ ތަނަށް ހާޒިރުވާން ޖެހެއެވެ.
ދައުލަތުގެ އޮފިޝަލުންގެ އިތުރުން، އެ ތަނަށް ހާޒިރުވުމުގެ ހައްގު ލިބިގެންވާ އިތުރު ފަރާތްތަކެއް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކުށްވެރިޔާގެ އާއިލާގެ މެންބަރުންނާއި، އޭނާގެ ގާނޫނީ ވަކީލުންނެވެ. އަދި ކުށްވެރިޔާގެ މައްޗަށް މަރުގެ ހުކުމް އައީ މީހަކު މެރުމުގެ ކުށުގައި ކަމަށްވާ ނަމަ، މަރުވި މީހާގެ އާއިލާގެ މެންބަރުންނަށް ވެސް އެ މަރުހަލާ ބެލުމަށް ހާޒިރުވުމުގެ ހައްގު ލިބިދީފައިވެއެވެ.
ހުކުމް ތަންފީޒުކުރުމަށް ފަހު ހަށިގަނޑާ މެދު އަމަލުކުރާނެ ގޮތް ވެސް ބިލުގައި ވަނީ ސާފުކޮށްދީފައެވެ. އެގޮތުން އަދަބު ތަންފީޒުކޮށް ނިމުމުން ހަށިގަނޑު އާއިލާއާ ހަވާލުކުރަން ޖެހޭނެ ކަމަށާއި، އާއިލާގެ އެއްވެސް ފަރާތަކުން ހަށިގަނޑާ ހަވާލުނުވެއްޖެ ހާލަތެއްގައި ކަށުކަމާކެމީގެ އެންމެހައި ކަންކަން ކުރިއަށްގެންދަން ޖެހޭނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ތަންފީޒުކުރުން ފަސްކުރެވޭނެ ހާލަތްތައް
މަރުގެ ހުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން ފަސްކުރަން ޖެހޭ ހާއްސަ ހާލަތްތަކެއް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން އަންހެން ކުށްވެރިއަކު ބަލިވެއިނދެއްޖެ ހާލަތެއްގައި، ވިހައި ގަދަވެ ދަރިފުޅަށް ދެ އަހަރު ފުރެންދެން އަދި ތުއްތު ދަރިއަކު އޮތް ނަމަ އެ ކުއްޖާއަށް ދެ އަހަރު ވަންދެން ހުކުމް ތަންފީޒުކުރުން ފަސްކުރަން ޖެހެއެވެ.
މީގެ އިތުރުން، ހުކުމް މުރާޖައާކުރުމަށް ކޯޓަށް ހުށަހަޅާފައިވާ ނަމަ އެ މައްސަލައަކާ މެދު ގޮތެއް ނިމެންދެން ނުވަތަ އަދަބު ތަންފީޒުކުރުން ފަސްކުރުމާ މެދު ގާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ނަމަ އެ މައްސަލައެއް ނިމެންދެން ހުކުމް ތަންފީޒުކުރުން ފަސްކުރަން ޖެހޭނެއެވެ.
ހަމައެހެންމެ ކުށްވެރިޔާގެ ޖިސްމާނީ ސިއްހީ ހާލަތު ނުވަތަ ނަފުސާނީ ހާލަތު އާދަޔާ ހިލާފަށް ދަށްވެފައިވާ ހާލަތްތަކުގައި ވެސް، އެ ހާލަތުން އަރައިގަނެ ދުޅަހެޔޮ ސިއްހަތަކަށް ރުޖޫއަވަންދެން އަދަބު ތަންފީޒުކުރުން ފަސްކުރަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މަރުގެ އަދަބު ތަންފީޒުކުރުމާއި، އެކަމާ ގުޅުންހުރި އެންމެހައި ކަންކަމުގެ އިތުރުން އަދަބު ތަންފީޒުކުރުން ފަސްކުރުމާ މެދު އެންމެ ފަހުގެ ގޮތް ނިންމުމުގެ ބާރު މި ބިލުން މަތިކޮށްފައިވަނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ޕެނަލަކަށެވެ.

