ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ހާލަތަކަށް ބެލުމެއް ނެތި އިސްރާއީލު މީހުން ރާއްޖެ އެތެރެވުން އިމިގްރޭޝަންގެ އައު ގާނޫނުން މަނާވާނެ: ރައީސް

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ދަށުން، ވަކި މުއްދަތެއް އަދި ހާލަތެއް ނެތް ގޮތަށް އިސްރާއީލުގެ ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް މުތުލަގުކޮށް މަނާކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިމިގްރޭޝަންގެ މިހާރުގެ ގާނޫނުގައި ވެސް އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެއީ 7 އޮކްޓޯބަރު 2023 ގައި ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ހުއްޓާލައި ހާލަތު ބަދަލުވަންދެން ވަގުތީ ގޮތުން ގެނެސްފައި އޮތް އިސްލާހެއް ކަމަށެވެ.

ނަމަވެސް، އަލަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފަރުމާކޮށްފައި ވަނީ އެފަދަ އެއްވެސް ހާލަތަކަށް ނުވަތަ ޝަރުތަކަށް ރިއާޔަތްކުރުމެއް ނެތި، ދާއިމީ އަދި މުތުލަގު ގޮތެއްގައި އިސްރާއީލު މީހުން އެތެރެވުން މަނާވާނެ ގޮތަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

”މިހާރުގެ ބިލުގައި އެ ހާލަތަށް ރިއާޔަތްނުކޮށް މުތުލަގަށް އަޅުގަނޑުމެން ބަޔާންކޮށްފައި އޮންނާނެ އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެކަމަށް. އެހެންވީމާ ވަރަށް ފާމްކޮށް ނޫނީ ވަރަށް ސާފުކޮށް އަޅުގަނޑުމެން މިބަޔާންކުރަނީ އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެކަމަށް. އެއީ ވަކި ކަމަކާ ގުޅުވައިގެންނެއް ނޫން،“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ލާއިންސާނީ އަމަލުތަކަކީ ދިވެހިރާއްޖެއިން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ސަރަހައްދަށް އެ ގައުމުގެ މީހުންނަށް ވަނުމުގެ ފުރުސަތު ނުދިނުމަކީ ދިވެހި އެންމެހައި ރައްޔިތުން ވެސް ނުހަނު ބޮޑަށް އެދޭނެ ގޮތް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަލަސްތީނުގެ ހައްގުގައި އަދި އިސްރާއީލާ ދެކޮޅަށް ވަކާލާތުކުރުމުގައި ރާއްޖެއިން ކުރިން ދުވަހަކުވެސް ނުކުރާ މިންވަރަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން، ތާރީޚުގައި ފުރަތަމަ ފަހަރަށް އިސްރާއީލާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވެ، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ތެދުވެފައިވާ ކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

މީގެއިތުރުން، ދުނިޔޭގެ އެކި ބައިނަލްއަގުވާމީ މަންސަތަކުގައްޔާއި ސަރަހައްދީ ބައްދަލުވުންތަކުގައި، އިސްރާއީލުގެ އުދުވާނާ ދެކޮޅަށް ރާއްޖެއިން ގެންގުޅޭ ހަރުދަނާ ވިސްނުމާއި ސިޔާސަތު އެއްވެސް ފަސްޖެހުމެއް ނެތި ހާމަކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: