ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކަށް އަނިޔާއެއް ދޭ އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތް، ގާނޫނު ހަމަހަމަވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރުކޮށް، އަދަބު ދިނުމަކީ ދުވަހަކުވެސް މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށާއި، އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ ކުޑަކުއްޖަކާ ގުޅޭ ވަރަށް ސީރިއަސް މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއްގައި މިދިޔަ ހޯމަ ދުވަހު ޝާހިދު ހައްޔަރުކޮށް ބަންދަށް ވަނީ 30 ދުވަސް ޖާހަފަ އެވެ. ޝާހިދުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވި، އެ ވާހަކަތައް ސޯޝަލް މީޑިއާގައި ދެކެވުނު ނަމަވެސް ފުލުހުން އަދި ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މިއީ ސިޔާސީ ގޮތުން ހިންގަން އުޅޭ އަމަލެއްގެ ގޮތުގައި ތުހުމަތުކޮށް، ހައްޔަރު ކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން ޝާހިދު ”އެކްސް“ ގައި ޕޯސްޓެއް ކުރެއްވި އެވެ.

2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ ޝާހިދަށް ތާއީދު ކުރާ ފަރާތްތަކުން ވެސް ވަނީ މިއީ އޭނާގެ މައްޗަށް އުފައްދާފައިވާ އެއްވެސް އަސާސެއް ނެތް ތުހުމަތެއްކަމަށް ބުނެފަ އެވެ. އަދި އެމްޑީޕީގެ އެހެން ފެކްޝަންތަކާއި، ސަރުކާރަށް ވެސް ތުހުމަތުތައް އަމާޒު ކުރި އެވެ.

މި މައްސަލައިގައި ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރުމުން ރައީސް ވިދާޅުވީ، ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު މިހާތަނަށް މި ސަރުކާރުން ހައްޔަރުކޮށްފައ ނުވާނެކަމަށާއި، މިއީ ކުރިއަށް އޮތް ތަނުގައި ވެސް ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ސިޔާސީ ގޮތުން ދައުވާކުރުމާއި، ބަދަލުހިފުމުގެ ވިޝަސް ނެވަރ އެންޑިންގ ސައިކަލް ނިމުމަކަށް ގެނައުމަކީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ވައުދާ އެއްގޮތަށް އެ ސަގާފަތް މިހާރު ވަނީ ނިމުމަކަށް ގެނެވިފައި ކަމަށެވެ.

މީ ވަރަށް ސީ ރިއަސް ކުޑަކުއްޖަކާ ގުޅިފައިވާ ވަރަށް ސީރިއަސް ކަމެއް. އެހެންވީމަ މިކަމުގަ މީ އޮފެންޑަރަކީ ކޮންމެ މީހަކަށް ވިޔަސް އެ މީހަކާ ދޭތެރޭގަ ގާނޫނުގެ ތަފާތެއް ގެނެސްގެން ނުވާނެ

ރައީސް އިތުރަށް ވިދާޅުވީ، ކުށެއް ކުރި ކަމަށް ބެލެވޭ މީހަކާ ދޭތެރޭގައި ގާނޫނީ ހަމަތަކާއި އިޖުރާއަތްތައް ޑިއު ޕްރޮސެސް ފުރިހަމަކުރުމުގެ ފުރުސަތު ދައުލަތުގެ މުއައްސަސާތަކަށް ލިބެންޖެހޭނެ ކަމަށެވެ. އަދި އެ އިޖުރާއަތްތައް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް މި ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެކަމަށް ވިދާޅުވި އެވެ.

ހަމައެއާއެކު، ޤާނޫނުއަސާސީ ނަގަހައްޓައި ދެމެހެއްޓުމާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ޔަގީންކަން ރައްޔިތުންނަށް އަބަދުވެސް ދޭކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެއްވެސް ހާލަތެއްގައި މިއީ ސިޔާސީ ކަމެއް ނޫންކަމަށާއި، ސިޔާސީ ބޭނުމެއްގައި އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އެޅުމަކީ މިއަދާ ހަމައަށް ވެސް ކުރެއްވި ކަމެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ގައުމުގައި ގާނޫނާއި ގަވައިދު ތަންފީޒުވެ، ގާނޫނުގެ ވެރިކަން ހިނގަންޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: