ރާއްޖެއަށް އެކި ގައުމުތަކުން އަންނަ ބޭރުގެ އިންވެސްޓުމެންޓުތަކާއި، އެ ގައުމުތަކުގެ ވިޔަފާރިވެރިން ރާއްޖޭގައި ހިންގަން ރާވާ މަޝްރޫއުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ތަފާތު ވާހަކަތައް ފެތުރުމުގެ ސަބަބުން ލިބޭ ގެއްލުމަކީ އެތައް ޖީލަކަށް ދެމިގެންދާނެ ބޮޑު ގެއްލުމެއް ކަމަށް ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސަރުކާރުގެ ވަޒީރުންނާ އާންމު ރައްޔިތުން ސީދާ ސުވާލުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި ”އަހާ ފޯރަމް“ ގައި ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އެކި ގައުމުތަކާއެކު އަލަށް ސިޔާސީ ގުޅުން ގާއިމުކުރުމަށް ހާރިޖިއްޔާއިން އަބަދުވެސް މަސައްކަތްކުރަމުންދެއެވެ. އަދި ހަމައެއާއެކު، މިހާރު ވެސް ގުޅުން ގާއިމުކުރެވިފައި ހުރި އެކުވެރި ގައުމުތަކުގެ މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ދިމާވާ އެކި ދަތިތައް ހައްލުކޮށް، ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަކީ ވުޒާރާގެ މައިގަނޑު އެއް އަމާޒެވެ.
ގައުމުތަކާއެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ސީދާ މަންފާތަކަށް އަލިއަޅުއްވައިލައްވަމުން ވަޒީރު ވިދާޅުވީ، ދިވެހިންނަށް ދުރާލައި ވިސާ ނުނަގައި އެ ގައުމުތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ އިސްކަންދޭ ކަމެއް ކަމަށެވެ. މީގެ އިތުރުން ރާއްޖެއާއި އެ ގައުމުތަކާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތައް ގާއިމުކުރުމާއި، ވިޔަފާރިއާއި އިންވެސްޓުމެންޓުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
ހަމައެއާއެކު، ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ބޭނުންވާ ލުއި ލޯނުތަކާއި، ހިލޭ އެހީގެ ދަށުން ހިންގާ ތަރައްގީގެ މުހިންމު މަޝްރޫއުތައް ރާއްޖެއަށް ހޯދުމަށްޓަކައި ބޭރު ގައުމުތަކާ އެކު މެދުކެނޑުމެއް ނެތި ސަރުކާރުން މަޝްވަރާތައް ކުރިއަށްގެންދާކަން ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ހާރިޖީ ސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާއިރު، ބައެއް ފަރާތްތަކުން ދައްކާ ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ބޮޑެތި ލޮޅުންތައް އަރާކަމަށް ވަޒީރު ވިދާޅުވިއެވެ. މިފަދަ އަމަލުތަކުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ސީދާ ރައްޔިތުންނަށް ފޯރައި، ދިވެހިން ބޭރު ގައުމުތަކަށް ކުރާ ދަތުރުފަތުރުތަކަށް ވެސް ހުރަސްތައް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެކަމަނާ އިންޒާރު ދެއްވިއެވެ.
މިކަމާ ގުޅިގެން ވަޒީރު އިރުތިޝާމް ވަނީ ރައްޔިތުންނަށް ހާއްސަ އިލްތިމާސެއް ކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ދިވެހި ރައްޔިތުން ރާއްޖެއިން ބޭރަށް ދަތުރުކޮށް އުޅޭއިރު، ރާއްޖޭގެ ރީތި ނަމާއި ގައުމީ ސިޔާދަތު ހިފެހެއްޓުމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އަދި އެހެން ގައުމުތަކުގެ ގާނޫނުތަކަށާއި ގަވާއިދުތަކަށް ފުރިހަމައަށް އިހުތިރާމުކޮށް، ދިވެހިންނަށް ލިބިފައިވާ ހާއްސަ އިނާޔަތްތަކާއި ފައިދާތައް ނުގެއްލޭނެ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ ރަސްމާލެ މަޝްރޫއަށް އަލިއަޅުއްވައިލައްވަމުން ވަޒީރު ވިދާޅުވީ، މިއީ ބޭރު ގައުމަކާ ގުޅިގެން ރައްޔިތުންނަށް ގިނަގުނަ މަންފާތަކެއް ހޯދައިދިނުމަށް ފަރުމާކުރެވިފައިވާ ބޮޑު މަޝްރޫއެއް ކަމަށެވެ. ނަމަވެސް، ވަކި ބަޔަކު ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ދައްކާ ވާހަކަތަކުގެ ސަބަބުން، އެ މަޝްރޫއާ ގުޅުންހުރި ގައުމާއެކު އޮތް ގުޅުމަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވިއެވެ.
މީގެ ކުރީގެ މިސާލެއް ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، މާޒީގައި އޮތް ސަރުކާރެއްގެ ދުވަސްވަރު އިދިކޮޅު ފަރާތްތަކުން ސައުދީ އަރަބިއްޔާއާ ގުޅުވައިގެން ހިންގި މަޝްރޫއަކަށް އަމާޒުކޮށް ކުރިމަތިކުރި ހޫނު ފާޑުކިޔުންތަކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ މަޝްރޫއު ކުރިއަށް ނުގެންދެވި ހުއްޓުމަކަށް އައިސް، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް ބޮޑެތި ބުރޫތަކެއް އެރިކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ.
ވަޒީރު އިރުތިޝާމް ވިދާޅުވި ގޮތުގައި، ރަސްމާލެ މަޝްރޫއަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތަކެއް އެކުލެވިގެންވާ މަޝްރޫއެކެވެ. އެހެންކަމުން ހާރިޖީ ދާއިރާގެ ނަޒަރިއްޔާތުން ބަލާއިރު، އެ ގައުމާއެކު އޮތް ގުޅުން ދެމެހެއްޓުމަކީ ފުންކޮށް ވިސްނައި އިސްކަންދޭންޖެހޭ ކަމެކެވެ. އަދި ބޭރުގެ އިންވެސްޓަރުންނާއި މަޝްރޫއުތަކާ ގުޅުވައިގެން ފަތުރާ އަސްލެއް ނެތް ވާހަކަތަކުން ގައުމުތަކާ އޮންނަ ގުޅުމަށް ލިބޭ ގެއްލުމަކީ ހަމައެކަނި މިއަދު ތަހައްމަލުކުރަންޖެހޭނެ ކަމެއް ނޫން ކަމަށާއި، އޭގެ ހިތި ނަތީޖާ ކުރިމަގުގެ ޖީލުތަކަށް ވެސް ދެމިގެންދާނެ ކަމަށް ވަޒީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

