ސަރުކާރާއި ދައުލަތުގެ ހިއްސާވާ ކުންފުނިތައް ހިމެނޭހެން އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެ ފައިސާ ދައްކާނެ ގޮތެއް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ރާވާފައި ނެތް ކަމަށް ވިދާޅުވެ އޮޑިޓާ ޖެނެރަލް ހަސަން ނިޔާޒީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮޑިޓާ ޖެނެރަލް ވަނީ، ދައުލަތުގެ މި ދަރަނިތައް ހަލާސްކުރާނެ ހަރުދަނާ އިންތިޒާމެއް ނެތުމަކީ މުޅި އިގްތިސާދަށާއި ދައުލަތަށް ލިބެންޖެހޭ ޓެކްސް އާމްދަނީއަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާ ކަމެއްކަން ހާމަކުރައްވާފައެވެ.
އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި، ދައުލަތުން ދައްކަންޖެހި ނުދެއްކި ހުރި 7 ބިލިއަން ރުފިޔާގެ ތެރޭގައި ސަރުކާރުގެ އެކި ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ އަމިއްލަ ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާ ވެސް ހިމެނެއެވެ.
މި ފައިސާ ދެއްކުމަށް ބަޖެޓުގައި އެއްވެސް ޕްލޭނެއް ހިމަނާފައިވޭތޯ ކަމާބެހޭ ފަރާތްތަކުން ސާފުކުރުމުން، ބަޖެޓުގައި އެފަދަ އިންތިޒާމެއް ހިމެނިފައިނުވާކަން އެނގިފައިވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އެހެންކަމުން މި ފައިސާ ދައްކާނެ ސާފު ޕްލޭނެއް އޮތްތޯ މަޖިލީހުން ކަމާބެހޭ އިދާރާތަކުން އޮޅުންފިލުވައި ސާފުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ހިނގަމުންދާ އަހަރުގެ ފަހު ކުއާޓަރުގައި ދައުލަތުން ކުރަމުންދާ ހަރަދުތައް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގެ ތެރެއަށް ގެންދާއިރު، އެ ހަރަދުތައް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ފޫބެއްދޭނެތޯ ވެސް އޮޑިޓާ ޖެނެރަލް ސުވާލު އުފެއްދެވިއެވެ. މިފަދަ ހަރަދުތައް ފުނިޖެހި، ކުރިއަށް އޮތް އަހަރުގެ ބަޖެޓަށް ބުރަ ބޮޑުވަމުންދިއުމަކީ މާލީ ހަމަޖެހުމަށް އޮތް ބޮޑު ގޮންޖެހުމެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސަރުކާރުން އަމިއްލަ ފަރާތްތަކުން ހޯދާ ހިދުމަތްތަކާއި ތަކެއްޗަށް ދައްކަންޖެހޭ ބިލްތަކަށް ފައިސާ ނުދެއްކި ގިނަ ދުވަސްވުމުގެ ސަބަބުން، ވިޔަފާރިތަކުގެ ދައުރުވާ ފައިސާއަށް ދަތިވެ، ދައުލަތަށް ލިބެންޖެހޭ ޓެކްސް އާމްދަނީއަށް ބޮޑު އަސަރެއް ކުރަމުންދާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ. މިވަގުތު މީރާއަށް އެކި ފަރާތްތަކުން ޓެކުހުގެ ގޮތުގައި ނުދައްކާ ހުރި ފައިސާގެ ޖުމްލަ އަދަދު 22 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެ ފައިސާ ނުލިބި އިތުރުވަމުންދާ މައިގަނޑު އެއް ސަބަބަކީ ސަރުކާރުން އަމިއްލަ ފަރާތްތަކަށް ބިލްތައް ނުދެއްކުން ކަމަށް މީރާއިން ވެސް ފާހަގަކުރާ ކަމަށް ނިޔާޒީ ހާމަކުރެއްވިއެވެ.
ސަރުކާރުން ފައިސާ ނުލިބި ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމުގެ ގޮތުން މާލީ ވުޒާރާއިން މިފަހުން ވަނީ ހާއްސަ އުސޫލެއް އާންމުކޮށްފައެވެ. އެ އުސޫލުގެ ދަށުން، ސަރުކާރުން އަމިއްލަ ފަރާތަކަށް ދައްކަންޖެހޭ ފައިސާއާއި އެ ފަރާތުން މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ އެއްބަޔަކު އަނެއްބަޔަކަށް އަޅައިކެނޑުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ހަމަޖެހިފައިވާ އުސޫލަކީ:
- ވިޔަފާރިއަކުން މީރާއަށް ދައްކަންޖެހޭ ޓެކްސް، ސަރުކާރުން އެ ފަރާތަށް ދޭންޖެހޭ ފައިސާއަށް ވުރެ ބޮޑުވާނަމަ، ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް އަޅައިކެނޑުމަށްފަހު ބާކީ އަދަދު ވިޔަފާރިން މީރާއަށް ދެއްކުން.
- މީރާއަށް ދައްކަންޖެހޭ ޓެކްސް، ސަރުކާރުން ދައްކަންޖެހޭ ފައިސާއަށް ވުރެ ކުޑަވާނަމަ، ޓެކްސް އަދަދު އަޅައިކެނޑުމަށްފަހު ބާކީވާ ފައިސާ ސަރުކާރުން އެ ފަރާތަކަށް ދޫކުރުން.
ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދައްކަންޖެހި ނުދެއްކި ހުރި ބޮޑެތި އަދަދުތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ފެނަކަ ކޯޕަރޭޝަނުން އެކި ފަރާތްތަކުން ހޯދި ހިދުމަތްތަކާއި ސާމާނަށް ދައްކަންޖެހޭ ބިލްތަކެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ފެނަކައިގެ ހިންގުން ހުއްޓުމަކަށް ގެނެސް، އެ ކުންފުނީގެ މައިގަނޑު މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.

