ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުވެ، ހެޔޮ ވެރިކަމެއް ގާއިމުކުރެވެން އޮތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ”ސަންގުޓީވީ“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް ތާއީދުކުރައްވަނީ ބަރުލަމާނ ނިޒާމަކަށް ކަމަށެވެ. އަދި މިހާރު މިއޮތް ރިޔާސީ ނިޒާމުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން، ހުރިހާ ބާރުތަކެއް އެއްވެ، ހުދުމުޚުތާރު ވެރިކަމަކަށް މަގުފަހިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑަކީ އަބަދުވެސް ޕާލަމަންޓަރީ ނިޒާމަކަށް ތާއީދު ކުރާ މީހެއް. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނުވަތަ ތަނަވަސް އަޣުލަބިއްޔަތެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންނެވީމާ، ދެން އެހެން ހުރިހާ ބާރެއްވެސް ނެންގެވޭ. އެހެންވީމާ ވަރަށް ބޮޑަށް ހުދުމުޚުތާރު ބާރަށް އަދި މަޝްވަރާ ކުޑަވޭ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު ފޯރުވޭ ހާލަތްތަކުގައި، ޝަރުޢީ ދާއިރާއަށް ބާރުފޯރުވުމާއި، މަޝްވަރާ ކުރުމެއް ނެތި ކަންކަން ނިންމުމުގެ ސަބަބުން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ކަންކަން ނުނިމޭ ކަމަށެވެ.
މީގެ އިތުރުން، އެމަނިކުފާނު ތާއީދުކުރައްވާ ބަރުލަމާނީ ނިޒާމުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާ އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔާ ވަކިކުރެވިފައި ހުންނަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން ސަރުކާރު ހިންގާ ވެރިޔާއަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ބޭފުޅެއްގެ ގޮތުގައި ކަނޑައަޅައި، ދައުލަތުގެ ވެރިޔާގެ ބާރުތައް ސަރުކާރު ހިންގުމުގެ މައްޗަށް ނުހިނގާނެ ގޮތަކަށް ނިޒާމު ބައްޓަންކުރުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑަށް ފެންނަ ގޮތުގައި އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުވެގެންދާނީ ނިޒާމަށް ބަދަލެއް އައިސްގެން. ސަރުކާރުގެ ވެރިޔާއަކީވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ހޮވާ ވެރިއެއްގެ ގޮތުގައި ކަނޑައެޅުމަށް ފަހުގައި، ދައުލަތުގެ ވެރިޔާއާ ސަރުކާރުގެ ވެރިޔާ ދެމީހުން ތިބޭގޮތަށް ހަދަންޖެހޭ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ތާރީހަށް އަލިއަޅުއްވާލައްވަމުން، ރިޔާސީ ދައުރު ފެށޭ ތާރީހު ނޮވެމްބަރު 11 އިން ނޮވެމްބަރު 17 އަށް ބަދަލުވާން މެދުވެރިވި ސަބަބާ ގުޅޭގޮތުން ވެސް ރައީސް ނަޝީދު ވާހަކަދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވީ 2012 ވަނަ އަހަރު ބަޣާވާތަކުން އެމަނިކުފާނުގެ ސަރުކާރު ވައްޓާލުމަށްފަހު، 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރު ބާތިލުކޮށް، ކޯޓުތައް މެދުވެރިކޮށް އިންތިޚާބު ލަސްކުރުމުގެ ސަބަބުން ނޮވެމްބަރު 11 ގައި އައު ރައީސަކު ހުވާނުކުރެވުނު ކަމަށެވެ. އަދި އޭރުގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ގާނޫނުއަސާސީއާ ހިލާފަށް ނޮވެމްބަރު 17 އާ ހަމައަށް ވެރިކަމުގައި ދެމިހުންނެވުމަކީ މި ތާރީޚު ބަދަލުވެގެން ދިޔަ މައިގަނޑު ސަބަބު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

