ތިލަންދުންމަތީ އުތުރުބުރިއަކީ ދިވެހިރާއްޖޭގެ އެންމެ އުތުރުން އޮންނަ އިދާރީ އަތޮޅެވެ. ދިވެހި ގައުމީ ތާރީހާއި، ގުދުރަތީ ރީތިކަމާއި އަދި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ގޮތުން މި އަތޮޅަށް ހާއްސަ މަގާމެއް ލިބިފައިވެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ. ގެ ރަށްތަކަށް ފައްޔާޒް އިސްމާއިލް ވަނީ ވަޑައިގެންފައެވެ. މި ރަށްރަށަކީ ތާރީހީ ގޮތުންނާއި އަދި ގުދުރަތީ ގޮތުންވެސް މުއްސަނދި ރަށްތަކެކެވެ. ބައެއް ރަށްރަށުގެ އަބާދީ ބޮޑު އިރު އަނެއްބައި ރަށްރަށުގައި ދިރިއުޅެނީ މަދު އަބާދީއެކެވެ. ރަށްރަށުގެ ތަރައްގީގެ މަޝްރޫއު ތަކާއި ރައްޔިތުން ބޭނުންވާ ކަންކަމަށް މަޝްވަރާކޮށް ދޮރުން ދޮރަށް ވަޑައިގެން ބޭނުންވާ ކަންކަމަކީ ކޮބައިތޯ އެއްސެވިއެވެ.

އިގްތިސޯދީ ސިޔާސަތުން ރައްޔިތުންނަށް ކުރާ އަސަރު:
ރައްޔިތުންގެ ހިޔާލު އަދި ބޭނުންތައް އޮތީ އެހެން ރަށްރަށުގެ ރައްޔިތުންނާއި ހަމަ އެގޮށްތަށެވެ. އެންމެންވެސް އެދުނު އެއްކަމަކީ ތަކެތީގެ އަދު އިންތިހާއަށް ބޮޑުވުމެވެ. ބައެއް ރަށްރަށުގައި ދިރިއުޅެނީ ހަމައެކަނި މުސްކުޅި ދެމަފިރިން ނުވަތަ ބޮޑު އާއިލާއެވެ. ގޮޮންޖެހުންތަކާއި ތަކުލީފުތައް ހުރީ ހަމަ އެއްގޮށްތަކަށެވެ. ގިނަ ރަށްރަށުން އެދުނީ ކާބޯތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި އޮތުމަށެވެ.
”ބޭނުންވަނީ ހަމަ އެއްކަމެއް، ކާބޯތަކެތި އަގު ހިފެހެއްޓުން“ ބޭބެއަކު ވާހަކަ ދައްކަމުން އެދިފައިވެއެވެ.
ރަށުގައި ދިރިއުޅުމަކީ ކިތަންމެ ހިތްފަސޭހަ ކަމަކަށް ވީނަމަވެސް އެ ހިތް ފަސޭހަކަން އެމީހުންނަށް އިހުސާސް ނުވެއެވެ. ދިރިއުޅުމުގެ ހަގީގަތާއި ކުރިމަތިލާން ޖެހުމުން އެ ހިތްފަސޭހަކަމުގެ އިހުސާސް ކުރަން އެމީހުންނަށް އުނދަގޫވެއެވެ. ގިނައިން ކުރާ ކަމަކީ ދަނޑުވެރިކަން ކޮށްގެން ކާބޯތަކެތި ހައްދައިގެން އެތަކެތި ބޭނުން ކުރުމެވެ. އެހެންނަމަވެސް އެއީވެސް މި މައްސަލައަށް ޖުމްލަ ހައްލެއް ނޫނެވެ.
”ޑޮކްޓަރަށް ދައްކަން ދިޔައިމާ ޑޮކްޓަރު ބުނަނީ ސިއްހަތަށް ފައިދާހުރި އެއްޗެހި ކާށޭ، އެކަމަކު އޭޗިސް ކެވޭނެ ގޮތެއް ނެތް. އަތް ފޯރާ ފަށުގައި އެއްޗެއް ނުހުރޭ“ ދައްތައަކު އޭނާގެ ކަންބޮޑުވުން ހިއްސާކުރިއެވެ.
ބާރަށުގައި ދައްތައަކު އޭނާގެ ދިރިއުޅުމުގެ ހާލަތު ހިއްސާކުރުން —- ފޮޓޯ | އަބްދުﷲ އިޔާން
މި ކަންކަމުގެ މަޝްވަރާގައި ފައްޔާޒް ވިދާޅުވީ މިއީ އެންމެ ކަމެއް ކޮށްގެނެ ގެވޭނެ ބަދަލެއް ނޫން ކަމަށެވެ. މިއީ އެއަށްވުރެ ބޮޑު މައްސަލައެއް ކަމަށާއި ހަގީގަތާއި އެންމެންވެސް ކުރިމަތިލާން ޖެހޭނެ ކަމަށެވެ. މިހާރު އަޅަމުންގެންދާ ފިޔަވަޅުތައް އެއްކޮށް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެ ފައްޔާޒް ފާހަގަކުރެއްވީ އޭގެން އިތުރު ގެއްލުންތަކެއް ވާކަމަށެވެ. ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، އެއީ ހައްލު ގެނައުމަށް ދިގު މުއްދަތަކަށް މަސައްކަތް ކުރަންޖެހޭ ދާއިރާއެއް ކަމަށް ފާހަގަކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ ގެންނަން ޖެހޭނީ ރަނގަޅު އިގްތިސޯދީ ބަދަލެއް ކަމަށާއި، ސިނދަފާތު ކުރުމާއި، އަދި ތެލަށް ކުރާ ހޭދަ އިންތިހާއަށް ކުޑަ ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ކުރު މުއްދަތެއްގައި އެޅޭގެ ފިޔަވަޅަށް ވުރެ ބޮޑަށް ދިގު ރާސްތާގައި މިކަމަށް ހައްލު ލިބޭ ގޮތަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން:
މި އަތޮޅުގައި ރައްޔިތުން ކުރާ އަމިއްލަ ވިޔަފާރި އިތުރުކަން ފާހަގަކުރެވުނެވެ. އުމުރުން ދުވަސް ވީ މީހެއް ނަމަވެސް، މެދުއުމުރެ މީހެއް ނަމަވެސް އަދި ޒުވާނެއް ނަމަވެސް އަމިއްލަ މަސައްކަތެއް ކޮށްގެން މަސައްކަތް ކުރާ މީހުން ގިނައެވެ. ނޫންނަމަ ބަޔަކަށް އަޅުވެތި ވުމުގެ ބަދަލުގައި އަމިއްލަ މަސައްކަތެއް ފަށަން ބޭނުންވާ އެތައް ބަޔެއް ދިރިއުޅެވެ. އެހެންނަމަވެސް މިކަމަކީ މިއީ ރާއްޖޭގެ އިގްތިސޯދާއި، ބޭރުފައިސާގެ ދަތިކަމާއި ވަސީލަތްތަކުގެ ދަތިކަމަކީ މިއަދު މި އަތޮޅުގެ ރައްޔިތުންނަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

މީގެއިތުރުން ވެރި ރަށް މާލޭގައި ވިއްކާ އަގުގައި ތަކެތި ނުވިއްކުމާއި، އަގު ކަނޑައެޅުމުގައި ހުރި ދަތިތަކާއި، އަދި ހާއްސަގޮތެއްގައި ތަކެތި ގެނައުމަށް ވިޔަފާރިވެރިން ކުރާ ހޭދަ ބޮޑު ވުމަކީ މިއީ މިއަދު އެކަމަކަށް ހައްލު ބޭނުންވެފައިވާ ކަންކަމެވެ.
ފައްޔާޒްގެ ސިޔާސަތުގެ ދަށުން ހުށައަޅުއްވާފައިވާ އެންމެ މައިގަނޑު އެއް ސިޔާސަތަކީ 10،000 ވިޔަފާރިވެރިން އުފެއްދުމެވެ. އެ މގޮީހުންނަށް ފުރުސަތުތައް ފަހި ކޮށްދިނުމާއި، އެމިހުންނަށް ބޭނުންވާ ”ޓެކްނިކަލް“ ސްޕޯޓު ދިނުމާއި މިކަންކަން މި ސިޔާސަތުގައި ހިމެނޭނެއެވެ. އަދި ތަކެތި ގެނައުމަށް ރަނގަޅު ނިޒާމެއް އެކުލަވާލައި، އަގު ކަނޑައެޅުމުގައި ވިޔަފާރިވެރިންނަށް ފައިދާއެއް ވާނެ ގޮތަކަށް ކަންކަން ތަރުތީބު ކުރުމަކީ އެއީ ސިޔާސަތުގެ ތެރޭގައި ހިމެނޭނެ ކަމެކެވެ.
ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ ދައުރު:
ދިރިއުޅުމުގައި ހަގީގީ ގޮންޖެހުންތައް ކޮންމެ ދުވަހަކުވެސް ތަހަންމަލުކޮށް، އެކަންކަމަށް ހައްލު ގެނެސްގެން އަމިއްލަ ދިރިއުޅުން އާރާސްތު ކުރުމަށް މަސައްކަތް ކުރާ މީހުންނަކީ އަންހެނުންނެވެ. ހއ ގެ ރަށްތަކުންވެސް މަސައްކަތްތެރި އަންހެނުންނާއި ދިމާވި އިރު، އެމީހުންނަކީ އަމިއްލަ ދިރިއުޅުމުގައި ވަރަށް ބޮޑެތި ގުރުބާނީތަކެއްވެސް ވާ ބައެކެވެ. ހާއްސަގޮތެއްގައި ދަރިން ނާއި ފިރިންނަށް އަދާކޮށްދޭން ޖެހޭ ޒިންމާތަކުން ދުރަށް ނުގޮަސް، ގޭގައި ހުރެގެން އާމްދަނީއެއް ހޯދުމަކީ އެމީހުން ކުރާ އުންމީދެކެވެ. އެހެންނަމަވެސް އެކަން ކަމަށް އެއްބާރުލުމެއް ނުލިބުމާއި މާލީ ގޮންޖެހުންތަކަކީ ވަރަށް ބޮޑަށް އަންހެން ވެރިން ހިއްސާކުރި ކަން ބޮޑުވުމެކެވެ.

އެކި ދާއިރާތަކުން ކުރިއަށް ދާން ބޭނުންވާ އަންހެނުންނަށް އެ ފުރުސަތު ފަހިކޮށްދީ، އަދި ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް އެކަންކަން ފަހިކޮށްދިނުމުގެ ސިޔާސަތު ފައްޔާޒް ހުށައެޅުއްވިއެވެ. ވިދާޅުވީ ސިޔާސަތު ކަންޑައެޅުމާއި، މަޝްވަރާކުރުމާއި އަދި ތަންފީޒީ މަރުހަލާގައި އަންހެނުންގެ ދައުރު ފުޅާ ކުރަންޖެހޭ ކަމަށެވެ. މަޖިލީހާއި ކައުންސިލްގައި އަންހެނުން ތަމްސީލް ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. ފައްޔާޒް ގަބޫލުފުޅު ކުރައްވަނީ އެމީހުންނަށް ކަންކަމުގައި ހައްލު ގެނައުމަށް ފަސޭހަ ވުމެވެ.
ނިޒާމީ ބޮޑު ބަދަލުތައް:
ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހުށައަޅާފައިވާ ހައްލަކީ ”ބޮޑު ބަދަލުގެ“ ސިޔާސަތެވެ. އެމްޑީޕީގެ ކޮންގްރެސްއިން ފާސްކޮށް ބަލައިގެންފައިވާ މި ސިޔާސަތުގައި ބޮޑެތި ބަދަލުތަކެއް ހުރީ ހިމަނާފައެވެ. ހާއްސަގޮތެއްގައި ރައްޔިތުންގެ ބަސް ގައުމުގެ ނިންމުންތަކުގައި ހިމެނުމާއި، ރައްޔިތުންގެ އިތުބާރު އަލުން ހޯދުމުގެ މަސައްކަތް މިއީ މި ސިޔާސަތުގައި ހިމެނޭ ކަމެކެވެ. ގައުމުގެ ކަންކަން ދަނީ ގޯސްކޮށް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެކަން ބަދަލުކުރަން ކޮންމެވެސް މީހެއް މނުވަތަ ބަޔަކު މަސައްކަތް ކުރަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވއިެވެ.
މި ރާއްޖެއަށް ބަދަލު ގެންނަން ބޭނުންވާނަމަ ލާ މަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ކައުންސިލްތަކަށް އެ ބާރުތައް ދޭން ޖެހޭ ކަމަށް ފައްޔާޒް ވަކާލާތު ކުރެއްވިއެވެ. ފައްޔާޒް ވިދާޅުވީ ރަށްރަށުގެ މަޝްރޫއުތަކުގެ ޒިންމާ ނަގާން ޖެހޭނެ ބަޔަކީ ކައުންސިލުން ކަމަށާއި، މައި ސަރުކާރުން ދޭނީ ބަޖެޓު ކަމަށެވެ. އެހެންނަމަވެސް ގައުމީ ބޮޑެތި ޕްރޮޖެކްޓުތައް މައި ސަރުކާރުން ބަލާނެ ކަމަށާއި، ރަށްރަށުގެ ހިދުމަތްތައްވެސް އެރަށެއްގެ ކައުންސިލުން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ނަތީޖާއަކަށް ވެގެންދާނީ ރަށްރަށުގެ މަޝްރޫއތައް ކުރިއަށް ނުދިއުމުން ރައްޔިތުންނަށް ސަރުކާރުން ޖަވާބުދާރީ ކުރުވަން އުޅުމުގެ ބަދަލުގައި ކައުންސިލު ޖަވާބުދާރީ ކުރުވުމެވެ. އަދި ނިޒާމީ ބަދަލުތައް ގެނައުމަށް ސަރުކާރަށް ފަސޭހަވެ، މައި ސަރުކާރަކީ އެ ރަށްރަށުގައި ކަންކަން ދާ ގޮތް ބެލުން ނުވަތަ “ ނުވަތަ އޯވަރ ސީ“ ކުރާ ބައެއްގެ ގޮތުގައި އޮތުމެވެ. އަދި އިތުރު ސިޔާސަތުތައް ތަންފީޒު ކުރުމަށް މައި ސަރުކާރަށް ފަސޭހަ ވެގެން ދިޔުމެވެ.
ދަތުރުގެ ތެރެއިން ފާހަގަކުރެވުނު ކަމަކީ ރައްޔިތުންގެ ހިޔާލާއި ފިކުރު ހުރީ ތަރައްގީއަށް ފެން ބޮވައިގެންފައި ކަމެވެ. ވެރި ރަށަށް ކަންކަމުގައި ދިއުން އެމީހުންނަށް ވަނީ ތަކުލީފަކަށް ވެފައެވެ. މިއީ އުފުލޭ ވަރަށް ވުރެ ހަރަދު ބޮޑު ކަމެއް ކަމަށާއި، އަދި ނިޒާމުގައި ބާގަނޑު ހުރުމުގެ ނަތީޖާއެވެ. މިކަމަށް ބޭނުންވަނީ ރަނގަޅު ޕްލޭނަކާއި ސިޔާސަތެކެވެ. ސުވާލަކަށް އޮތީ މިހާ ގޯސް ހާލަތެއްގައި އޮތް ގައުމެއް ރަނގަޅުކުރަން އެންމެ މޮޅަށް ސިޔާސަތު ހުށައަޅަނީ ކާކުތޯއެއް ނޫނެވެ. ހުށައަޅާ ސިޔާސަތު ތަންފީޒު ކުރެވިދާނެ ތޯ ނުވަތަ ނޫން ތޯއެވެ.


