ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ މޭޔަރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދަން އެމްޑީޕީން ގޮވާލައިފި

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެ ރަށުގެ އާބާދީގެ ހިސާބުތައް އޮޅުވާލި ކަމަށް ބުނެ، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތައް ވަގުތުން އަނބުރާ ގެންދިއުމަށް އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން ގޮވާލައިފިއެވެ.

އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ސައުދުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން އުފުލާފައިވާ ދައުވާތަކަކީ އެއްވެސް އަސާސެއް ނެތް، ސިޔާސީ ނިޔަތެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ.

އެގޮތުން ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތައް ބިނާކޮށްފައިވަނީ ތިނަދޫ ކައުންސިލުން ނިންމި ނިންމުމަކާ ގުޅިގެން ކަމަށް ވާއިރު، ކައުންސިލްގެ ނިންމުމަކަށް މޭޔަރު ފަރުދީ ގޮތުން ޒިންމާވާންޖެހުމަކީ ޤާނޫނުއަސާސީއާއި ޤާނޫނީ އާންމު ހަމަތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ، ސައުދުއާ ދެކޮޅަށް މައްސަލަ ބަލައި ދައުވާ އުފުލުމުގައި ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އަމަލުކޮށްފައިވަނީ އާންމު އުސޫލުތަކާ ޚިލާފަށް އާދަޔާޚިލާފު އަވަސް މިނެއްގައި ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގައި ވެސް މައްސަލަ ކުރިއަށް ގެންދާ ގޮތަށް ބަލާއިރު، އެހެން މައްސަލަތަކާ ޚިލާފަށް މި މައްސަލައިގައި ވީ އެންމެ އަވަހަކަށް ހުކުމެއް ކުރުމަށް އަމާޒު ހިފާފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

އެމްޑީޕީން ތުހުމަތުކުރި ގޮތުގައި، މި ދައުވާތައް ކޯޓަށް ހުށަހަޅާފައިވަނީ ސައުދު އަލުން މޭޔަރުކަމަށް އިންތިޚާބުވިޔަސް މަގާމު ގެއްލުވާލައި ޖަލަށްލާނެ ކަމަށް ބުނެ، ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ އާންމު ތަނެއްގައި އިންޒާރު ދެއްވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ. އެހެންކަމުން، ސިޔާސީ ހަރަކާތްތެރިންނާއި އިންތިޚާބީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކަށް އަމާޒުކޮށް ހިންގާ މިފަދަ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ދައުވާތައް އަނބުރާ ގެންދިއުމަށް އެމްޑީޕީން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.

މި މައްސަލައިގައި މި މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ، މި މަހުގެ 25 ގެ ކުރިން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް އަދި 29 ގެ ކުރިން ދިފާއީ ހެކި ހުށަހެޅުމަށް ސައުދަށް ފުރުސަތު ދީފައެވެ. އަދި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހަށެވެ.

ސައުދުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަސާސީ އަދަބު އެއްކޮށްލުމުން ޖުމުލަ 2 އަހަރާއި 1 މަސްދުވަހުގެ ޖަލު ހުކުމެއް އާދެއެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށަށް ކަނޑައެޅިފައިވާ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު އަދަބާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަސާސީ އަދަބު ކަމުގައިވާ 4 މަހާއި 24 ދުވަހުގެ ޖަލު އަދަބެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައިވަނީ 31 އޮގަސްޓް 2023 ގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދެވި ދުވަސްވަރުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: