ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތަކުގެ ހުރުމަތް ތަކުރާރުކޮށް ކަނޑަމުންދާ މީހަކު ނަމާދަށް ހުރި މީހެއްގެ ކުރިމަތީ ބަރަހަނާވި މައްސަލައިގައި އަނެއްކާވެސް ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތްތަކުގެ ހުރުމަތް ކަނޑައި، ތަކުރާރުކޮށް އެކި ކުށްތަކަށް އަރައިގަތުމުގެ ސަބަބުން މީގެ ކުރިން އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާ ނައުޝާދު މޫސާ، ނަމާދަށް ހުރި މީހެއްގެ ކުރިމަތީގައި ބަރަހަނާވި މައްސަލައެއްގައި ފުލުހުން އަނެއްކާވެސް އޭނާ ހައްޔަރުކޮށްފިއެވެ.

މިފަހަރު އޭނާ ހައްޔަރުކޮށްފައި ވަނީ މާލޭގެ މަސްޖިދުލް ފުރުގާން (ފުރުގާން މިސްކިތް) ގެ އަންހެނުން ނަމާދުކުރާ ބައިގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ، ހުތުރު އަމަލުތަކެއް ހިންގި މައްސަލައެއްގައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގ. މާލޭހިޔާ 2، 02-13، އުމުރުން 32 އަހަރުގެ ނައުޝާދު މޫސާއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިސްކިތުގެ އަންހެނުން ނަމާދުކުރާ ބައިގައި އަންހެނަކު ނަމާދަށް ހުއްޓައި، އޭނާގެ ކުރިމަތީގައި ނައުޝާދު ބަރަހަނާވި މައްސަލަ އަނިޔާ ލިބުނު ފަރާތުން ފުލުހަށް ހާޒިރުވެ ރިޕޯޓުކުރުމާ ގުޅިގެން މިހާރު ދަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

މި ހާދިސާ ހިނގުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް، ފުރުގާން މިސްކިތުގެ ތެރެއަށް ގަޟާހާޖާކުރި މައްސަލައެއްގައި ނައުޝާދު ހައްޔަރުކުރިއެވެ. މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައި، އެ ތަނުގެ ތެރެއަށް ގަޟާހާޖާކުރި ތުހުމަތުގައި އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ.

އެ މައްސަލައިގެ ޝަރީއަތް ނިމި، އޭނާގެ މައްޗަށް ކުށް ސާބިތުވެގެން އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް ކޯޓުން ކަނޑައެޅިއެވެ. ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރުގެ ދަށުން އޭނާ ބަންދުގައި އެއް މަހާއި 21 ދުވަސް ހޭދަކޮށްފައިވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުން އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ނިންމައި ކޯޓުން އޭނާ މުޖުތަމައަށް ދޫކޮށްލިއެވެ. ދޫކޮށްލުމާއެކު، އޭނާ އަނެއްކާވެސް އެ މިސްކިތުގައި އުޅެ، އެތަނުގައި ނިދާފައި އޮންނަ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ނައުޝާދަކީ މީގެ ކުރިން ވެސް ފުރުގާން މިސްކިތަށް އެކި ގޮތްގޮތުން ގެއްލުންދީގެން ތަކުރާރުކޮށް ހައްޔަރުކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި:

  • ފުރުގާން މިސްކިތުގައި ހުރި ކީރިތި ގުރުއާނުގެ ހަތިމުތައް އުކާލުމާއި، މިސްކިތުގެ މުދަލަށް ގެއްލުންދިނުން.
  • މިސްކިތުގެ ކަރަންޓު ބޯޑުތަކެއް ހަލާކުކޮށްލައި ބޮޑެތި ގެއްލުންތަކެއް ދިނުން.
  • މިސްކިތުގައި ތިބި އަންހެނުންތަކަކަށް އޭނާގެ ޖިންސީ ގުނަވަން ދެއްކި މައްސަލައެއް.

މިފަދަ ނާތަހުޒީބު އަދި ނުރައްކާތެރި އެތައް އަމަލެއް ތަކުރާރުކޮށް ހިންގަމުންދާ އިރު، ކޮންމެ ފަހަރަކު ވެސް ކުޑަ ދުވަސްކޮޅަކަށް ބަންދުކުރުމަށްފަހު މުޖުތަމައަށް ދޫވެގެން ދިއުމަކީ އާންމުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ ކަމެކެވެ.

ފުލުހުން ބުނެފައިވަނީ، މިފަހަރުގެ ހާދިސާއާ ގުޅިގެން ނައުޝާދު އަލުން ހައްޔަރުކޮށްފައިވާ ކަމަށާއި، ކަމާބެހޭ ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މީގެ ތެރޭގައި އޭނާގެ ނަފްސާނީ ހާލަތު ދެނެގަތުމާއި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: