ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން އަންގަވައިގެން ނައިފަރު ދާއިރާގެ މެންބަރު، ޕީ.ޕީ.އެމް. ގެ ނާއިބު ރައީސް އަހްމަދު ޝިޔާމަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކޮށް މައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާކަމަށް ޕީޕީއެމް،ޕީއެންސީކޯލިޝަނުން ބުނެފިއެވެ.
މަޖިލީޙުގެ ޖަލްސާގައި ހިނގާދިޔަ ކަންތަތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ސުޕްރީމް ކޯޓުން ދެއްވާފައިވާ އިސްތިޝާރީ ލަފައާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ޤާނޫނުއަސާސީ އަށް އިސްލާޙު ގެނައުމަށް ޓަކައި 2020 ޖޫން 1 ވަނަ ދުވަހުގެ ރޭ ދަންވަރު (2 ޖޫން 2020 ގެ 1:30ގައި) ކުރިއަށް ގެންދާ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އެންގެވުމަށް މަޖލީހުގައި ތިބި އެމްޑީޕީ މެންބަރުންނާއި ސަރޖަންޓް އޮފް އާރމްސް ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު، ޕީ.ޕީ.އެމް ގެ ނާއިބު ރައީސް އަޙްމަދު ޝިޔާމްގެ ހަށިކޮޅަށް އަތްލާ ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށާއި އެ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް މައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލާ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޤާނޫނާ ޚިލާފަށް ބާއްވި މަޖިލީހުގެ ޖަލްސާގައި، ރިޔާސަތުން ދައްކަވަމުން ގެންދެވި ވާހަކައަކާއި ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު، އަޙްމަދު ޝިޔާމް ނިޒާމާ ބެހޭ މައްސަލައެއް ނެންގެވުމުން އެ މައްސަލައަށް ފުރުޞަތު ދެއްވުމެއް ނެތި، މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް، ވަގުތުން ނަން އިއްވާ އަދި މަޖިލީހުން ނެރުމަށާއި، އަދި އެމަނިކުފާނު ގައިގައި ތަޅާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި އަޑު އެއްސެވިކަމަށް އެތަނުގައި ތިއްބެވި މެންބަރުންވެސް ހެކިބާ ކަަމށް ވަނީ ބުނެފައެވެ.
މީގެއއިތުރުން އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވަނީ މަޖްލީހުގެ ރައީސްގެ އެންގެވުމަށް ޝިޔާމަށް ކޮށްފައިވާ އަނިޔާތަކުގެ ސަބަބުން އޭނާގެ ހާލު ދެރަވެ ވަރަށް ބޮޑަށް ސީރިއަސްވެފައިވާ ކަމަށެވެ.

