ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ ފަދަ އެއްވެސް މަގެއް ހުޅުވިގެން ދިޔުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއް ކަމަށާއި އެފަދަ ކަމެއް ނުކުރެއްވުމަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިލްތިމާސް ކުރައްވައިފިއެވެ.
ޑރ. އިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ވަޙްދަތާއި ޤައުމީ މަޞްލަޙަތު ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ސައްތައިން ސައްތަ އިސްލާމީ އުޞޫލުތަކުގެ މަތީގައި ދެމިއޮތް ޤައުމަކަށް ވާއިރު، ޣައިރު މުސްލިމުންނަށް މި ފަސްގަނޑުގައި ދާއިމީކޮށް ވަޒަންވެރިވެވޭނެ ފުރުޞަތު ފަހިވެގެން ދިޔުމަކީ ދިވެހިންގެ ދީނީ އަދި ޤައުމީ ސިޔާދަތަށް އޮތް ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ޑރ. އިޔާޒް މިފަދަ ކަންބޮޑުވުމެއް ފާޅުކުރައްވާފައިވާއިރު، ރާއްޖޭގެ ބައެއް އެހެން ދީނީ އިލްމުވެރިންނާއި އަދާލަތު ޕާޓީން ވެސް ވަނީ މި މަޝްރޫއާ ދެކޮޅަށް އަޑުއުފުލައި ކަންބޮޑުވުން ފާޅުކޮށްފައެވެ. މި މައްސަލައިގައި އާންމުންގެ އިހުތިޖާޖުތައް ފެށިފައިވާއިރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ގަރާރެއް ފާސްކޮށް، މަގުމައްޗަށް ނުކުތުމަށް ނިންމާފައެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރިފެރެންޑަމް ވޯޓަކަށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި މަޝްރޫއުގެ ހުރިހާ ކަމެއް ވެސް ކުރިއަށްދާނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި މި މަޝްރޫއާ ގުޅޭ ބިލު އެކުލަވާލާފައި ވަނީ ދިވެހި ރައްޔިތުންގެ ހައްގުތަކަށާއި، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ފުރިހަމައަށް ރައްކާތެރިކަން ލިބޭ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލޭގެ ބިޔަ މަޝްރޫއު ހަވާލުކޮށްފައިވާ ދުބާއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ހާމަނުކުރާތީ އާންމުންގެ ސުވާލުތައް އަމާޒުވެފައިވާއިރު، މި މަޝްރޫއުގެ ތެރެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ހުޅުވިދާނެ ކަމަށް ބުނެ ސިޔާސީ އަދި ދީނީ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

