ކޮވިޑް-19އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ ޚަރަދުތައް 892.3 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.
އެމިނިސްޓްރީއިން އާންމުކުރާ ”ވީކްލީ ކޮވިޑް-19 ސްޕެންޑިންގް ރިޕޯޓް“ގައި ބަޔާންކޮށްފައިވާގޮތުން މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 892.3 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ފާއިތުވި ހަފްތާގައި ކުރި ޚަރަދު ވަނީ އޭގެ ކުރީ ހަފްތާއާއި އަޅާ ބަލާއިރު 2.9 އިންސައްތަ އިތުރުވެފައިކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ފާއިތުވި ހަފްތާގައި އެންމެ ބޮޑު ކަރަދެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މަސައްކަތްތަކަށްކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެންޑީއެމްއޭގެ މަސައްކަތްތަކަށް ޖުމްލަ 584.4 މިލިއަން ރުފިޔާ ޚާރަދުކޮށްފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ މަސއްކަތްތަކަށް 141.1 މިލިއަން ރުފިޔަ ޚަރަދުކޮށްފައިވާކަމަށް ރިޕޯޓިގައި ވަނީ ބުނެފައެވެ. ތިންވަނައަށް އެންމެ ބޮޑު ޚަރަދެއްކޮށްފައިވާ ކަމަސް ރިޕޯޓުން ދައްކަނ ޑިޒާސްޓަރ މެމޭޖްމަންޓް ފަންޑަށެވެ. އެއީ 84.1 މިލިއަން ރުފިޔާއެވެ.
ރިޕޯޓުގައި ހާމަކޮށްފައިވާ ކަންކަމަށް ބަލާލާއިރު، އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ޓެސްޓް ކިޓުތަކާއި ޕީޕީއީ ފަދަ މެޑިކަލް ސަމާނު ގަތުމަށެވެ. މިކަމަށް ޖުމްލަ 447.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު 177.2 މިލިއަން ރުފިޔާ ވަނީ ކަރަންޓީނު އަދި ފެސިލިޓީތަކަށް ބޭނުންވާ ސާމާނު ގަތުމަށް ޚަރަދުކޮށްފައެވެ.
އެންޑީއެމްއޭގެ މަސައްކަތުގައި ބޭނުންކުރުމަށް ބޭނުންވާ މެޑިކަލް ސާމާނު ގަތުމަށް ޖުމްލަ 360.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވައިރު، ހެލްތު މިނިސްޓްރީއަށް ބޭނުންވާ މެޑިކަލް ސާމާނު ގަތުމަށް 73.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

