ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެކޯޑު ދަރަނި ދެއްކީ އެއްވެސް ހިދުމަތެއް ނުހުއްޓި، މިއީ އިގްތިސާދީ ކާމިޔާބެއް: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ، މި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަން ހާމަކޮށްދޭ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން މަޖިލީހުގައި ކުރިއަށްދާ ބަހުސްގައި ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ، 2027 ވަނަ އަހަރަށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ، 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ޤައުމުގެ ކަންކަން ތަރުތީބުކުރަން ފެށި ހިސާބުން ފެށިގެން މިއަދާ ހަމައަށް ހޯދިފައިވާ މާލީ ކުރިއެރުންތަކުގެ ހެއްކެއް ކަމަށެވެ.

”2027 ވަނަ އަހަރަށް ހުށައެޅިފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް މިސަރުކާރު 2023 ވަނަ އަހަރު ވުޖޫދުވި ހިސާބުން ފެށިގެން ދިވެހިރާއްޖޭގައި ތަރުތީބު ކުރެވުނު ހިސާބުން ފެށިގެން ރަނގަޅު ކާމިޔާބީތަކެއް ހޯދިފައިވާކަމުގެ ސާފު ހެއްކެއް“ މަމްދޫހު

މާޒީގައި އަހަރުގެ މެދުތެރެއިން ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން މަޖުބޫރުވި ނަމަވެސް، މާލީ ޑިސިޕްލިން ހަރުދަނާކުރުމުގެ ނަތީޖާއެއްގެ ގޮތުން، ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި މާލީ އަހަރު ނިންމާލެވޭ މިއީ ދެވަނަ އަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ.

2024 ވަނަ އަހަރުގެ ބަޖެޓު ފާސްކުރިއިރު މަޖިލީހުގެ މެޖޯރިޓީ އޮތީ އޭރުގެ އިދިކޮޅު އެމްޑީޕީގެ އަތުގައި ކަމަށާއި، ސަރުކާރުން އެދުނު ކަންކަމަށް ހުރަސްއެޅުނު ނަމަވެސް ސަރުކާރުން ހިކުމަތްތެރިކަމާއެކު ބަޖެޓު މެނޭޖުކުރި ކަމަށް މަމްދޫހު ވިދާޅުވިއެވެ. އަދި ރައްޔިތުން ޕީއެންސީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ދިނުމަށްފަހު ފާސްކުރި 2025 އަދި 2026 ވަނަ އަހަރުގެ ބަޖެޓާއެކު، ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި ޤައުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، 2027 ވަނަ އަހަރުގެ ބަޖެޓަކީ ހިނގަމުންދާ 2026 ވަނަ އަހަރުގެ ބަޖެޓަށްވުރެ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެއް ކަމަށާއި، މިއީ ފެށިފައި ހުރި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވޭނެ ބަޖެޓެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހުނީ ހިނގަމުންދާ އަހަރުކަން ފާހަގަކުރައްވަމުން މަމްދޫހު ވިދާޅުވީ، މި އަހަރު ގާތްގަނޑަކަށް 11.7 ބިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހުނު ކަމަށެވެ. މި ދަރަނިތައް ސަރުކާރަށް ނުދެއްކޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ބިރުވެރިކަން އުފެއްދި ނަމަވެސް، ރައްޔިތުންނަށް ދޭންޖެހޭ އެއްވެސް ޚިދުމަތަކަށް ބުރޫއެޅިޔަނުދީ ދަރަނި ބަރާބަރަށް އަދާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދަރަނީގެ ބޮޑު ގޮންޖެހުމާއެކުވެސް، ބޯހިޔާވަހިކަން ފަދަ އަސާސީ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ފެށިގެން ދިޔައީ މި ސަރުކާރުން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ބަޖެޓުގެ އަދަދުތަކާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ މަމްދޫހު ވަނީ އަޅާކިޔުންތަކެއް ހިއްސާކުރައްވާފައެވެ. އެގޮތުން 2018 އިން 2022 އަށް އެމްޑީޕީގެ ސަރުކާރުގެ ފުރަތަމަ ތިން އަހަރު ބަޖެޓު 32 އިންސައްތަ އިތުރުވި ނަމަވެސް، 2023 އިން 2027 އަށް މި ސަރުކާރުން ބަޖެޓު އިތުރުވެފައިވަނީ އެންމެ 21 އިންސައްތައިން ކަމަށް ވިދާޅުވިއެވެ. މިއިން ދައްކުވައިދެނީ މި ސަރުކާރުން ޚަރަދުތައް ކޮންޓްރޯލްކޮށް، ދައުލަތުގެ މާލީ ކަންކަން ހަރުދަނާކޮށްފައިވާ މިންވަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: