ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދު އަމުރު އިސްތިއުނާފު ކުރުމަށް މިއަދު ހައިކޯޓުގައި ބޭއްވުމަށް ތާވަލު ކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
ހައިކޯޓުގެ ތާވަލުން އެނގޭ ގޮތުގައި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި އޮތީ މިއަދު މެންދުރުފަހު 1:00 އަށެވެ. އަޑުއެހުން ތާވަލު ކުރި ވަގުތު ގާތްވެފައި ވަނިކޮށް ޝަރީއަތް ކެންސަލް ކުރި ސަބަބެއް ސާފެއް ނޫނެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ 64 އަހަރުގެ ޝާހިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މި މަހުގެ ކުރީކޮޅު އެވެ.
މައްސަލައިގައި ފުލުހުން އާންމު ކުރި ވަރަށް ކުރު ބަޔާނެއްގައި ބުނީ ޝާހިދު ހައްޔަރު ކުރީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިިކަމުގެ ތުހުމަތަށް ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށް، އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހާފަ އެވެ.
ހައިކޯޓަށް ޝާހިދުގެ ފަރާތުން ހުށަހަޅާފައި ވަނީ ބަންދު އަމުރު ބާތިލުކުރުމަށް އެދިއެވެ. މި މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފައެވެ.
މިފަދަ ތުހުމަތުތަކެއް ކުރެވި ޝާހިދު ހައްޔަރު ކުރަން އުޅޭކަމުގެ އަޑުތައް ފެތުރި، އޭނާ ހައްޔަރު ކުރަން އުޅޭކަމަށް މީޑިއާތަކުގައި ރިޕޯޓު ކުރި އެވެ. މައްސަލައިގައި އެރޭ ޕޯސްޓެއް ކުރައްވައި ޝާހިދު ވިދާޅުވެފައިވަނީ، މިއީ އޭނާގެ އަބުރު ކަތިލުމަށްޓަކައި ސިޔާސީ މަގުސަދެއްގައި ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ޝާހިދު އެ ޕޯސްޓު ކުރީ، އޭނާ ހައްޔަރު ކުރުމަށް ފުލުހުން ކޯޓު އަމުރެއް ހޯދާފައިވާކަމަށާއި، ފުލުހުން ތިބީ ވެސް ޝާހިދު ހުޅުމާލޭގައި ދިރިއުޅޭ ގޭގައިކަމަށް ސޯޝަލް މީޑީއާގައި ދެކެވެން ފެށުމުންނެވެ.
2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައި ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް، ޝާހިދު ހައްޔަރު ކުރުމުން އޭނާއަށް ތާއީދު ކުރާ ފަރާތްތަކުން ދިފާއުކޮށް ވާހަކަ ވެސް ދައްކާފައި ވެއެވެ.

