ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް، ބޭރު މީހުންނަށް ދިގު މުއްދަތަކަށް ބިން މިލްކުކުރެވޭ ގޮތަށް އެކުލަވާލާފައިވާ ރިއަލް އެސްޓޭޓް ބިލާއި މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސް ކުރިޔަށް ގެންދިއުމަށް ތާވަލުކޮށްފިއެވެ.
މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މާދަމާގެ އެޖެންޑާގައިވާ ގޮތުން، ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރިއަލް އެސްޓޭޓް ބިލުގެ އިތުރުން، މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ބިލާއި، އަބުރު ރައްކާތެރިކުރުމުގެ ބިލު އަދި ދިވެހިރާއްޖޭގެ އިމިގްރޭޝަން ބިލެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި ރިއަލް އެސްޓޭޓް ބިލުގައި ވާގޮތުގައި، ރަސްމާލެ ފަދަ ހާއްސަ ޒޯނުތަކުގައި ހަދާ އެޕާޓްމަންޓްތަކާއި ޕްރޮޕަޓީތައް ބޭރު މީހުންނަށް 99 އަހަރަށް ކުއްޔަށް ދޫކުރެވޭނެއެވެ. އަދި ”ސަރެންޑާ އެންޑް ރީ-ގްރާންޓް“ އުސޫލުން، އެ މުއްދަތު ހަމަވުމުން ނުވަތަ އެހެން ފަރާތަކަށް ވިއްކާލުމުން، ކުރީގެ ލީސް ސަރުކާރަށް ދޫކޮށްލުމަށްފަހު އަލުން އައު 99 އަހަރުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އޮންނާނެއެވެ.
މީގެ ސަބަބުން ގާނޫނުއަސާސީން ކަނޑައަޅާފައިވާ 99 އަހަރުގެ މުއްދަތު ފަހަނައަޅައި، ދާއިމީ ގޮތެއްގައި ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި އީގަލް ހިލްސްއަށް ރަސްމާލެއިން ދޫކުރާ 500 ހެކްޓަރުގެ ބިމުން އެއް ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެން ގަނެވޭނީ 25 އިންސައްތަ ކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އަބުރުގެ ބިލުގައި ވަނީ ބަހަކުން، ފޮޓޯއަކުން، ކުރެހުމަކުން، ތަމްސީލަކުން ނުވަތަ އިޝާރާތަކުން ވެސް އަބުރަށް އަރައިގަނެވިދާނެ ކަމަށެވެ. ނަމަވެސް އެފަދަ ދައުވާއެއް ކުރެވޭނީ އެ ދެއްކި ވާހަކައަކީ ހަގީގަތެއް ނެތް ދޮގަކަށް ވާނަމައެވެ. މި ބިލުގެ ދަށުން އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ ކަމެއް ސާބިތުވެއްޖެނަމަ 50،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ގެއްލުމުގެ ބަދަލު ނަގައިދެވޭނެއެވެ.
މާދަމާގެ ޖަލްސާއަށް ދެން ތާވަލުކޮށްފައި ވަނީ މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލެވެ. މި ބިލުގައި ވާގޮތުން، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނީ އެންމެ ވޭން ކުޑަވާނެ ގޮތެއް ބަލައިގެން ދަންޖައްސައިގެންނެވެ. އަދި މި އަދަބު ތަންފީޒު ކުރެވޭނީ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެ، ވާރިސުންގެ ރުހުން ލިބުމުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކޮންމެ މައްސަލައަކަށް ވަކިން އެކުލަވާލާ ހަތް މެންބަރުންގެ ހާއްސަ ޕެނަލެއްގެ ބެލުމުގެ ދަށުންނެވެ.

