ޤައުމަކަށް މޮޅާއި ހެވާ ލާބަ ލިބިގެންދަނީ އެ ބައެއްގެ ކިބައިގައި އަށަގެންފައި ހުންނަ އަޚްލާޤީ ސިފަތަކާއި އަނެކުންނާ މުޢާމަލާތްކުރާ ރިވެތި ގޮތްތަކުގެ މައްޗަށްކަމަށް ކަލްޗާ އެންޑް ހެރިޓޭޖް އިން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު މިނިސްޓަރު ހީނާ ވަލީ ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ ”އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ އިފްތިތާޙުކުރުމުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ހީނާގެ ވާހަކައިގައި އަދަބާއި އިޙްތިރާމަކީ އިންސާނީ މުޖުތަމަޢުގެ ފުރާނަ ކަމަށާއި، އެއީ އިންސާނާގެ އެންމެ ފުނުން އުފެދޭ އަޚްލާޤީ މަތިވެރި ރޫޙެއްކަމަށް ވިދާޅުވިއެވެ. އަދި އިޙްތިރާމަކީ އަނެކާގެ އިންސާނިއްޔަތުކަމަށް ދެވޭ އެންމެ ފުރިހަމަ ޤަދަރާއި ލޯބި ކަމަށާއި، މި ޤަދަރާއި ލޯތްބަކީ އިތުބާރު ޤާއިމުވެ ހިތްފަސޭހަކަމަށް މަގުފަހިކޮށްދޭ ވަސީލަތެއް ކަމުގައި ވިދާޅުވިއެވެ.
”އިޙްތިރާމަކީ އަނެކާގެ އިންސާނިއްޔަތުކަމަށް ދެވޭ އެންމެ ފުރިހަމަ ޤަދަރާއި ލޯބި، މި ޤަދަރާއި ލޯތްބަކީ އިތުބާރު ޤާއިމުވެ ހިތްފަސޭހަކަމަށް މަގުދައްކާ ބާރުއަޅާ ވަސީލަތެއް. ޤައުމަކަށް މޮޅާ ލާބަ ލިބެނީ އެ ބައެއްގެ ކިބައިގަ އަށަގެންފަ ހުންނަ އަޚްލާޤީ ސިފަތައް ހުރި ނެތް ގޮތަކުން“ ހީނާ
މީގެ 700 އަހަރު ކުރިން ރާއްޖެ ޒިޔާރަތްކުރެއްވި މަޝްހޫރު ސައްޔާޙު އިބްނި ބަޠޫޠާގެ ބަސްފުޅަކަށް އަލިއަޅުއްވާލައްވާ ހީނާވަނީ ދިވެހިރާއްޖޭގެ އަހުލުވެރިންނަކީ ޞުލްޙަވެރިކަމާއި، ދީންވެރިކަމާއި، އީމާންކަމުގެ ޞައްޙަކަމާއި، ނިޔަތުގެ ތެދުކަން ހުރި ބައެއްކަން ސައްޔާޙުންފާހަގަކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރެއްވި ކޮންމެ ސައްޔާޙަކު ވެސް ދިވެހިންނަކީ ޙަޟާރަތެއްގެ ވެރި ބައެއް ކަމަށް ބުނެފައިވަނީ، ހަމައެކަނި ރީތި ޢިމާރާތްތަކާއި ފަންނުވެރިކަމަށް ބަލައިގެން ނޫން ކަމަށާއި، ޙަޟާރަތެއްގެ ވެރި ބަޔަކަށް ވެގެންދިއުމުގެ އަސްލު ބިންގަލަކީ އެ ބައެއްގެ ރިވެތި އަޚްލާޤު ކަމުގައި ހީނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދިވެހިންގެ މާޒީއަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، ކާބަފައިންނަކީ އިސްލާމްދީނަށާއި ދިވެހިވަންތަކަމަށް ނުހަނު އިޙްތިރާމްކުރި ބައެއް ކަމަށެވެ. އަދި ކާބަފައިންނަކީ މައިންބަފައިންނާއި، މުދައްރިސުންނާއި، ވެރިންނާއި، އިސްރަށްވެހިންނަށް ޙައްޤު މަޤާމު ދީ، އަވައްޓެރިންނަށް ކަމޭހިތައި، ދަރިންނަށް ރިވެތި އަޚްލާޤު އުނގަންނައިދިން ބައެއް ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ކާބައިންނަކީ ލޯތްބާއި ކުލުނާއިއެކު އިޖްތިމާއި ހަމަތައް ހިފެހެއްޓި ބައެއްކަމަށް ހީނާ ވިދާޅުވިއެވެ. މީގެ އިތުރުން ކާބަފައިން ދަރިން ތަރުބިއްޔަތުކޮށްފައިވަނީ ދުރޫސުލް އަހްލާގުގެ ތެރެއިންކަމަށް ހީނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ޒަމާނަށް އައި ބަދަލުތަކާއެކު މިއަދު މުޖުތަމަޢުން މި އަގުހުރި ސިފަތައް ފަނޑުވަމުންދާތީ ހީނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން، ކުޑަކުދިންނަށް ބޮޑެތި މީހުންގެ ފަރާތުން ފެންނަންޖެހޭ ނަމޫނާ ނުފެނުމާއި، ދިވެހިންގެ ނިޔަނެތި ދޫތައް ވީއްލި މީހުންގެ އަބުރު ކަތިލުމާއި، ޢާއިލީ އަދި އިޖްތިމާޢީ ގުޅުންތައް ހީނަރުވުން ފަދަ ނޭދެވޭ ކަންކަން މުޖުތަމަޢުން ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ނަމާދު ވަގުތުތަކުގައި ކުޅިވަރާއި ކެފޭތަކުގައި ވަގުތު ބޭކާރުކުރުމާއި، އިސްލާމީ ހެދުމުގެ މިންގަނޑުތަކާ ދުރުހެލިވުމާއި، މަގުމަތީގެ އަމާންކަން ގެއްލި ފުރައްސާރަކުރުން އާންމުވެފައިވާކަން އެކަމަނާ ހިތާމައާއެކު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ކުރު ޙަޔާތުގައި އެކަކު އަނެކަކާ ހިނިތުންވުމާއެކު ބައްދަލުވުމަކީ ލިބޭ ބޮޑު ނިޢުމަތެއް ކަމަށާއި އަދި އިޙްތިރާމަކީ ފައިސާއިން އަގުނުކުރެވޭނެ، ދުލުން ބަޔާން ނުކުރެވޭނެ ފަދަ މަތިވެރި މުއްސަނދިކަމެއް ކަމުގައި ވިދާޅުވެ، މުޖުތަމަޢުގައި އިޙްތިރާމާއި ލޯބި ދަމަހައްޓާ ބަޔަކަށް ވުމަށްޓަކައި ޤައުމާއެކު އެންމެހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ނުކުތުމަށް ހީނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

