މާލޭ ސިޓީ ލޮކްޑައުން ކުރިފަހުން، އުސޫލުތަކާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު 6769 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ކޮވިޑް-19 ކޮމިއުނިޓީ ސްޕްރެޑަކަށްވެ މާލޭ ސިޓީ ލޮކްޑައުންކުރީ ވޭތުވެދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.
މި ގޮތުން، އޭޕްރީލް 15 އިން ފެށިގެން މިއަދާއި ހަމައަށް މާލެއިން 5951 މީހަކާއި، ހުޅުމާލެއިން 709 މީހަކާއި، ވިލިމާލެއިން 109 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ އެކަން ތަކުރާރުކުރި 375 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
އެއީ މާލެއިން ހައްޔަރުކުރި 335 މީހުންގެ އިތުރުން ހުޅުމާލެއިން ހައްޔަރުުކުރި 36 މީހަކާއި، ވިލިމާލެއިން ހައްޔަރުކުރި 03 މީހުންނެވެ.
ލޮކްޑައުންގެ އަމުރާއި ޚިލާފުވެގެން ޖޫރިމަނާކުރަނީ، އުސޫލާއި ޚިލާފުވާ ފުރަތަމަފަހަރުކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ. އަދި ހައްޔަރުކޮށްފައިވާ މީހުންނަކީ ނަސޭހަތްތެރިވުމުން ވެސް، އެ ކަން ޤަބޫލުނުކޮށް، އުސޫލުތައް ފަހަނައަޅައިދާ މީހުންކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި ގޮތުން މިހާތަނަށް ހައްޔަރުކުރި މީހުންގެ ތެރެއިން ގިނަ މީހުންނަށް ދަޢުވާކުރުމަށްޓަކައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މީހުންގެ މައްސަލަ ހުށަހަޅާފައިވާކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝްވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް، މިފަދައިން ޢަމަލުތައް ހުންނަ މީހުން ހައްޔަރުކޮށް ދަޢުވާކުރަން ފޮނުވާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ.

