ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅީގަނޑު މާދަމާ ތޫފަނަކަށް ބަދަލުވެ ބާރުވެސް ގަދަވި ނަމަވެސް އެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ސަންގަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނެފައިވަނީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅީގަނޑު މާދަމާ ތޫފަނަކަށް ބަދަލުވެ ބާރުވެސް ގަދަވާނެކަމަށް ބެލޭ ކަމަށާއި އެހެންނަމަވެސް ތޫފާން ދަތުރުކުރަމުންދަނީ ރާއްޖެއާއި ދުރަށް ކަމަށެވެ. ތޫފާން
ބާރުގަދަވީ ނަމަވެސް ރާއްޖެއާއި ދުރަށް ދަތުރުކުރާތީ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވާރޭ ވެހުން މަދުވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ތޫފާންގެ ބާރުގަދަ ވުމާއި ގުޅިގެން ރާއްޖޭގެ ދެކުނަށް އާދައިގެ ގޮތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންނަމަވެސް ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މެޓު އޮފީހުން ކުރިއަށް މާދަމާގެ ހެނދުނު 6:00 ޖެހުމާއި ހަމައަށް ނެރެފައިވާ މޫސުމުގެ މައުލޫމާތުގައި ވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެން ވާކަމަށެވެ.
ހުޅަނގާއި ހުޅަނގުއުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
މެޓުން ލަފާކޮށްފައި ވަނީ އިތުރުގެ ކަނޑިތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށެވެ.
އުތުރުގެ ހިސާބުތަކަށް 1-3 ފޫޓާއި ދެމެދުގައި އަދި މެދުރާއްޖެތެރެއާއި ދެކުނަށް 3-6 ފޫޓާއި ދެމެދުގައި ރާޅު އުސްމިންހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

