ކ.ގުޅީފަޅުގައި ޤާއިމުކުރެވޭ ޕޯޓު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅީފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު، އެ ސަރަޙައްދުގެ ތިމާވެށްޓަށް ގެއްލުން ލިބެމުންދާ މައްސަލަ ދިރާސާކުރަން ނިންމައިފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުދަވިލޭރޭ ނެރުނު ބަޔާނެއްގައި ބުނީ، ގުޅީފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު، އެ ސަރަޙައްދުގެ ތިމާވެށްޓަށް އަސަރުކުރަމުންދާތީ، އެކި ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށެވެ.
މި ގޮތުން، އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމަވާފައިވާކަމަށާއި، މި މައްސަލައަކީ ކޮމިޓީން އިސްނަގައިގެން އެޖެންޑާކޮށްފައިވާ މައްސަލައެއްކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
މަޖިލީހުގެ ބަޔާނުގައިވާގޮތުން، މި މަހުގެ 01 ވަނަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުގައި މި މައްސަލަ ކުރިއަށްގެންދާނެ ގޮތަކާމެދު މަޝްވަރާކުރައްވާފައިވެއެވެ.
މި ގޮތުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން، މައްސަލަ ބެއްލެވުމަށް ފެނިވަޑައިގަންނަވާކަމަށް ނިންމެވިކަމަށް ވެސް މަޖިލީހުގެ އިދާރާގެ ބަޔާނުގައިވެއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ، މި މައްސަލައާއި ގުޅިގެން ހޯއްދަވަންޖެހޭ ލިޔެކިޔުންތައް ހޯއްދެވުމުގެ މަސައްކަތްތައް ކޮމިޓީގެ އިދާރީ މޭޒުން މިހާރު ފަށާފައިވާކަމަށެވެ.
މި ގޮތުން މި މައްސަލަ ދިރާސާކުރެއްވުމަށްޓަކައި، އަންނަ ހޮނިހިރު ދުވަހު ހެނދުނު 10:00 ގައި، ޕްލޭނިންގ މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީއާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ އިސް ބޭފުޅުންނާއި، މަޝްރޫޢުގެ އީއައިއޭ ކޮންސަލްޓަންޓް ކޮމިޓީއަށް ހާޒިރުކުރަން ފާސްކޮށްފައިވާކަމަށް މަޖިލީހުން ބުނެއެވެ.
މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމަވާފައިވާއިރު، ވޭތުވެދިޔަތަނުގައި އީޕީއޭއިން ބުނެފައިވަނީ، މަޝްރޫޢުގެ މަސައްކަތްތަކުގެ ސަބަބުން، އެ ސަރަޙައްދުގެ ތިމާވެށްޓަށް ގެއްލުމެއް ލިބިފައިނުވާނެ ކަމަށާއި، އެ ކަންތައްތައް މޮނިޓަރިން ކުރަމުންދާނެކަމަށް ވެސް އީޕީއޭއިން ބުނެފައިވެއެވެ.

