ފުރަބަންދުގެ ދުވަސްވަރު އިލެކްޝަންސް ކޮމިޝަން ހުޅުވުމަށް ތައްޔާރުވެފައިވައިރު، އެކޮމިޝަންގެ މަސައްކަތްތައްވެސް ބައްޓަން ކުރާނީ ”ނިއު ނޯމަލް“އާއި އެއްގޮތަށް ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
”ސަންގު“ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ސަރުކާރުގެ ނިންމެވުމާއި އެއްގޮތަށް ސަރުކާރު އޮފީސްތައް ހުޅުވުމަށް ނިންމާފައިވާއިރު، އެކޮމިޝަންވެސް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޮވިޑް-19ގެ ހަލަތާއި ގުޅިގެން އެކޮމިޝަނުންވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާނެ ކަމަށްް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ފުރަބަންދަށް ދިޔުމުގެ ކުރިން، ކޮމިޔުނިޓީ ސްޕްރެޑަކަށް ގޮސްފިނަމަ އެކޮމިޝަންގެ އެކި ސެކްޝަންތަކުގެ މަސައްކަތް ބަހައްޓާނެ ގޮތްތައް ފާސްކުރެވިފައިވާ ކަމަށެވެ. އަދި ފުރަބަންދުގެ އެކި ލެވެލްތަކުގައި އެކޮމިޝަންގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްވެސް ރާވާފައިވާނެކަމަސް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ”ނިއު ނޯމަލް“ގައި މަސައްކަތް ކުރުމަށް ތައްޔަރުވެފައިވާއިރު ، އެކޮމިޝަނުން މިހާރު ވަނީ ހަފްތާއަކު ދެދުވަހު ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްގެންދާނެކަން އިއުލާންކޮށްފައެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުދަ ދުވަހުގެ ހެނދުުނު 11:00އިން މެންދުރު 02:00އާއި ހަމައަށް އެކޮމިޝަން ހުޅުވާފައި ހުންނާނެކަން ވަނީ އިއުލާންކޮށްފައެވެ.
”އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް، އޮފީހަށް ނުކުންނާނެ މީހުން ކަނޑައަޅައި ގޭގައި ތިބެގެން މަސައްކަތްކުރާނެ މީހުން ކަނޑއަޅާފައިވާނެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނާއި މާބަނޑު މީހުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ވާނީ ހަމަޖައްސާފައި“
ލޯކަލް ކައުންސިލް އިންތިޚާބު އެއް އަހަރު ދުވަހުގެ މުއްދަތަށް ފަސްކޮށްފައިވާއިރު، ކޮމިޝަންގެ މަސައްކަތްތައް އަލުން ފަށައިގަންނައިރު އިންތިޚާބާ ސީދާ ގުޅުންހުރި އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިދުވަސްވަރު މައިގަނޑު ގޮތެއްގައި ކުރުމަށް ހަމަޖެހިފައިވަނީ އިންތިޚާބު ރީޝެޑިޔުލްކުރުމާއި، ބަޖެޓު ތަރުތީބުކުރުމާއި ވަސީލަތްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ވިދާޅުވިއެވެ.
ފުރަބަންދަށް ދިޔައިރު އޮފިޝަލުން ވަނީ ލިބިފަ. އޮފިޝަލުންނަށް ގުޅުމުގެ ކަންކަން ކުރަން ފަށާނީ އިންތިޚާބު ބާއްވާނެ ސީދާ ތާރީޚެއް ކަނޑައެޅުމަށްފަހު.
އިންތިޚާބު ބާއްވާނެ ސީދާ ތާރީޚެއް ކަނޑައަޅަން ޖެހޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް އެޗްޕީއޭއިން ހާމަކުރާތާ ހަފްތާއެއްގެ ތެރޭގައެވެ.
ވޯޓު ލާ ދުވަސް ބަދަލުވުމާއި ގުޅިގެން ވޯޓު ލާ މީހުންގެ ލިސްޓަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށާއި އެލިސްޓު ސައްހަ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

