ކޮވިޑު ރޯގާއާއި އެކު، އެހެން ސީރިއަސް ބަލިތަކަށް ސަމާލުކަން ނުދެވޭ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް ފަހަކަށް އައިސް މިކަމުގެ އަޑުތައް ވަނީ ގަދަވާން ފަށާފައެވެ. ކޮވިޑު ބަލި ނެތް މީހުންގެ ފަރުވާތަކަށް ހުރަސް އެޅި، ބަނޑަށް ދަރިފުޅު ނިޔާވެފައި ވެއެވެ. އެއް ރަށުން އަނެއް ރަށަށް ބޭސްފަރުވާއަށް ދިއުމުގެ ހުއްދައަށް އެދޭއިރު އެކަމުގައި ދަތިތަކެއް އެބަހުއެއްޓެވެ. ގިނަ ފަހަރަށް، ހަފްތާއެއް ފާއިތު ވެގެންދަނީ ބަލި މީހާއަށް ބޭނުންވާ ފަރުވާ ލިބޭނެ ގޮތެއް އަދި މަގެއް ވެސް ނުފެނިއެވެ. ބޭނުންވާ ބޭސްވެސް ވަގުތައް ނުލިބޭކަމީ މިއަދު ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.
ބޭސްފަރުވާއަށް ހުއްދައަށް އެދި އެ ހުއްދަ ލިބުނު ނަމަވެސް، ގިނަ ފަހަރަށް އެ ދާ ރަށަކުން އެކަމަށް ދެކޮޅު ހަދާ، ޝަރުރުތަކެއް ކުރާ ފަހަރުތަކެއް އާދެއެވެ. ރާއްޖޭގެ ސިއްހީ ނިޒާމަކީ، ވަރުދަރަ އަދި އެހާމެ ނަޒުކު ދާއިރާއެކެވެ. އެކަށިގެންވާ ވަސީލަތްތައް ނެތުމާއި، ޑޮކްޓަރުން މަދުވުން ކަންތައް ދިމާވެއެވެ. ކޮވިޑަކީ ނުރައްކާތެރި، ފަސޭހައިން ގައިން ގަޔަށް ފެތުރޭ ބައްޔަކަށް ވާއިރު ކޮވިޑުން ސަލާމަތް ވުމަށް މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. ނަމަވެސް، އެ މަސައްކަތް ކުރަންވީ އެހެން ބޮޑެތި ބަލިތައް އެއް ފަރާތްކޮށްލުމަށްފަހު އެއް ނޫނެވެ.
ރާއްޖޭގެ ރަށްތަކާއި، ސިއްހީ ނިޒާމު ބިނާވެފައިވާފައިވާ ގޮތުގެ ސަބަބުން ކިތަންމެ ކުޑަ ފަރުވާއެއް ހޯދަން ވެސް ދާން ޖެހެނީ އަތޮޅުގެ އެހެން ހޮސްޕިޓަލަކަށެވެ. ނުވަތަ ގިނަ ފަހަރަށް އަތޮޅާއި ޖެހިގެން އޮންނަ އެހެން ރަށަކުން ވެސް ފަރުވާއެއް ލިބޭނެ މަގެއް ނެތް ނަމަ އިމަޖެންސީކޮށް މާލެއަށެވެ. މިއީ ޒަމާނުންސުރެ އަމަލު ކުރަން ޖެހިފައިވާ އާދައެވެ. ނަމަވެސް މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑުގެ ކޭސްތަކެއް ފެނުމާއި އެކު މުޅި މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުންކޮށް އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާ ކުރިއެވެ.
މިއާއި އެކު އެތައް ބައެއްގެ ސިއްހީ ފަރުވާތަކަށް އައީ ބޮޑު ގޮންޖެހުމެކެވެ. އޭގެ ތެރޭގައި މާބަނޑު މީހުންގެ ސްކޭންތައް ހެދުމާއި، ދުވަހުން ދުވަހަށް ގަވައިދުން ޑޮކްޓަރަށް ދެއްކުން ވީ ބޮޑު ތަކުލީފަކަށެވެ. ކޮވިޑުން ރައްކާތެރިވުމަށް އެޅިފައި ހުރީ ހަރުދަނާ ފިޔަވަޅުތަކެކެވެ. އެހެން ނަމަވެސް، މައްސަލައަކަށް ވާ ހިސާބަކީ، އިހުމާލުތައް ފެނުމެވެ. ދިމާވާ ކޮންމެ ހިތާމަވެރި ހާދިސާއެއް އެއީ ކަންކަން ރަނގަޅު ކުރުމަށް ލިބޭ ފިލާވަޅެއްގެ ގޮތުގައި ދެކުން އެއީ ގޯހެކެވެ. ފުލުފުލުގައި ގޯސްތައް ހިނގާނަމަ އެއީ އުސޫލުތައް ތަންފީޒު ކުރާ ބައެއްގެ ނާގާބިލުކަން، ނުވަތަ ރަނގަޅު މައުލޫމާތު އެ މީހުންނަށް ނުދެވުން، އެހެން ނޫނީ ”ވަރިހަމަކަން“ ބޮޑުވުމުގެ ހެއްކެކެވެ.
ސިއްހީ ފަރުވާއަށް ކިތަންމެ ބޭނުން ވިޔަސް، ހުއްދައެއް ނެތި ފުރައިގެން ދެވޭނެ ގޮތެއް ނެތެވެ. މިއީ ކުއްލިއަކަށް ދިމާވާ ސިއްހީ ބަލިތަކަށް އޮތް އެންމެ ބޮޑު ބިރެވެ. އަދި ރާއްޖެއިން ފަރުވާ ކުރެވެން ނެތް ބަލިތަކަށް ބޭސް ނަގަމުން އަންނަ މީހުންގެ ހާލަތު އެހާމެ ނާޒުކުއިރު ރާއްޖޭގެ ސިއްހީ ނިޒާމު މިވަގުތު އޮތް ގޮތުން ދެވޭނެ މާބޮޑު ސަމާލުކަމެއް ނެތެވެ. އިމަޖެންސީގައި މާލެ ގެންނަ މީހާއަށް ކިތަންމެ ސީރިއަސް އަނިޔާތަކެއް ނުވަތަ ގެއްލުމެއް ލިބިފައި ހުއްޓަސް ފަރުވާ ފެށެން އޮތީ ކޮވިޑު ޓެސްޓު ހަދައި، އޭގެ ނަތީޖާ ލިބިގެންނެވެ. ގޯސްވާ ހިސާބަކީ މިއީއެވެ.
ކޭސްއަށް ކިތަންމެ އަވަހަށް އެޓެންޑު ކުރި ނަމަވެސް ކޮވިޑަށް ސާމްޕަލް ނެގުން އެބަ ލަސްވެއެވެ. އެއާއި އެކު ނަތީޖާތައް ލިބެން ލަސްވެއެވެ. ނަތީޖާތައް ލިބޭއިރު އެ މީހާގެ ހާލަތު އޮންނަނީ ކުރިޔަށް ވުރެ ގޯސްވެފައެވެ. ނުވަތަ ކުރިން ދޭން ޖެހުނު ފަރުވާތަކަށް ވުރެ އިތުރު ފަރުވާތަކެއް ވެސް ދޭން ޖެހިފައެވެ. މިއީ ކޮވިޑުގެ ސަބަބުން އަމަލު ކުރަން ޖެހޭ އުސޫލެއް ނަމަވެސް، ރަނގަޅު މެކޭނިޒަމްއެއްގެ ދަށުން މިކަންކަން ބެލެހެއްޓޭނަމަ ލަސްވުންތަކެއް ނާންނާނެއެވެ.

ރަށުން ލިބެން ނެތް ފަރުވާއެއް ހޯދުމަށް އެ ރަށެއްގައި ހުންނަ މީހަކު ޖެހެނީ އެކަން އެ ރަށެއްގެ ކައުންސިލަށް ހުށަހަޅާށެވެ. ކައުންސިލަށް އެކަން ހުށަހަޅާއިރު ރަށުން އެ ފަރުވާ ދެވެން ނެތް ކަމުގެ ލިޔުން ޑޮކްޓަރުގެ ފަރާތުން ބޭނުންވާނެއެވެ. އެއަށްފަހު ދެން ފުރުމާއި، އުޅަނދުފަހަރު ހަމަޖެއްސުމުގައި ހަރަކާތްތެރިވާނީ ފުލުހުންނެވެ. އެހެން ނަމަވެސް ދެ ފަރާތުގައި ދައްކާ ވާހަކަތަކާއި، އަދި ލަސްވުންތައް ދިމާވެއެވެ. މިކަމާއި ގުޅޭގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީއާއި ސުވާލު ކުރުމުން ބުނެފައިވަނީ އެހެން ދިމާވަނީ އާއްމުންގެ މީހާއަށް ރަނގަޅަށް މައުލޫމާތު ނުދެވޭތީ ކަމަށެވެ. އެހެން ނަމަވެސް ލަސް ވުންތައް ދިމާވާ މައްސަލައަށް ކޮމެންޓެއް ނުކުރިއެވެ. އެލްޖީއޭގެ ބަހަކީ މިއީ ކަމުގައި ވިޔަސް ގިނަ ފަހަރަށް ހިދުމަތް ހޯދާ މީހާއަށް މައުލޫމާތު ނޭނގުމަށް ވުރެ ދިމާވާ މައްސަލައަކީ ހިދުމަތް ދޭ ތަންތަނުން އެކި ގޮތަށް މައުލޫމާތު ހިއްސާ ކުރުމެވެ.
އެޗްޕީއޭއިން ނުވަތަ އެޗްޕީއޭގެ ކޯލް ސެންޓަރުން ދޭ މައުލޫމާތަކާއި ރަށު ކައުންސިލާއި އަތޮލޫ ކައުންސިލުންދޭ މައުލޫމާތު ދިމައެއް ނުވެއެވެ. އަދި ފުލުހުން ބުނާ އެއްވެސް ވެސް ދިމައެއް ނުވެއެވެ. ގިނަ ފަހަރަށް ހިދުމަތް ހޯދާ މީހާއަށް ހިދުމަތަސް އެދި ތަނަކަށް ގުޅެނީ ފޯނުގެ ބެލެންސް ހުސްވާ ފަހުންނެވެ.
އެކި ދުވަސް މަތީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި މި ސުވާލު އެކި ނޫސްވެރިން ކުރިއެވެ. އަދި ”ސަންގު“ އިން ވަނީ ދެ ފަހަރެއްގެ މަތީން މި ސުވާލުކޮށްފައެވެ. މެޑިކަލް ނެގްލިގެންސްގެ ވާހަކަތަކުގެ އަޑުތައް ގަދަވާން ފެށުމާއި އެކު އަނެއްކާވެސް މި ސުވާލު ތަކުރާރު ކުރުމުން، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިކަންކަން ދިމާވަމުންދާ ކަން އޭނާ ވެސް ގަބޫލު ކުރާ ކަމަށެވެ. އެހެން ނަމަވެސް، އެއާއި ވިދިގެން މަބްރޫކް ދެއްކެވީ ޖަޒުބާތީ ވާހަކަތަކެކެވެ. ކުރު ގޮތަކަށް ބުނާނަމަ ބައެއް މީހުންނަށް ހާލަތު ރަނގަޅަށް ނަގައި ނުގަނެވެނީ ފަދަ މޭރުމަކުންނެވެ.
މަބްރޫކް ޖަޒުބާތުގައި ޖެހިވަޑައިގެން ވާހަކަ ދެއްކެވި ނަމަވެސް، މިއީ ކޮންމެ ދުވަހަކުމެ އަޑު އިވޭ ވާހަކަތަކެވެ. ކޮވިޑު ނޫން އެހެން ކަމަކާއި ވިދިގެން ފަރުވާއަށް ދާ މީހާގެ ފަރުވާ ލަސްވުމުން އެކަމުގެ ކަންބޮޑުވުންތައް ދޫކޮށްލަނީ ސޯޝަލް މީޑިއާއަށެވެ. މިގޮތުން ހިނގައިދިޔަ އެ ހާދިސާއަށް ބަލާއިރު މާބަނޑު މީހާ ބަނޑަށް ދަރިފުޅު ނިޔާވެގެން ދިއުން ހިމެނެއެވެ. އެއީ އއ ތޮއްޑުއާއި ށ. ނަރުދޫގައި އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައެވެ. އއ. ތޮއްޑޫގައި އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދަ ލިބުމުގައި ލަސްވެ އެ ހާދިސާ ހިނގީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. ށ. ނަރުދޫގައި ދިމާވި ހާދިސާގައި ހުއްދަ ލިބި، ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދެވުނު އިރު އޭނާގެ ދަރިފުޅު ބަނޑަށް މަރުވެފައި ވަނީ ހުސްވި މަހުގެ 25 ވަނަ ދުވަހެވެ.
މީގެ އިތުރުން ކޮވިޑް-19 ހުރިތޯ ބަލަން ހެދި ޓެސްޓުގެ ނަތީޖާ ލަސްވެގެން، ދަރިފުޅުގެ ގުނަވަނެއް ނަގަންޖެހުނު ވާހަކަ އެއީ އިހުމާލުގެ އެތައް ވާހަކައެކެވެ. ހާސްވާނެ ކަމެއް ނެތް ކަމަށް ބުނެ ގެއަށް ފޮނުވާލުމަށްފަހު، ދަރިފުޅުގެ ހާލަތު ގޯސްވެގެން ގެންދިއުމުން އަނެއްކާވެސް ހާލު ގޯސްކަމަށް ބުނެ ސްކޭނެއް ހަދަން އެނގިއެވެ. އެހެން ނަމަވެސް ސްކޭން ހެދޭނީ ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ލިބުމަށްފަހު ކަމަށް ބުނެ އެކަމަށް ލަސް ކުރިއެވެ. އޭގެ ކުރިން ފަރުވާ ދޭން އެދުމުން ވެސް އެކަމަށް ކުރީ އިންކާރެވެ. އޭގެ ޖެހިގެން އައި ދުވަހު ނަތީޖާތައް ލިބުނުއިރު ވަގުތު ފާއިތުވެ ޖެހުނީ ހަށިގަނޑުގެ މުހިންމު ގުނަވަނެއް، ހަށިގަނޑާއި ވަކި ކުރާށެވެ.
ދެވަނަ ހާދިސާއެއްގެ ގޮތުން ކެންސަރު ބަލީގައި މާލެ ގެނައި ފަރާތެއް ނިޔާވުމެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު އައިޖީއެމްއެޗަށް އެމަޖެންސީގައި ގެނެސް ފަރުވާ ދޭން ފެށީ އޭގެ ޖެހިގެން އައި ދުވަހުއެވެ. އެ މީހާ ނިޔާވީ 29 ވަނަ ދުވަހު އެކަށީގެންވާ ފަރުވާއެއް ނުދެވި ވަނިކޮށެވެ.
މިއީ ކަންބޮޑުވާން ޖެހޭ ކަންތަކެވެ. ސިއްހީ ނިޒާމު ބަލިކަށި ގައުމެއްގައި ނުރައްކާތެރި ބައްޔަށް ފެތުރެމުން ދާއިރު އެހެން ބަލިތަކުގައި ތިބި މީހުންގެ ފުރާނަ ވެސް ވަނީ ނުރައްކަލެއްގެ ތެރޭގައެވެ. ހާއްސަކޮށް މާބަނޑު މީހުންނެވެ. ބޭނުންވަނީ ރަނގަޅު ނިޒާމެކެވެ. މިއީ އެއްގޮތަކަށް ކުރަމުން އަންނަ މަސައްކަތެއް ބަލައި ނުގަތުމެއް ނޫނެވެ. ރައްޔިތުންގެ ކަންބޮޑުވުމެވެ. ނޫނީ އަޅުގަނޑުގެ ކެތްތެރިކަން ކޮޅުންލައި، ޖަޒުބާތުގައި ޖެހުމެއް ވެސް ނޫނެވެ.

