ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު ހަރުދަނާކުރުމަކީ ޤައުމެއްގެ ހައިސިއްޔަތުން ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށާއި، ހަނގުރާމަ ހުއްޓާލި ނަމަވެސް އިޒުރޭލުގެ އެއްވެސް ރައްޔިތަކަށް ދެން މި ޤައުމަށް ނާދެވޭނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ދުނިޔޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު މި ޤާނޫނަކީ ވަރަށް މުހިންމު ޤާނޫނެއް ކަމަށެވެ. އަދި މީގެ ކުރިން މި ޤާނޫނަށް އެކި އެކި ކުދި އިސްލާޙުތައް ގެނެސް، ޤާނޫނުގެ އަސްލު އޮޅޭ ހިސާބަށް ކަންކަން ގޮސްފައިވާތީ، އެންމެ ރަނގަޅު ގޮތަކީ ފުރިހަމަ އަދި ހަރުދަނާ އައު ބިލެއް މަޖިލީހުން ފާސްކުރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، އިދިކޮޅުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އިޒުރޭލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. މީގެ އިތުރުން، ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުގައި އިޒުރޭލު ޕާސްޕޯޓު މަނާކުރުމަށް ރައްޔިތުން އެދުމުން، އެއްވެސް ޤައުމެއްގެ ބަޔަކަށް ރާއްޖެ އެތެރެވުން މަނާނުކުރެވޭނެ ކަމަށް ބުނެ އެކަމުން ރެކެން މަސައްކަތްކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
”ދިވެހި ރައްޔިތުން އާދޭސްކުރި، ދީނީ އިލްމުވެރިން އާދޭސްކުރި ކަލޭނޭ މާތްކަލާ ކޮއްޓަކާ ކިޔާފައޭ މި ނަންގަތީ އިޒުރޭލުގެ ރައްޔިތުންއަށް ނާދެވޭނެ ގޮތަށް ހަދާދޭށޭ. އަޑެއްނޭހި މިބޭފުޅުން އެއް،“ ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިޒުރޭލުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް އެންމެ ފުރަތަމަ ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުންނެވެ. އަދި އެއަށްފަހު ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހަޅައި، އިޒުރޭލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖެ ނާދެވޭނެ ގޮތަށް ނިންމި ނިންމުން މިހާރު މި ޤާނޫނުގައި ހަރުދަނާކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ފަރާތްތަކުން މި ޤާނޫނުގެ އަސްލު އޮޅުވާލައިގެން ރައްޔިތުންގެ ވިސްނުން ކިލަނބުކުރަން އުޅޭ ކަމަށްވެސް ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، މިފަދަ ބޮޑެތި ބިލުތައް މަޖިލީހަށް ހުށަހެޅުމުގައި މަޖިލީހުގެ ޤަވާއިދަށް އިސްލާޙު ގެންނަންޖެހޭ ކަމަށާއި، ބިލެއް އައު ބިލެއްގެ ގޮތުގައި ވިޔަސް ނުވަތަ އިސްލާޙެއްގެ ގޮތުގައި ވިޔަސް ފުރަތަމަ ފޮނުވަންވާނީ ކޮމިޓީ މަރުހަލާއަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވާހަކަ ނިންމަވާލައްވަމުން ފަލާހު ވަނީ، ރައްޔިތުންނަށް އޮޅުވާލުމަށް އެމްޑީޕީން ދޮގު މައުލޫމާތު ނުފެތުރުމަށް ގޮވާލައްވާފައެވެ. އަދި ހަނގުރާމަ ހުއްޓާލި ކަމުގައި ވިޔަސް، ދެން ދުވަހަކުވެސް އިޒުރޭލުގެ އެއްވެސް ރައްޔިތަކަށް މި ޤައުމަށް އެތެރެނުވެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

