ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް އާންމުންނާއި ކަމާގުޅުންހުރި އިދާރާތަކުން ހިޔާލު ހުށަހެޅުމަށް ދެ ހަފުތާގެ މުއްދަތެއް ދިނުމަށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ބިލަށް ހިޔާލު ހޯދުމުގެ ފުރުސަތު ދެ ހަފުތާއަށް ހުޅުވާލަން ކޮމިޓީން ނިންމީ ހޯރަފުށި ދާއިރާގެ މެންބަރު ޢަލީ މޫސާ ހުށަހެޅުއްވި ހުށަހެޅުމަކަށެވެ. މި ހުށަހެޅުމަށް ވިލިނގިލި ދާއިރާގެ މެންބަރު އާދަމް އަބްދުލްޢަޒީޒު ތާއީދުކުރެއްވިއިރު، ކޮމިޓީން މިއަދު މިގޮތަށް ފާސްކުރީ އަޣުލަބިއްޔަތު މެންބަރުންގެ ވޯޓުންނެވެ. މި ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
ކޮމިޓީން ނިންމާފައިވަނީ މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އާންމުންގެ ހިޔާލަށް ބިލު ހުޅުވާލުމަށެވެ. އަދި ހަމައެއާއެކު، ދައުލަތުގެ ކަމާބެހޭ މުހިންމު އިދާރާތަކުން ލިޔުމުން ހިޔާލު ހޯދުމަށް މިއަދު ސިޓީ ފޮނުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހިޔާލު ހޯދަން ނިންމާފައިވާ އިދާރާތަކަކީ:
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
- މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
- މިނިސްޓްރީ އޮފް ފިނޭންސް
- ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
މި ބިލަށް ސިޔާސީ ޕާޓީތަކާއި ދީނީ ޖަމްއިއްޔާތަކުގެ ހިޔާލު ހޯދުމަށާއި، ބިލުގެ މަސައްކަތް ނިންމާ ތާރީހު ޑިސެމްބަރު 19 އާ ހަމައަށް ފަސްކުރުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވަކިވަކިން ދެ ހުށަހެޅުމެއް ހުށަހެޅުއްވިއެވެ. ނަމަވެސް އެއިން އެއްވެސް ހުށަހެޅުމަކަށް އެހެން އެއްވެސް މެންބަރަކު ތާއީދު ނުކުރެއްވުމުން އެކަންކަމަށް ވޯޓަކަށް ނާހައެވެ.
ކޮމިޓީން މިހާރު ތާވަލުކޮށްފައިވާ ގޮތުން އާންމުންނާއި މުއައްސަސާތަކުގެ ހިޔާލު ހޯދުމަށްފަހު، މި ބިލާ ގުޅޭގޮތުން ކޮމިޓީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމާލާނެއެވެ.

