ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ މުއްތަލިބު ދޭ ޔަގީންކަން: ”ބިމުގެ ފުރިހަމަ ބާރު އޮތީ ދައުލަތަށް“

މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ ދަށުން ދިވެހިރާއްޖޭގެ ބިމުން ބައެއް ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ދާއިމީކޮށް ދޫވެގެން ނުދާނެ ކަމަށާއި، އެ ބިންތަކުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އަބަދުވެސް އޮންނާނީ ދައުލަތަށް ކަމަށް ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ”ސަންގު ޓީވީ“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރިއަލް އެސްޓޭޓް ބިލުގައި ބަޔާންކުރާ އުސޫލުތަކަކީ ޓޫރިޒަމް ގާނޫނަށް ވުރެ ވެސް މާ ހަރުކަށި އުސޫލުތަކެއް ކަމަށެވެ.

އެގޮތުން 99 އަހަރަށް ބިމެއް ނުވަތަ ވިލާއެއް ދޫކުރި ނަމަވެސް، އެ ތަނެއް އެހެން ފަރާތަކަށް ވިއްކާލާ ހިސާބުން ކުރީގެ ލީސް އެއްބަސްވުން ބާތިލުވެ، ދައުލަތަށް އެ ތަން ސަރެންޑަރ ކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގައި ލަގްޒަރީ ވިލާތަކެއް އެޅުމަށް ހަމަޖެހިފައިވާ އީގަލް ހިލްސް ފަދަ ކުންފުންޏަކަށް 99 އަހަރަށް ބިމެއް ލިބި، އެ ތަނުގައި އަޅާ އިމާރާތެއް ނުވަތަ ވިލާއެއް އެހެން މީހަކަށް ވިއްކާލަން ހުށަހަޅާ ހިސާބުން، އެ ކުންފުންޏަށް އޮތް ލީސް ކެންސަލްވާނެ ކަމަށެވެ. އަދި އަލުން އެ ތަން ގަންނަން ހުށަހަޅާ ފަރާތަކީ ސަރުކާރުން ބަލައިގަންނަ، ގަބޫލުކުރެވޭ ފަރާތެއް ނަމަ، ދައުލަތުން ފީއެއް ނެގުމަށްފަހު އާ ލީސެއް ދޫކުރާނީ ސީދާ ދައުލަތުން ކަމަށް ވިދާޅުވިއެވެ.

”މީހަކު ތަނެއް ގަނެފައި ތިން އަހަރު ފަހުން ވިއްކާލަން ބޭނުންވިޔަސް، އޭނާގެ އަތުގައި ބާކީ އޮތް 96 އަހަރަކަށް ދައުލަތުން ބަދަލެއް ނުދޭނެ. އެ ޖެހޭނީ ސަރެންޑަރ ކުރަން. ކުރީމާ ސަރުކާރުން އަނެއްކާ ދެން ގަންނަ މީހަކަށް އާ ލީސްއެއް މި ދެނީ. އެހެންވީމާ، އަބަދުވެސް އާ ޝަޚްސަކާ އެކީ އާ އެއްބަސްވުމެއް މި ހެދެނީ،“ މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ 99 އަހަރު ހަމަވުމުން، ހިނގަހިނގާ އޮތް އަގުބޮޑު ރިސޯޓެއް ދައުލަތަށް ބަދަލުދީފައި ނެގުމަކީ އިގްތިސާދީ ގޮތުން ވެސް ފައިދާހުރި ކަމެއް ނޫން ކަމަށެވެ. އަދި ޓޫރިޒަމް ގާނޫނުގައި ވެސް އެ ފަރާތްތަކަށް އަލުން ލީސް އައުކޮށްދެވޭނެ އުސޫލުތައް އޮންނަކަން ފާހަގަކުރެއްވިއެވެ.

ނަމަވެސް، ރިއަލް އެސްޓޭޓް ބިލުގެ ދަށުން އެކަކަށް 99 އަހަރު ހަމަވުމުން އިތުރު އާ ލީސެއް ނުދެވޭނެ ކަމަށާއި، ކަނޑައަޅާފައިވާ ހާއްސަ ޒޯނުތަކުގައި ކުރިއަށްދާ މިފަދަ ކޮންމެ މުޢާމަލާތަކަށް ”އާއެކޭ“ ނުވަތަ ”ނޫނެކޭ“ ބުނުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު އޮންނާނީ ދައުލަތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބު ޔަގީންކަން ދެއްވި ގޮތުގައި، މި ބިލު ތައްޔާރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ފުރިހަމަ ސިޔާދަތީ ބާރާއި ގާނޫނުތައް ފުރިހަމައަށް ހިނގާނެ ގޮތަށެވެ. އަދި މި އުސޫލުގެ ސަބަބުން އެއްވެސް ބައެއްގެ އަތްމައްޗަށް ރާއްޖޭގެ ބިމުގެ ބާރު ދާއިމީކޮށް ދޫވެގެން ނުދާނެ ކަމަށާއި، ކޮންމެ މުޢާމަލާތަކުން ވެސް ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: