ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމާއި އަރާރުންތަކުގެ ތެރެއަށް ދިވެހިރާއްޖެ ވަދެގެން ނުވާނެކަމަށާއި، ބޭރު ދުނިޔޭގެ މައްސަލަތަކުގައި ރާއްޖެއިން އަމަލު ކުރަންވާނީ ވަރަށް ބޮޑަށް ވިސްނުންތެރިކަން އިސްކޮށްގެންކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމާ ދިމާކޮށް ”ސަންގު“ ޓީވީއަށް ދެއްވި ހާއްސަ އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި އެމަނިކުފާނު ވަނީ ދެކުނު އޭޝިއާގެ ސަރަހައްދީ ސިޔާސަތާއި، މެދުއިރުމަތީގެ މިހާރުގެ ހާލަތުގެ އިތުރުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރަންވީ މިސްރާބާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ،
ރައީސް މުއިއްޒު ދާދިފަހުން ޕާކިސްތާނަށް ދަތުރުފުޅު ކުރެއްވުމުން އެކަމަށް އަމާޒުކޮށް އެމަނިކުފާނު ކުރެއްވި ޕޯސްޓާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ޕާކިސްތާނަކީ ރާއްޖެ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމާއި އަރާރުންތަކުގެ ތެރެއަށް ދިވެހިރާއްޖެ ވަދެގެން ނުވާނެކަމަށާއި، ބޭރު ދުނިޔޭގެ މައްސަލަތަކުގައި ރާއްޖެއިން އަމަލުކުރަންވާނީ ވަރަށް ބޮޑަށް ވިސްނުންތެރިކަން އިސްކޮށްގެން ކަމަށެވެ.
ކަޝްމީރާ ގުޅޭގޮތުންވެސް އެ މީހުންގެ މި ދެ ގއުމުގެ އަރާރުމުގެ ތެރެއަށް އަޅުގަނޑުމެން ވަދެގެންނުވާނެ
މީގެއިތުރުން، އިންޑަސްޓްރިއަލް ފެނުގެ މައްސަލަތަކާއި އެހެނިހެން ހިލާފުތަކާ ގުޅޭގޮތުން ވެސް ރާއްޖެއިން އޭގެ ތެރެއަށް ވަނުމުގެ ބަދަލުގައި، އެފަދަ ހުރިހާ މައްސަލަތަކާ ދުރުގައި ތިބެންޖެހޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މެދުއިރުމަތީގެ ހާލަތުވެސް ދުވަހުން ދުވަހަށް ގޯސްވަމުންދާ ކަމަށެވެ. އަދި ގަލްފުގެ ގައުމުތަކުން މިހާރު ވަރަށް ބޮޑަށް ރަހުމަތްތެރިންނަށް ބޭނުންވެ، އެ ގައުމުތަކުގެ ހަވާސް ވެސް ފުޅާކުރަމުންދާ ކަމަށެވެ. ހާއްސަކޮށް ޕާކިސްތާނާއި، ސަޢޫދީ ޢަރަބިއްޔާ އަދި ތުރުކީއާ ދެމެދު އެކުލަވާލެވިފައިވާ މުއާހަދާތަކާއި ގުޅުންތަކުގެ ތެރެއަށް ދިވެހިން ބައިވެރިވާންވާނީ ވަރަށް ބޮޑަށް ވިސްނާފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އެންމެ އިސްކަމެއް ދޭންވާނީ އެހެން ގައުމުތަކުގެ ދެބަސްވުންތަކާއި އަރާރުންތައް ރާއްޖޭގެ ތެރެއަށް ނުވަންނާނެ ގޮތަކަށް ކަންކަން ރޭވުމަށް ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ވިސްނުން ބަހައްޓަންވާނީ ބޭރުގެ ކޯޅުންތަކުން ސަލާމަތްވެ ތިބެންކަމަށް ވިދާޅުވި އެވެ. އެގޮތުން، އެހެން ގައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކާއި އަރާރުންތައް އެއްވެސް މިންވަރަކަށް ރާއްޖޭގެ ތެރެއަށް ނުގެނެސް، އެފަދަ ހިލާފުތަކާ ވީހާވެސް ދުރުގައި ގައުމުގެ މަސްލަހުތު ރައްކާތެރިކުރުމަށް ދިވެހިން މަސައްކަތް ކުރަންޖެހޭނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު އިޝާރާތް ކުރެއްވި ފެނުގެ މައްސަލައަކީ އިންޑިއާ – ޕާކިސްތާން ދެމެދު އެންމެ ފަހުން އުފެދުނު ނުތަނަވަސްކަމެވެ. އެއީ ކަޝްމީރު ސަރަޙައްދުގައި އިންޑިއާއިން ހަދަމުންދާ ކިޝަންގަންގާ އަދި ރަތުލޭ ކަރަންޓު މަޝްރޫޢުތަކާ ގުޅިގެންނެވެ. ޕާކިސްތާނުން ބުނާގޮތުގައި މި ޑޭމްތަކުގެ ސަބަބުން އެ ގައުމަށް ލިބެންޖެހޭ ފެން މަދުވާއިރު، މިއީ 1960 ގެ ”އިންޑަސް ވޯޓާސް ޓްރީޓީ“ އާ ހިލާފު ކަމެކެވެ.

