ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު އަދި އެތެރެކޮށްފައިވާ 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ހާމަކޮށްފިއެވެ.
ހޯމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި ތަފާތު އޮޕަރޭޝަންތަކުގައި ޖުމްލަ 1،327 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.
އަދި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި 16،852 ބަނގުރާ ފުޅި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މި ހުރިހާ ތަކެތީގެ މަގުމަތީ އަގު 1.4 ބިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް ހޯމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ޖަރީމާ ނެޓްވޯކްތައް ނައްތާލުމަށް ފުލުހުން ކުރަމުންދާ ގައުމީ މަސައްކަތުގެ ތެރެއިން، ފާއިތުވި ތިން އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ޚާއްސަ 508 އޮޕަރޭޝަނެއް ވަނީ ކާމިޔާބުކަމާއެކު ހިންގާފައެވެ. ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް ގިނަގުނަ ހަރުދަނާ ފިޔަވަޅުތަކެއް މި އޮޕަރޭޝަންތަކުގެ ދަށުން ވަނީ އަޅާފައެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ އިސް ފަރާތްތައް ހޯދައި، އެމީހުންގެ މާލީ މުއާމަލާތްތައް ފުންކޮށް ތަހުގީގު ކުރުމަށް ސަލާމަތީ ބާރުތަކުން ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން، މަސްތުވާތަކެއްޗާ ގުޅުންހުރި މާލީ ކުށްތަކާއި މަނީ ލޯންޑަރިންގެ 23 މައްސަލައެއްގެ ތަހުގީގު މި މުއްދަތުގައި ހިންގާފައިވާއިރު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ އަދި އެފަދަ ނުރައްކާތެރި އަމަލުތައް ހިންގަމުންދިޔަ 11 ތަނެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ބަންދުކޮށްފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީން އާންމުކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ހޯމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ސާބިތުވާ ގޮތުގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށާއި އޭގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި އިޖުތިމާއީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުން މިހާތަނަށް ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދިފައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މި ގައުމީ މަސައްކަތުގައި ކަމާބެހޭ އެންމެހައި މުއައްސަސާތައް ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާރަވެރިކަން އިތުރަށް ވަރުގަދަކޮށް، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް ސަލާމަތީ ބާރުތަކުން ވަނީ ޔަގީންކަން ދީފައެވެ.
ދިވެހި މުޖުތަމައަށް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވަބާއެވެ. މިކަމުގެ ސަބަބުން އެތައް އާއިލާއެއްގެ ދިރިއުޅުން ހަލާކުވެ ގައުމުގެ ޒުވާން އާބާދީ ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދެއެވެ. އަދި ވައްކަމާއި، ފޭރުމާއި، އެހެނިހެން ނުރައްކާތެރި ކުށްތައް މުޖުތަމައުގައި އިތުރުވެ، އަމާންކަން ގެއްލިގެންދިއުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް މަސްތުވާތަކެއްޗެވެ.
އެހެންކަމުން، މި ނުރައްކަލުން މުޅި ގައުމު ސަލާމަތްކުރުމަށްޓަކައި އެތެރެވާ ދޮރުތައް ބަންދުކުރުމުގެ އިތުރުން، ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ދީނީ އަދި އަޚްލާގީ ތަރުބިއްޔަތު ވަރުގަދަކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ގައުމީ ވާޖިބެކެވެ.

