ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިއަލް އެސްޓޭޓް ޒޯންތައް ހެދިޔަސް ރައްޔިތުންގެ ބޯހިޔާވަހިކަމަކަށް ހުރަހެއް ނޭޅޭނެ: މިނިސްޓަރު

މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިގްތިސާދީ ބޭނުންތަކަށާއި ރިއަލް އެސްޓޭޓް ވިޔަފާރިއަށް ބިންތައް ދޫކުރި ނަމަވެސް، ދިވެހި ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ ފުރުސަތުތަކަށް އެއްވެސް ހަނިކަމެއް ނާންނާނެކަމަށް މިނިސްޓަރ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ”ސަންގު ޓީވީ“ އަށް ދެއްވި ހާއްސަ އެކްސްކްލޫސިވް އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ގައުމުގެ އިގްތިސާދު ވަރުގަދަކޮށް، ދިގު މުއްދަތަކަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކުރުމާއެކު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ.

އެގޮތުން މިނިސްޓަރ ފާހަގަކުރެއްވީ ކުރީ ސަރުކާރުން ބޯހިޔާވަހިކަމަށް ވަކި އަދަދުތަކަކާއި ކެޓަގަރީތަކެއް ކަނޑައަޅާފައި ހުރި ނަމަވެސް، ރައީސް މުއިއްޒުގެ ސިޔާސަތަކީ ޝަރުތު ހަމަވާ ހުރިހާ ރައްޔިތުންނަށް ވެސް ގޯތި ދިނުން ކަމަށެވެ. އެހެންކަމުން އެ އުސޫލުން ޝަރުތު ހަމަވާ އެންމެންނަށް ބިން ހަމަޖައްސައިދިނުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިންގުމުން ރައްޔިތުންނަށް ބިން ނުލިބިދާނެކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އަދިވެސް ހިއްކެން ހުރި ބޮޑެތި ފަޅުތައް އެބަހުރި ކަމަށެވެ. މިސާލެއްގެ ގޮތުން ކްރޮސްރޯޑްސް މަޝްރޫއަށް 700 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ދޫކޮށްފައިވާއިރު، ރިއަލް އެސްޓޭޓް ބޭނުންތަކަށް ދޫކުރެވިގެންދަނީ އެފަދަ ބޮޑެތި ސަރަހައްދުތަކެއް ނޫންކަމަށް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް ހަތަރު ލައްކަ ފަނަރަ ހާސް ކަމަށާއި މިއީ އެހާ ބާރަށް އިތުރުވަމުން އަންނަ އާބާދީއެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ރަސްމާލޭގެ 500 ހެކްޓަރު ހިއްކައި އާބާދުކޮށް، އަދި ގުޅީފަޅާއި ގިރާވަރުފަޅު ހިމެނޭހެން އުތުރުތިލަފަޅު ތަރައްގީކޮށް އާބާދުކުރުމުން މާލެ ސަރަހައްދުން ބޮޑު ޖާގައެއް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން އެ ތަންތަން އިމާރާތްކޮށްގެން ރައްޔިތުންނަށް ފައިދާ ލިބޭނެ ގޮތްތަކާއި ފީސިބިލިޓީއަށް ބަލަންޖެހޭކަމަށާއި، މިހާރު ހުރި ބިންތަކާއި ފަޅުތަކުން ރައްޔިތުންގެ ބޯހިޔާވަހިކަން ފުރިހަމައަށް ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގެންނަ ތަރައްގީއާއި އެކު ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ބޯހިޔާވަހިކަމަށް އޮތް ލުއި އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ.

ރިއަލް އެސްޓޭޓް ބިލާ ގުޅޭގޮތުން ސުވާލު ކުރުމުން މުއްތަލިބު ވަނީ ގާނޫނުގައި ހާއްސަކޮށް ކަނޑައަޅާ ރިއަލް އެސްޓޭޓް ޒޯންތަކާއި ޓޫރިޒަމް ގާނޫނުގެ ދަށުން ސްޓްރާޓާ އުސޫލުން ވިއްކާ ތަންތަން ފިޔަވައި، ދިވެހިން ދިރިއުޅޭ އެއްވެސް ރަށަކުން ބޭރު މީހުންނަށް ރިއަލް އެސްޓޭޓް މިލްކުވާ ގޮތަށް ނުވަތަ ލީސް އުސޫލުން ވެސް ނުވިއްކޭނެ ގޮތަށް ބިލުގައި ހިމަނާފައިވާނެކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރ ވިދާޅުވީ، ދިވެހިން އާބާދުވެފައިވާ ރަށްރަށުގައި ހިންގާ ރިއަލް އެސްޓޭޓް މަޝްރޫއުތަކުން ބޭރު މީހުންނަށް ތަންތަން ގަނެވޭގޮތަށް ހުޅުވާލައިފިނަމަ، ބާޒާރުގެ އަގުތައް އިންތިހާއަށް އުފުލި، އާދައިގެ ދިވެހި ރައްޔިތުންނަށް އެޕާޓްމަންޓްތަކާއި ބޯހިޔާވަހިކަން އަތްނުފޯރާ ފަށަށް ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ބިލުގައި އެފަދަ ހަރުދަނާ މާއްދާތަކެއް ހިމަނާފައިވަނީ ދިވެހި ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއްގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަގްސަދުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: