ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ރައީސް ދެއްވާ ގައުމީ ޝަރަފު މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ހަތަރު މުވައްޒަފަކަށް ލިބިއްޖެއެވެ.
މި ޝަރަފު ލިބުނު މުވައްޒަފުންގެ ތެރެއިން އެންމެ ދިގު މުއްދަތެއް ހިދުމަތްކޮށްފައި ވަނީ ޑެޕިއުޓީ ޓްރާންސްޕޯޓް އޮފިސަރ މުހައްމަދު އިޔާޟްއެވެ. އޭނާ ވަނީ 38 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައެވެ.
ސީނިއަރ ޕްރީފޯމް އޮޕަރޭޝަންސް އިންޖިނިއަރ މުޞްޠަފާ ޙަސަން، އެސިސްޓަންޓް ޕެއަބަލް އެގްޒެކެޓިވް އާމިނަތު ރަޝީދާ އަދި ސީނިއަރ ކަސްޓަމަރ ސާރވިސް އޮފިސަރ މުހައްމަދު އަލީ ވަނީ ކޮންމެ ބޭފުޅަކުވެސް 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ކުންފުނީގެ ހަތަރު މުވައްޒަފަކަށް ދައުލަތުގެ މި މަތިވެރި ޝަރަފު ލިބުމަކީ ކުންފުންޏަށް ވެސް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. ކުންފުންޏަށާއި ގައުމަށް އެ ބޭފުޅުން ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ ނަމުގައި އެ ބޭފުޅުންނަށް މަރުހަބާއާއި ޝުކުރު ދަންނަވާ ކަމަށް ވެސް ކުންފުނިން ބުންޏެވެ.

