ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކުނުގެ ތިން ޑްރަގް ނެޓްވޯކެއް ހުއްޓުވާލެވިއްޖެ، ރާއްޖޭގެ އެންމެ ބޮޑު ނެޓްވޯކުގެ ތަހުގީގު ދަނީ ކުރިއަށް: އިހްސާން

ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ވަޒީރު އިހްސާން ”ސަންގު ޓީވީ“ އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނުގެ ތިން ޑްރަގް ނެޓްވޯކެއް ހުއްޓުވާލެވިފައިވާ ކަމަށާއި ރާއްޖޭގެ އެންމެ ބޮޑު ޑްރަގް ނެޓްވޯކުގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ”ސަންގު ޓީވީ“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުންނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މީގެ ކުރިން ޑުރަގް ބޭނުންކޮށް ވިއްކަމުންދާ ތަންތަނުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވޭ ކަމަކީ ފުލުހުން އެތަންތަނަށް ގޮސް، ބަލައިފާސްކޮށް އެތާ ތިބޭ މީހުން ހައްޔަރުކޮށް، މަސްތުވާތަކެތި ނަގައި އެތަން ބަންދުކޮށްލާފައި ދިޔުމެވެ. ނަމަވެސް އޭގެ އަނެއް ދުވަސް އަންނައިރު، އަނެއްކާވެސް އެ މީހުން ނޫނީ އެހެން ބަޔަކު އެތަނުގައި އެކަން ކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، އެ މައްސަލަ ހައްލުކުރުމަށް ގާނޫނުނަށް ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ، ކޯޓު އަމުރެއްގެ ދަށުން އެތަންތަން ވަކި މުއްދަތަކަށް ބަންދުކޮއްފައި ބެހެއްޓޭނެ ގޮތެއް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ އިތުރުން، އެކަންކަން ތަކުރާރުކޮށް ކުރާނަމަ ތަނުގެ ވެރިފަރާތަށް ވެސް ފިޔަވަޅު އެޅޭނެގޮތަށް ގާނޫނު ބަދަލުކުރި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

”މާލެ ތެރޭ އެކްޓިވްކޮށް މިފަދަ ކެފޭ އުސޫލުން ހިނގަމުންދާ 15 ތަނެއް މިހާރު ވަނީ މިއަދާ ހިސާބަށް އައިއިރު ބަންދު ކުރެވިފައި. އަދި ރާއްޖެތެރޭގައި ހާއްސަކޮށް އަތޮޅުތަކަށް ބަލާއިރު ޕާމެނެންޓްކޮށް މިކަންކަން ހިނގަމުންދާ އައްޑޫއާއި ފުވައްމުލައް ފަދަ ތަންތަން ހިމެނޭހެން 5 ތަނެއް ވަނީ ބަނދު ކުރެވިފައި،“ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ފާހަގަކުރެއްވީ، މީގެ ކުރިން ތަހުގީގުތައް ބައްޓަންކުރާ ގޮތުން، އަބަދުވެސް ހައްޔަރަށް ލެވެނީ ވިކްޓަމައިޒް ވެފައިވާ މީހެއް ނުވަތަ ކޮންމެސް ވަރަކަށް މަސްތުވާތަކެތި ޕެޑަލް ކުރަމުންދާ މީހެއް ކަމަށެވެ. އެހެންނަމަވެސް އެކަމުން އެއްވެސް ނަތީޖާއެއް ނުނިކުންނަ ސަބަބަކީ، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ އަދި ހުރިހާ މަންފާއެއް ލިބޭ އެކަމުގެ އަޑީގައި ހުންނަ މީހާއާ ދޭތެރޭ އެޅޭނެ ފިޔަވަޅެއް ނޯންނާތީކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ގާނޫނުން އެ މީހަކާ ހިސާބަށް ދެވޭނެ މަގުތައް ކުރިން ވަރަށް ހަނިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން، އެކަމަށް ހައްލެއް ހޯދުމަށް ގާނޫނަށް ދެން ގެނެސްފައިވާ ބަދަލެއްކަމަށް ވަޒީރު ފާހަގަކުރެއްވީ، ޑުރަގު ވިޔަފާރިކުރާ ފަރާތްތަކުގެ ފައިސާއާއި މުދާ ދެނެގަނެ، ފައިސާ ދައުރުކުރި ގޮތް ހޯދައިގެން، މަނީ ލޯންޑަރިންގެ ދައުވާ އެ މީހުންގެ މައްޗަށް ކުރެވޭ ގޮތް ހެދުމެވެ. އެހެންކަމުން، ޑްރަގް ނެޓްވޯރކުތައް ހޯދައި، އެ ނެޓްވޯރކަށް ހާއްސަކޮށް ތަހުގީގުތައް ކުރިއަށް ގެންގޮސް ނެޓްވޯރކުތައް ނައްތާލެވޭކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ކުރެވުނު މަސައްކަތުގައި އައްޑޫ، ފުވައްމުލައް، އަދި ގއ. އަތޮޅުން 3 ނެޓްވޯރކެއް ގާނޫނާ ހިސާބަށް ގެނެވިފައިވާކަމަށް ވަޒީރު ވަނީ ހާމަކުރައްވައިފައެވެ. އަދި މިވަގުތު ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ނެޓްވޯރކުގެ ތަހުގީގު މާލެގައި ކުރިއައްދާކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ޑުރަގްގެ ގާނޫނުގެ ތެރެއިން ފަރުވާގެ ނިޒާމަށް ނެގޭ މީހުންނަށް އަލިއަޅުވާލަމުން ވަޒީރު ވިދާޅުވީ، މީހުން ނަގާނެ ގޮތާއި ނަގައިގެން ފަސޭހަކަމާއެކު ގެންގޮސް އެމީހުންނަށް ފަރުވާ ދެވެންދެން ބައިތިއްބާނެ ގޮތް ވެސް ގާނޫނުގައި ހިމަނަފައިވާނެ ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ފަރުވާ ދެވޭނެ ޖާގަ ކުޑަކަމުން އެކަމަށް ވެސް ހައްލެއް ގެނެސް މި ނިޒާމާއެކުގައި ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމްކުރަން ފެށިފައިވާކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: