ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުބިތުވެ، މީހަކު 25 އަހަރަށް ޖަލަށް ލުމަށް އައްޑޫ ސިޓީ މީދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފިއެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުބިތުވެ ޖަލަށްލާން ހުކުމްކޮށްފައިވަނީ ދަފްތަރު ނަންބަރު 07/ ސ. މީދޫ, ޢަބްދުލްވައްހާބު އަޙްމަދު (59އ) އެވެ. އޭނާ 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް އިއްޔެ މީދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައި ވަނީ 2021 ޑިސެމްބަރު އެއްވަނަ ދުވަހުއެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 ޖަނަވަރީ 13ވަނަ ދުވަހުއެވެ.
އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
ފުލުހުން ބުނެފައިވަނީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

