ކްރޮސްރޯޑްގެ އިރުމަތީ ފަރާތުގައި އޮންނަ ފިނޮޅެއް ކައިރިއަށް 11 ދިވެހިންނާއެކު މަހަށް ގޮސް އުޅުނު ޑިންގީއެއް ދިޔަވާކަމުގެ މައުލޫމާތު ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެެފްއިން ބުނި ގޮތުގައި، 11 ދިވެހިންނާއެކު މަހަށް ގޮސް އުޅުނު ޑިންގީއެއް ދިޔަވާކަމުގެ މައުލޫމާތު ލިބުނީ ރޭ 8:11 ހާއިރުއެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ”ހާބަކްރާފްޓް 113“ ލޯންޗު، ޑައިވަރުންނާއި ޕަމްޕާއެކު، އެ ސަރަހައްދަށް ގޮސްފައިވެއެވެ. ކޯސްޓްގާޑުގެ ޑައިވަރުން ޑިންގީ ބެލިބެލުމުން، ޑިންގީގެ ބޭރުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަން ފާހަގަކުރެވުނުކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.
ޑިންގީން ފެން ހިއްކުމަށްފަހު 3 މީހުންނާއެކު ޑިންގީ ހުޅުމާލެއަށް ދަތުރުކުރިއިރު، ޑިންގީގައި ތިބި 7 އަންހެނުންނާއި، 7 އަހަރުގެ ކުޑަކުއްޖާ ރޭ 21:30 ހާއިރު ސަލާމަތްތެރިކަމާއެކު ކޯސްޓްގާޑުގެ ސިފައިން ހުޅުމާލެއަށް ގެންގޮސްދީފައިވާކަމަށައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

