ރަސްމާލޭގެ ބިމުން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްގެން ހިންގާ މަޝްރޫއު އެމަނިކުފާނުގެ ސަރުކާރެއްގައި ބާތިލްކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ރަސްމާލޭގައި ސަރުކާރުން ހިންގަން ރާވާފައިވާ ”މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ“ މަޝްރޫއުއާ ގުޅޭގޮތުން ފައިސަލް އާއި އާޒިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިސަލް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި އެ މަޝްރޫއު ބާތިލްކުރައްވާނެ ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުމާއި އިޖުތިމާއީ ރައްކާތެރިކަމަށް ހުރަސްއެޅޭ އެއްވެސް އެގްރިމެންޓެއް ނުބާއްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި މަޝްރޫއުގައި އަޑި ނޭނގޭ އެތައް ކަމެއް ހިމެނޭ ކަމަށެވެ.
”އަޅުގަނޑު ހަމަ އަދިވެސް ދަންނަވާލާނަން މި މަޝްރޫއު ހަމަ ޖެހޭނީ ހުއްޓާލަން. އެނގިވަޑައިގަނަންވާނެ ރައްޔިތުންނާ ދެކޮޅަށް އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ސަރުކާރަށް އޮތް ޗޮއިސްއެއް ނޫން،“ ފައިސަލް
ފައިސަލް އިތުރަށް ވިދާޅުވީ، އެ މަޝްރޫއަކީ ރައްޔިތުންނަށް ލިބޭ ފައިދާއަށް ވުރެ ބޮޑަށް ގެއްލުންވާ މަޝްރޫއެއް ކަމަށާއި ގެއްލުންވާ އެއްޗެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އޭގެ އިތުރުން، މި ފަހުގެ ތާރީޚެއްގައި މިހާތަނަށް ދިވެހިން މިހާ ބޮޑަށް ކަމަކާ މެދު މި ނޫނިއްޔާ ކަންބޮޑުވުން ފާޅުކުރި ތަނެއް ނުފެންނަ ކަމަށާއި މިހާ ވަރަށް ރައްޔިތުން ދެކޮޅު ހަދަމުންދާތީ ވެސް ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މި މައްސަލައިގައި އޭނާގެ ޓީމުގެ ފަރާތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި އެއްވުންތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޝްރޫއުއާ ގުޅޭގޮތުން ފައިސަލްގެ ރަނިން މޭޓެއްގެ ގޮތުގައި ވާދަކުރައްވާ އާޒިމް ވިދާޅުވީ، ސަރުކާރަށް އެ މަސައްލައިގައި ގަދަ ބާރެއް ނުދެއްކޭނެ ކަމަށާއި، އެކަމުގައި ރައްޔިތުންގެ ރޫހު އޮތް ގޮތް އެނގޭ ކަމަށެވެ. އާޒިމް ވިދާޅުވީ ބާތިލް އެއްޗެކަަށް ރަނގަޅުތޯ ނުވަތަ ގޯސްތޯ އެހުމަކީ އެއީ ރަނގަޅު ކަމެއް ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ، 5000 ހައުސިން ޔުނިޓު އެޅުމަށް ހޭދަވާނީ އެންމެ ގިނަވެގެންވެސް ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު ކަމަށާއި ރަސްމާލޭން ދޫކުރާ 500 ހެކްޓަރުގެ ބިމަކީ އެންމެ ކުޑަކޮށް ބެލިޔަސް 10 ބިލިއަން ޑޮލަރުގެ އަގުހުރި ރަސުލްމާލެއް ކަމަށެވެ. އެހެންކަމުން އަނެއް ނުވަ ބިލިއަން ޑޮލަރަށް ވަނީ ކިހިނެއްތޯ ސުވާލު އުފައްދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
”އެެހެންވީމާ 10 ބިލިއަން ޑޮލަރުގެ އަގުހުރި އެއްޗެއް އަޅުގަނޑުމެން ބަޔަކަށް ދޭއިރުގައި އަޅުގަނޑުމެންނަށް ލިބެންޖެހޭނީ 5000 ހައުސިން ޔުނިޓެއް ނޫން. މަދުވެގެން 30،000 ހައުސިން ޔުނިޓު އެޅޭނެހާ ފައިސާ ލިބޭނެ އަގުހުރި ބިމެއް ހަގީގަތުގައި އެތާ ތަރައްގީކުރެވިފައި،“ އާޒިމް
ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސްއަށް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ކުރިން އިއުލާން ކުރުމަކާ ނުލައި ބިޑު ވެސް ނުކޮށް، ކަމުގެ ހަގީގަތް ނޭނގޭ ސިއްރު ވެރި ގޮތެއްގައެވެ. އެ ބިން އީގަލް ހިލްސް އަށް ކުއްޔަށް ދެނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނެފައިވާނަމަވެސް އީގަލް ހިލްސްއިން ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް ރަސްމާލެ ލިބެނީ ދާއިމީ ގޮތެއްގައެވެ.
އެ މަޝްރޫއާ ދެކޮޅަށް އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފްގެ އިތުރުން އެހެނިހެން ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު އެމްޑީޕީން ގޮވާލަމުންދަނީ އެ މަޝްރޫއާމެދު އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. އަންނަ ބުރާސްފަތި ދުވަހު އެކަމަށް ގޮވާލައި ބޮޑު އެއްވުމެއް ބާއްވަން އެމްޑީޕީން ތައްޔާރުވަމުން އަންނައިރު، ފައިސަލް މިއަދު ވިދާޅުވެފައިވަނީ، އެ މަޝްރޫއާ ދެކޮޅު ހުރިހާ ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގެން އަޑުއުފުއްލަވާނެ ކަމަށެވެ.

