ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

59.7 ބިލިއަން ރުފިޔާގެ ބަޖެޓު އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް، މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް މި ބަޖެޓު ފާސްވެގެން ދިޔައީ ވެރިކަންކުރާ ޕާޓީގެ މެޖޯރިޓީއާއެކު، އިދިކޮޅު ފަރާތްތަކުން ހުށަހެޅި އިސްލާހުތައް ފާސްނުވެ ބޭރުވުމަށް ފަހުގައެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓު ފާސްކުރުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 65 މެންބަރަކު ވަނީ ބަޖެޓު ފާސްކުރަން ފެންނަކަމަށް ވޯޓު ދެއްވާފައެވެ. އަދި މި ބަޖެޓު ފާސްކުރުމާ ދެކޮޅަށް، މަޖިލީހުގައި ހިމެނޭ އިދިކޮޅު މައި ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 13 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ބަޖެޓު ފާސްކުރަން ފެންނަ ކަމަށް ސަރުކާރު ތަމްސީލުކުރާ މެންބަރުން ތާއީދުކުރެއްވިއިރު، މިއީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އެކަށޭނަ ބަޖެޓެއްގެ ގޮތުގައި އެ މެންބަރުން ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ބަޖެޓު ދިރާސާކުރި މަޖިލީހުގެ ބަޖެޓު ކޮމިޓީން ވެސް ބަޖެޓަށް އެއްވެސް އުނިއިތުރެއް ގެނެސްފައި ނުވެއެވެ. ނަމަވެސް، މިއަދުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓަށް އެމްޑީޕީގެ ފަރާތުން ޖުމްލަ 21 އިސްލާހެއް ހުށަހެޅިއެވެ. އެހެން ނަމަވެސް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމުގެ ފުރުސަތު ލިބިގެންދިޔައީ އޭގެ ތެރެއިން ހަތް އިސްލާހަކަށެވެ. އެ ހަތް އިސްލާހު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ވޯޓަށް އެހި ނަމަވެސް، މަޖިލީހުގެ މެޖޯރިޓީން އެ އިސްލާހުތައް ބަލައިގެންފައެއް ނުވެއެވެ.

މަޖިލީހުން މިއަދު ފާސްކުރި 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ މައިގަނޑު އޮނިގަނޑަށް ބަލާއިރު:

  • ޖުމްލަ އާމްދަނީ: ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ ޖުމްލަ އާމްދަނީ އަކީ 43.2 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 33.6 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ ކަމަށް ބެލެވޭ 9.1 ބިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 349.3 މިލިއަން ރުފިޔާއެވެ.
  • ޖުމްލަ ހަރަދު: ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 52.6 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ހިންގުމުގެ ހަރަދެވެ. އެއީ 42.7 ބިލިއަން ރުފިޔާއެވެ.
  • ބަޖެޓުގެ ޑެފިސިޓް: އާމްދަނީއާއި ހަރަދުގެ ފަރަގަށް ބަލާއިރު ބަޖެޓު ޑެފިސިޓް ވާނީ 9.4 ބިލިއަން ރުފިޔާއިންނެވެ.

މިއަދު ފާސްކުރި ބަޖެޓަކީ ބޮޑު ބަޖެޓުތަކުގެ ތެރޭގައި ހިމެނޭ އެއް ބަޖެޓެވެ. ސަރުކާރުން މި ބަޖެޓު އެކުލަވާލާފައިވަނީ އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށާއި، ތަރައްގީގެ މުހިންމު މަޝްރޫއުތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް އަމާޒުކޮށްގެން ކަމަށް ބަޖެޓު ހުށަހަޅަމުން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: