މަކަރާއި ހީލަތުން ހޯދާ ފައިސާ އެކި ފަރާތްތަކަށް ދައުރުކުރުމަށާއި، އޭޓީއެމްތައް މެދުވެރިކޮށް އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނެގުމަށްޓަކައި ކުށްވެރިން ރައިޑް-ހެއިލިން އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ، މިފަދަ ސްކޭމްތަކުގައި ޝާމިލުވާ ފަރާތްތަކުން އަމާޒު ހިފަމުންދަނީ ދަތުރުފަތުރާއި ޑެލިވަރީގެ ހިދުމަތް ދޭ އާންމު މަސައްކަތްތެރިން މެދުވެރިކޮށް، ކުށުގެ ފައިސާ ނަގުދުކުރުމަށް ކަމަށެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، ސްކޭމަރުން އާންމުކޮށް މިކަން ކުރަނީ ޑްރައިވަރުންނާއި ޑެލިވަރީ މީހުންގެ އަމިއްލަ ބޭންކް އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށްފަހު، އެ ފައިސާ އޭޓީއެމުން ނަގައިގެން ނަގުދު ފައިސާގެ ގޮތުގައި ހަވާލުކޮށްދިނުމުން ބޮޑެތި އިނާޔަތްތަކެއް ނުވަތަ ’ޓިޕްސް‘ ދޭނެކަމަށް ބުނެ އޮޅުވާލައިގެންނެވެ.
މިއީ އިތުރު އާމްދަނީއެއް ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ހީވި ނަމަވެސް، މިއީ ތިމާއަށް އެއްވެސް މިންވަރަކަށް ނޭނގި ބޮޑު މާލީ ކުށެއްގައި ޝާމިލުވެވިދާނެ ނުރައްކާތެރި ދަންތުރައެއް ކަމަށް ފުލުހުން ވަނީ އިންޒާރު ދެއްވާފައެވެ.
މި ބާވަތުގެ މަކަރާއި ހީލަތް ހިންގުމުގައި ކުށްވެރިން އެންމެ ފުރަތަމަ އެޕްލިކޭޝަން މެދުވެރިކޮށް އާދައިގެ ދަތުރަކަށް ނުވަތަ ޑެލިވަރީ އޯޑަރަކަށް ރިކުއެސްޓް ފޮނުވައެވެ. އަދި ޑްރައިވަރު ނުވަތަ ޑެލިވަރީ މަސައްކަތްތެރިޔާ އެ ރިކުއެސްޓް ގަބޫލުކުރުމާއެކު، އެޕްލިކޭޝަންގެ ރަސްމީ މުއާމަލާތްތަކުގެ ނިޒާމުން ބޭރުން ސީދާ ފޯނުން ގުޅައި އެކި ބަހަނާތައް ދައްކައެވެ.
އެގޮތުން، ކޮންމެވެސް ސަބަބަކާ ހުރެ އެކައުންޓަށް ފައިސާ ޖަމާކޮށްލަދިނުމަށާއި، އެ ފައިސާ އޭޓީއެމުން ނަގައިގެން ވަކި މީހަކާ ނުވަތަ ވަކި ތަނަކާ ހަވާލުކޮށްދިނުމަށް އެދެއެވެ. އަދި މި މަސައްކަތުގެ ބަދަލެއްގެ ގޮތުން، އަސްލު ދަތުރުގެ އަގަށްވުރެ ބޮޑު އިނާޔަތެއް ނުވަތަ ޓިޕްސްއެއް ހުށަހަޅައި، މަސައްކަތްތެރިޔާގެ ހިތްދަމައިގަންނަ ގޮތަށް ކަންކަން ރާވައެވެ.
ނަމަވެސް މިގޮތަށް އެކައުންޓަށް ޖަމާކުރާ ފައިސާއަކީ އެހެން ކުށެއްގެ ޝިކާރައަކަށް ވީ ފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން އަތުލާފައިވާ ފައިސާއެވެ. މިކަމުގެ ސަބަބުން ޑްރައިވަރުންނަށް ނޭނގި ނަމަވެސް އެ އެހީތެރިވެދެވެނީ ކުށްވެރިން ވަގަށް ނަގާ ފައިސާ ދައުރުކުރުމަށާއި އޭގެ އަސްލު އޮޅުވާލުމަށެވެ. ކުށްކޮށްގެން ހޯދާ ފައިސާ ދައުރުކުރުމަށްޓަކައި އެހެން މީހުން ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމުގެ މި އަމަލަށް ކިޔަނީ ”މަނީ މިއުލިން“އެވެ.
މިފަދަ ކަންކަމުގައި ބައިވެރިވުމުން ކުރިމަތިވެދާނެ ނުރައްކާތައް ފާހަގަކުރައްވަމުން ފުލުހުން ވިދާޅުވީ، އެއީ ކުށެއް ކޮށްގެން ހޯދި ފައިސާއެއްކަން ނޭނގުނު ކަމުގައި ވިޔަސް، އެކައުންޓްގެ ވެރިފަރާތަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެގޮތުން:
- އަމިއްލަ ބޭންކް އެކައުންޓްތައް ވަގުތުން ފްރީޒްވުމާއި، ހަލާލު އާމްދަނީ ބޭނުންކުރުމަށާއި ޒަރޫރީ މުއާމަލާތްތަކަށް ހުރަސްއެޅުން.
- ޖިނާއީ ބޮޑެތި ތަހުގީގުތަކާ ކުރިމަތިލާން ޖެހުމާއި، މަނީ ލޯންޑަރިންގ ފަދަ ސީރިއަސް މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހެއްގެ ގޮތުގައި ބެލެވުން.
- ކުށްވެރިން ނަގުދު ފައިސާ ހިފައިގެން ފިލުމުން، މަކަރާއި ހީލަތުގެ މުއާމަލާތްތަކާ ގުޅިގެން ބޭންކުތަކަށާއި ތަހުގީގީ އިދާރާތަކަށް ޖަވާބުދާރީވާން ޖެހޭ ހަމައެކަނި ފަރާތަކީ އެކައުންޓްގެ ވެރިފަރާތަށް ވުން.
މިފަދަ ނުރައްކާތެރި ދަންތުރަތަކުން ސަލާމަތްވެ ތިބުމަށްޓަކައި، ކަސްޓަމަރުން ނުވަތަ ނުދަންނަ އެއްވެސް މީހެއްގެ ފައިސާ ދައުރުކުރުމަށް އަމިއްލަ ބޭންކް އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ހާލަތެއްގައި ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ހަމައެކަނި ފޯރުކޮށްދިން ހިދުމަތާ ގުޅޭ ސައްހަ އަގު އެކަނި ބަލައިގަތުމަށާއި، ކިތަންމެ ބޮޑު އިތުރު ފައިސާއެއް ނުވަތަ ޓިޕްސްއެއް ދޭނެކަމަށް ބުނި ކަމުގައި ވިޔަސް އެކައުންޓަށް ޖަމާކޮށްގެން ފައިސާ ނަގައިދިނުމަށް އެއްބަސްނުވުމަށް ވަނީ އަންގާފައެވެ.
މީގެއިތުރުން، ހުރިހާ މުއާމަލާތެއް ޕްލެޓްފޯމްތަކުގެ ރަސްމީ ނިޒާމުގެ ތެރެއިން ހިންގުމަށާއި، އެއްވެސް ފަރާތަކާ ބޭންކިންގ މައުލޫމާތާއި، ޕާސްވޯޑް އަދި ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ހިއްސާނުކުރުމަށް ފުލުހުން ނަސޭހަތްތެރިވެއެވެ. އަދި އެކައުންޓަށް ޝައްކުކުރެވޭ ފަދަ އެއްވެސް ޓްރާންސްފަރއެއް ލިބިއްޖެނަމަ، އެ ފައިސާ ނެގުމާއި، ބޭނުންކުރުން ނުވަތަ އެހެން އެކައުންޓަކަށް ބަދަލުކުރުމުގެ ބަދަލުގައި، ލަސްނުކޮށް ވަގުތުން ބޭންކަށާއި ފުލުހުންނަށް ރިޕޯޓްކުރުމަށްވެސް ފުލުހުންގެ ހިދުމަތުން ވަނީ އެދިވަޑައިގެންފައެވެ.

