ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ އިމްތިހާނުތައް އޮންލައިންކޮށް ހެދުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.
މި މައްސަލަ ދިރާސާކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ ގާނޫނީ ތައުލީމު ފަށައިގެން މިހާރު ކުރިއަށްދާ ޑިގްރީ ޕްރޮގްރާމްތަކުގެ ދަރިވަރުން އެ އިސްލާހުން އިސްތިސްނާކުރުމަށެވެ. އެގޮތުން، ބާ ކައުންސިލުން ގެނައި އައު އިސްލާހު ތަންފީޒު ވާނީ ހަމައެކަނި އަލަށް ގުޅޭ ދަރިވަރުންގެ މައްޗަށް ކަމަށާއި، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ކުރިންވެސް އޮތް ގޮތަށް އޮންލައިންކޮށް އިމްތިހާނުތައް ހެދުމުގެ ފުރުސަތު ދިނުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
ގާނޫނީ ތައުލީމުގެ ”މިނިމަމް ސްޓޭންޑާޑްސް“ އަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ބާ ކައުންސިލުން ގެނައި އިސްލާހުގައި ވަނީ، އަންނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނުތަކެއް އިމްތިހާނު ހަދާ މަރުކަޒަކަށް ހާޒިރުވެގެން ހަދަން ލާޒިމުކޮށްފައެވެ. އެހެންނަމަވެސް، ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް އިދާރާ މެދުވެރިކޮށް އިމްތިހާނު ކުރިއަށް ގެންދިއުމުގެ އިޚުތިޔާރު މަތީ ތައުލީމުދޭ މަރުކަޒުތަކަށް ލިބިގެންވާ ކަމަށާއި، މާލެ އަންނަން އުނދަގޫވާ ދަރިވަރުންނަށް އެ ދަރިވަރަކު ދިރިއުޅޭ ރަށެއްގައި ތިބެގެން އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ އިސްލާހު ހުރަސްނާޅާ ކަމަށް ބާ ކައުންސިލުން ބުނެފައިވެއެވެ.
ބާ ކައުންސިލުން ގެނައި މި އިސްލާހާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ގާނޫނީ ދާއިރާއިން ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. އެ ޕެޓިޝަންގައި ދަރިވަރުން ފާހަގަކޮށްފައިވަނީ، އެ ދަރިވަރުން ކޯހުގައި ބައިވެރިވީ އޮންލައިންކޮށް ކިޔެވުމުގެ އިތުރުން އިމްތިހާނުތައް ވެސް އޮންލައިންކޮށް ހެދޭނެ އިންތިޒާމު އޮތުމުން ކަމަށެވެ.
ކޯހުގެ މެދުތެރެއިން އެފަދަ އަސާސީ ޝަރުތެއް ބަދަލުކޮށް، މަރުކަޒަކަށް ހާޒިރުވާން މަޖުބޫރުކުރުމަކީ އިދާރީ ގާނޫނުން ދަރިވަރުންނަށް ލިބިދޭ ހައްގު ގެއްލިގެންދާ ކަމެއް ކަމަށް ދަރިވަރުން ވަނީ ބުނެފައެވެ. އެހެންކަމުން ދަރިވަރުން އެދިފައިވަނީ މިހާރު ކުރިއަށްދާ ޕްރޮގްރާމްތައް ނިމިގެން އަލަށް ފެށޭ ޕްރޮގްރާމްތަކަށް އެ އުސޫލު ހިންގުން ފަސްކޮށްދިނުމަށެވެ.

