ސުޕްރީމް ކޯޓުގެ ޑިރެކްޓަރެއްގެ މަޤާމުގައި ހުންނަވަނިކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ޢާތިކާ އިބްރާހީމް ވަޒީފާއިން ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށާއި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި އަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފިއެވެ.
ހައިކޯޓުން މިއަދު އިއްވި ޙުކުމުގައި ބަޔާންކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ޑީޖޭއޭގެ ދަށުން ސުޕްރީމް ކޯޓުގައި ޑިރެކްޓަރެއްގެ މަޤާމުގައި ހުރި ޢާތިކާ އިބްރާހީމް 2020 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ހާޒިރީ އޮޅުވާލުމާއި އެހެން މުވައްޒަފުންނަށް ބިރުދެއްކި ކަމަށް ބުނެ ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ. އެ މައްސަލަ ތަޙުޤީޤުކުރުމަށްފަހު، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި އޭނާ ވަޒީފާއިން ވަކިކުރުމުން އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.
ޓްރައިބިއުނަލުން އެ މައްސަލަ ބެލުމަށްފަހު ނިންމީ، ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާ ކަމަށެވެ. އަދި އެކަށީގެންވާ ސަބަބެއް ނެތި ވަކިކުރުމަކީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ”އަންފެއަރ ޑިސްމިސަލް“ އެއް ކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން އޭނާ އަލުން ވަޒީފާއަށް ރުޖޫޢަކުރުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ޙައްޤުވާ މުސާރައާއި އިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލުން އަމުރުކުރިއެވެ.
މި ނިންމުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިސްތިއުނާފު ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ފަހުން ނިންމި ނިންމުމަކާ ގުޅިގެން މައްސަލައިގެ އަސްލު ޚަޞްމަކީ ޑީޖޭއޭ ކަމުގައި ކަނޑައެޅިގެން ދިޔައެވެ.
އިސްތިއުނާފީ ނުކުތާތަކާއި ޚަޞްމުންގެ ދަލީލުތައް
ހައިކޯޓުގައި ޑީޖޭއޭ އިން މައިގަނޑު ގޮތެއްގައި ފާހަގަކުރީ، ޓްރައިބިއުނަލުން ހެކިބަސްތަކާއި ޤަރީނާތައް ވަޒަންކޮށްފައިވަނީ ސަބްޖެކްޓިވް މިންގަނޑަކުން ކަމަށެވެ. މީގެއިތުރުން، މުވައްޒަފާއި މުއައްސަސާއާ ދެމެދު އިތުބާރު ގެއްލިފައިވާ ހާލަތެއްގައި ވަޒީފާ އަނބުރާ ދިނުމުގެ ބަދަލުގައި ބަދަލު ދިނުމަށް ސުޕްރީމް ކޯޓުން ޤާއިމުކޮށްފައިވާ އުޞޫލުތަކަށް ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައި ނުވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
މި ވާހަކަތަކަށް އިންކާރުކޮށް ޢާތިކާގެ ފަރާތުން ކޯޓުގައި ބުނީ، އޭނާއާ ދެކޮޅަށް ހުށަހެޅި ބަޔާންތަކަކީ ހަމައެކަނި އޮފީސް ތެރޭގައި ދެކެވުނު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހޯދާފައިވާ ”ހިޔަރސޭ އެވިޑެންސް“ (އަޑުއިވޭ ވާހަކަތައް) ކަމަށެވެ. އަދި އޮފީހުގެ ރަސްމީ ހާޒިރީ ރެކޯޑުތަކުންނާއި ފިންގަރޕްރިންޓް ރިޕޯޓުތަކުން އެއްވެސް މަކަރެއް ނުވަތަ އޮޅުވާލުމެއް ފެންނަން ނެތް ކަމަށާއި، ވަޒީފާ އަލުން ނުދެވޭ މިންވަރަށް އިތުބާރު ގެއްލިފައިވާ ކަމަށް ބެލެވޭނެ އެއްވެސް ޤާނޫނީ ހަރުދަނާ ސަބަބެއް ނެތް ކަމަށްވެސް އޭނާގެ ފަރާތުން ފާހަގަކުރިއެވެ.
ހައިކޯޓުގެ ނިންމުން: ހެކި ވަޒަންކުރުމުގައި ގޯހެއް ނެތް
މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ފާހަގަކުރީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާ ބަޔާންކުރާ ގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސިވިލް މިންގަނޑުން ނުވަތަ ”ބޮޑަށް ބުރަވެވޭ މިންގަނޑުން“ ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ނަމަވެސް، ހާޒިރީ އޮޅުވާލި ކަމަށް ބުނެ ދީފައިވާ ބަޔާންތަކަކީ ޢަމަލީ ގޮތުން ފެނިގެން ނުވަތަ ސީދާ އެނގިގެން ދީފައިވާ ބަޔާންތަކެއް ނޫން ކަމަށާއި، އެއީ އޮފީހުގައި ދެކެވުނު ވާހަކަތަކަކަށް ބިނާކޮށް ދީފައިވާ ބަޔާންތަކެއް ކަން ހައިކޯޓުން ފާހަގަކުރިއެވެ. އަދި އެ ވާހަކަތަކަށް ބާރުދޭ އިތުރު އެއްވެސް މިނިވަން ހެއްކެއް ނެތް އިރު، މުވައްޒަފުންނަށް ބިރުދެއްކި ކަމަށް ބުނާ ބުނުމަކީ ކަންކަން ތެދުބަހުން ކިޔައިދިނުމަށް ދިން އިރުޝާދެއް ކަމަށް ބެލުމުގެ ޖާގަ ބޮޑު ކަމަށްވެސް ކޯޓުން ދެކުނެވެ.
އެހެންކަމުން، މައްސަލައިގައި ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށް ކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޤާނޫނާ ޚިލާފަށް ވަކިކުރާ މުވައްޒަފަކަށް ލިބެންޖެހޭ އަސާސީ ޙައްލަކީ ވަޒީފާ އަނބުރާ ރުޖޫޢަކުރުން ކަމުގައިވާތީ، ޓްރައިބިއުނަލުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.

