ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއަށް ގާނޫނީ ބާރު ދިނުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން، މުހިންމު ބިލުތަކެއްގެ މަސައްކަތް ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ނުގޮސް ދައުރު ދަންމާލުމަށް ރިޔާސަތުން މިއަދު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން މި ހިނގާ އަހަރުގެ ތިންވަނަ ދައުރު މި ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް، މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު ބިލުތަކުގެ މަސައްކަތްތައް ނުނިމި ހުރުމާއެކު، މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދައުރު ނިންމުމުގެ ކުރިން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ މި ދައުރު އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް ގަސްތުކުރައްވާ ކަމަށް އެމަނިކުފާނު އިއުލާނު ކުރެއްވި އެވެ. މަޖިލީހުގެ ދައުރު ދަންމާލުމާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި ވޯޓަށް އެހުން އޮންނާނެ އެވެ.
ރަސްމާލެ މަޝްރޫއާ ގުޅުންހުރި ރިއަލް އެސްޓޭޓް ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 18 ގައެވެ. މި ބިލު ދިރާސާކުރަމުންދާ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ވަނީ ބިލަށް އާންމުންނާއި ކަމާގުޅުންހުރި އިދާރާތަކުގެ ހިޔާލު ހޯދުމަށް ހުޅުވާލައި، އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ބިލުގެ މަސައްކަތް އެއްކޮށް ނިންމުމަށް ތާވަލުކޮށްފަ އެވެ. އެހެންކަމުން، މަޖިލީހުގެ މިހާރުގެ ދައުރު ދަންމާނުލައި މި ބިލު ފާސްކުރުމުގެ މަސައްކަތް ނިންމޭކަށް ނެތެވެ.
ރިއަލް އެސްޓޭޓް ބިލުގެ އިތުރުން ވެސް ގާނޫނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނުވާނެ މުހިންމު އެތައް ބިލެއްގެ މަސައްކަތް މިހާރު ވެސް މަޖިލީހުގެ ތަޅުމުގައާއި ކޮމިޓީ މަރުހަލާގައި ކުރިއަށްދެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލު: އަބުރު ގެއްލުވާލުމާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އަމާޒުކޮށްފައިވާ ބިލު.
- އިމިގްރޭޝަން ބިލު: ރާއްޖެއަށް އެތެރެވުމާއި ބޭރުވުމުގެ އުސޫލުތައް ހަރުދަނާކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކަށް ހައްލު ހޯދުމަށް ހުށަހެޅިފައިވާ ބިލު.
- މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާ ބެހޭ ބިލު: ޝަރުއީ ހަމަތަކުގެ މަތިން މަރުގެ އަދަބު ތަންފީޒުކުރުމުގެ އިޖުރާއާތުތައް ކަނޑައަޅާ ބިލު.
- ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު: ޝަރުއީ ދާއިރާގެ ހިންގުމާއި ކޯޓުތަކުގެ އިހްތިސާސަށް ބަދަލުތައް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތައް.
މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރު އަންނަ މަހުގެ 15 އަށް ދަންމާލުމަށް މިއަދު ފާސްވެއްޖެނަމަ، އެ މުއްދަތަށް ފަހު މަޖިލިސް ދެ މަސްދުވަހުގެ ޗުއްޓީއަކަށް ދާނެ އެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް އަލުން ފަށާނީ 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

