މިނިވަން މުއައްސަސާތަކަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ހަމަޖައްސައިދީފައިވާ ނަމަ، އެ މުއައްސަސާތަކުން މައްސަލަ ޖައްސާނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ދުވަހު ވެސް މިނިވަން މުއައްސަސާތަކަށް ބޭނުންވާ ބަޖެޓު ހަމަޖައްސައިދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނި ކަމުގައި ވިޔަސް، ހަގީގަތަކީ އެ މުއައްސަސާތަކުން ތަހުގީގުތައް ހިންގުމަށް ބޭނުންވާ ވަގުތުގައި ފައިސާ ނުލިބޭ ކަމުގެ ޝަކުވާ ކުރަމުންދާ ކަމެވެ. އަދި ބަޖެޓުގައި ފާސްކޮށްފައި އޮންނަ އަދަދަށްވުރެ އިތުރަށް އެއްވެސް ދިމާއަކުން ފައިސާ ހޯދުމަކީ އެ މުއައްސަސާތަކަށް އިންތިހާއަށް ދަތި އުނދަގޫ ކަމެއްގެ ގޮތުގައި އޮތް ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
”ކުރީގައި މިދިޔަ ދެއަހަރު އެގޮތަށް ފައިސާދިންނަމަ އަޅުގަނޑުމެންނަކަށް އޭގެ މައްސަލައެއް ޖައްސާނެ ޖާގައެއް ނީންނާނެ. އެހެންނަމަވެސް އެބޭފުޅުން އެބަ ވިދާޅުވަމުންގެންދޭ ތިމަންނަމެންގެ އިންވެސްޓިގޭޝަނަށް ބޭނުންވާ ފައިސާ ބޭނުންވާ ވަގުތު ނުލިބެއޭ،“ ދީދީ ވިދާޅުވިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތަކަކީ ތަހުގީގުތައް ހިންގުމަށްޓަކައި އެކަންކަން ހިނގާ ތަންތަނަށް ދަތުރުކޮށް މައުލޫމާތު އެއްކުރަން ޖެހޭ ބައެއްކަން ފާހަގަކުރައްވަމުން ދީދީ ވިދާޅުވީ، ދަތުރުފަތުރާއި ހުރުމުގެ ޚަރަދުތަކާއި، ލޯންޗު ފަހަރު ޗާޓަރު ކުރުން ފަދަ ކަންކަމަށް ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމަށެވެ. އެހެންނަމަވެސް، އެ މުއައްސަސާތައް ހިންގުމަށް ބޭނުންވާ އެންމެ ކުޑަމިންވަރު ނުވަތަ ’ބެއަރ މިނިމަމް‘ ވެސް ސަރުކާރުން ހަމަޖައްސައިދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭސީސީއަށް މަސައްކަތްތަކެއް ނުކުރެވޭ ކަމަށާއި އެކަށީގެންވާ ނަތީޖާއެއް ނުފެންނަ ކަމަށް އާންމުން އަބަދުވެސް ޝަކުވާ ކުރާކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ، ވޭތުވެދިޔަ އަހަރު ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވުނު މައްސަލަތަކުގެ ނަތީޖާ ނުނެރެވި ލަސްވި މައިގަނޑު ސަބަބަކީ އެކަށީގެންވާ ބަޖެޓު ނެތުމުން، ބޭނުންވާ ދުވެލީގައި ތަހުގީގުތައް ކުރިއަށް ނުގެންދެވުން ކަމަށް އެ މުއައްސަސާއިން ބުނަމުންދާ ކަމަށެވެ. އެހެންކަމުން، މިދިޔަ އަހަރުތަކުގައި ވެސް ފިނޭންސް މިނިސްޓަރު އެފަދަ ޔަގީންކަމެއް ދެއްވުމަށްފަހު އެކަން ކޮށްދެވިފައި ނުވާތީ، މި އަހަރު ފިނޭންސް މިނިސްޓަރު ދައްކަވާ ވާހަކަ ގަބޫލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ދީދީ ވިދާޅުވިއެވެ.
”ފިނޭންސް މިނިސްޓަރު އެހެން ވިދާޅުވިޔަސް މިދިއަ އަހަރުވެސް އެޔަގީންކަން ދެއްވި. އޭގެ ކުރީ އަހަރުވެސް ދެއްވި. އެހެންވީމަ މިއަހަރު ފިނޭންސް މިނިސްޓަރު އެހެން ވިދާޅުވީމަ އެކަން އެގޮތަށް ޤަބޫލުކުރަންޖެހޭ އެއްވެސް ސަބަބެއްނެތް،“ އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓުގެ ކަންކަން ކުރިއަށްދާ ގޮތަށް ފާޑުވިދާޅުވަމުން ދީދީ އިތުރަށް ފާހަގަކުރެއްވީ، ބަޖެޓު ތަންފީޒު ކުރުމުގައި މެދުރާސްތާ އަދި ދުރުރާސްތާގެ އެއްވެސް ޕްލޭނެއް ނެތި، ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަނީ ވަރަށް ’އެޑްހޮކް‘ އުސޫލުން ކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރުގެ 65 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވެގެން ދިޔައިރު ވެސް، އެ ބަޖެޓުގައި ކަނޑައެޅި މައިގަނޑު އަމާޒުތަކަށް ޚަރަދުކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ވަކިން ޚާއްސަކޮށް، މިދިޔަ އަހަރުގެ ބަޖެޓަކީ ސިއްޙީ ދާއިރާއަށް ޚާއްސަ ކުރެވުނު ’ހެލްތު ބަޖެޓެއް‘ ކަމަށް ބުނެ ފާސްކުރި ނަމަވެސް، އެ ދާއިރާގެ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދެވިފައި ނުވާ ކަމަށާއި، ފައިސާ ޚަރަދުކުރެވިފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީ) ފައިސާ ދިނުމަށް ކަމަށް ދީދީ ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރުން ބަޖެޓު ފަރުމާކޮށްގެން ރައްޔިތުންނަށް ދެއްކި ތަސައްވުރާއި، މިހާރު ފެންނަމުންދާ ހަގީގަތާ އެއްވެސް ވަރަކަށް ދިމާނުވާ ކަމަށް ވިދާޅުވެ މެމްބަރު އިބްރާހިމް ދީދީ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

