ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީޖޭއޭ ޖޭއެސްސީގެ ދަށުން ވަކިކޮށް، ޖުޑީޝަލް ކައުންސިލްގެ ދަށަށް ބަދަލުކުރަން ބިލެއް ހުށަހަޅައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބޯޑެއް / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓުތަކުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ (ޖޭއެސްސީ) ދަށުން ވަކިކޮށް، ޖުޑީޝަލް ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ކޯޓުތަކުގެ ގާނޫނަށް މި އިސްލާހު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރެވެ.

މި އިސްލާހު ފާސްވެ ގާނޫނަކަށް ވުމާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން ޑީޖޭއޭ ހިންގުމަށް މިހާރު ކަނޑައަޅާފައިވާ މާއްދާތައް އުވިގެންދާނެ އެވެ. އޭގެ ތެރޭގައި ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ ބައެއް އަކުރުތައް ހިމެނެ އެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ދެން ހިނގަމުންދާނީ ޖުޑީޝަލް ކައުންސިލްގެ ސެކްރެޓޭރިއެޓެއްގެ ގޮތުގަ އެވެ. އަދި އެ މުއައްސަސާގެ އެންމެހައި މަސައްކަތްތައް ހިންގާނީ ސީދާ ޖުޑީޝަލް ކައުންސިލްގެ އިރުޝާދާއި ލަފާގެ މަތިންނެވެ. މިއީ ޝަރުއީ ދާއިރާގެ އެތެރޭގެ އިދާރީ ހިންގުން ވަރުގަދަކޮށް، ޝަރުއީ ދާއިރާގެ އަމިއްލަ މިނިވަންކަން ފުރިހަމައަށް ކަށަވަރުކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މި އިސްލާހުގެ ދަށުން ޑީޖޭއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާއި، އެކި މަރުހަލާތަކުގެ ކޯޓުތަކަށް ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން މެދުކެނޑުމެއްނެތި ފޯރުކޮށްދިނުން ހިމެނެ އެވެ.

މީގެ އިތުރުން ކޯޓުތަކުގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑާއި އެ މީހުންގެ ކަންކަން ބެލެހެއްޓުމާއި، ޖުޑީޝަލް ކައުންސިލުން އެކަށައަޅާ ސިޔާސަތުތަކާއި ސްޓްރެޓެޖިކް ޕްލޭނުތައް ތަންފީޒުކުރުމަކީ ވެސް އެ ޑިޕާޓްމަންޓުގެ ޒިންމާއެކެވެ.

ހަމައެއާއެކު، ކޯޓުތަކުގެ އިމާރާތްތަކާއި އެ ތަންތަނަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކޯޓުތަކުގެ މަސައްކަތްތައް ހަރުދަނާކޮށް ތަރައްގީކުރުމަކީ ވެސް ޑީޖޭއޭއަށް މަތިކޮށްފައިވާ މުހިންމު މަސައްކަތްތަކެކެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޝަރުއީ ދާއިރާގެ ޖުމްލަ ބަޖެޓު ތައްޔާރުކުރުމާއި، ކޯޓުތަކުގެ މާލީ އެންމެހައި ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ވެސް އޮންނާނީ ޑީޖޭއޭ އަށެވެ. އަދި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ނިންމާ މައްސަލަތަކުގެ ތަފާސްހިސާބުތައް އެއްކޮށް ބެލެހެއްޓުމާއި، ކޯޓުތަކުން ކުރާ ހުކުމްތައް ގަވާއިދުން އާންމުކުރުމުގެ އިންތިޒާމުތައް ހަމަޖައްސަން ޖެހެ އެވެ.

މީގެ އިތުރުން ފަނޑިޔާރުންނާއި ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށްޓަކައި ހިންގާ ޖުޑީޝަލް އެކެޑަމީގެ އިދާރީ ހިންގުން ވެސް ދެން ބަދަލުވެގެންދާނީ ޑީޖޭއޭގެ ބެލުމުގެ ދަށަށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެންމެ އިސްވެރިއަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރާނީ ސީދާ ޖުޑީޝަލް ކައުންސިލުންނެވެ. އަދި އެ މަގާމުގައި ހުންނަވާ ބޭފުޅަކު ޖަވާބުދާރީވާން ޖެހޭނީ ވެސް އެ ކައުންސިލަށެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި އޭނާގެ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ރިއާޔަތްކުރުމަށްފަހު، އިތުރު ފަސް އަހަރުގެ އެއް ދައުރަށް މަގާމުގެ މުއްދަތު އިތުރުކުރުމުގެ ބާރު ޖުޑީޝަލް ކައުންސިލަށް ލިބިގެންވެ އެވެ.

މި މަގާމަށް އައްޔަނުކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • މުސްލިމަކު ކަމުގައިވުމާއި، ދިވެހި ރައްޔިތަކަށް ވުން.
  • އިދާރީ ހިންގުމުގެ ދާއިރާއިން ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  • ގުޅުންހުރި ދާއިރާއަކުން މަދުވެގެން ފަސް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ސިއްހީ ގޮތުން މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭ ފަދަ ހާލަތެއްގައި ހުރުން.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: