ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއަށް ގާނޫނީ ބާރު ދިނުމަށް ސަރުކާރުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން، މުހިންމު ބިލުތަކެއްގެ މަސައްކަތް ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ނުގޮސް މި ހިނގާ ދައުރު އިތުރުކުރުމަށް ފާސްކޮށްފިއެވެ.
މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް ފާސްވީ، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން ނަމަ، މި އަހަރުގެ ތިންވަނަ ދައުރުގެ މަސައްކަތްތައް މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމައި މަޖިލިސް ޗުއްޓީއަށް ދާންޖެހެއެވެ. ނަމަވެސް، މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު އެތައް ބިލެއްގެ މަސައްކަތް އަދިވެސް ނުނިމި އެބަހުއްޓެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދައުރު ނިންމުމުގެ ކުރިން ނިންމަންޖެހޭ ގިނަގުނަ މުހިންމު މަސައްކަތްތަކެއް މަޖިލީހުގެ ތަޅުމުގައާއި ކޮމިޓީ މަރުހަލާގައި އެބަހުރި ކަމަށެވެ. އެހެންކަމުން ދައުރުގެ މުއްދަތު އިތުރުކުރަން ޖެހެނީ އެ މަސައްކަތްތައް ފުރިހަމަކުރުމުގެ މުހިންމުކަން ބޮޑުކަމުންނެވެ.
އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ރަސްމާލޭގެ ބިޔަ މަޝްރޫއާ ގުޅުންހުރި ގާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތެވެ. މިއީ އިގްތިސާދީ ގޮތުންނާއި ތަރައްގީގެ ގޮތުން ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއަކަށް ވާތީ، މި ބިލު ފާސްކުރުން އަވަސްކުރުމަކީ ސަރުކާރުން ނުހަނު ބޭނުންވާ ކަމެކެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ބަލާއިރު، މުހިންމު ބިލުތަކާއި ކަންކަން ނިންމުމަށްޓަކައި ކުރީގެ ދެ ދައުރުވެސް ވަނީ މުއްދަތު އިތުރުކޮށްގެން ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން، ގަވާއިދުގައިވާ ގޮތުން މެއި މަހުގެ 16 ވަނަ ދުވަހު ފުރަތަމަ ދައުރު ނިންމައި މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވަން ޖެހުނު ނަމަވެސް، މަސައްކަތްތައް ނުނިމި ހުރުމުގެ ސަބަބުން އެ ދައުރު މެއި 31 ގެ ނިޔަލަށް ދަންމާލިއެވެ. އެ މުއްދަތުގެ ތެރޭގައި 10 ބިލެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވުނެވެ. އަދި ފުރަތަމަ ދައުރު ނިމުމުން ލިބޭ ޗުއްޓީ ދޫކޮށްލެއްވުމަށްފަހު، ޖޫން މަހުގެ އެއްވަނަ ދުވަހު މަޖިލީހުގެ ދެވަނަ ދައުރު ވަނީ ފަށައިފައެވެ.
ހަމައެހެންމެ، ދެވަނަ ދައުރުގެ މަސައްކަތްތައްވެސް ގަވާއިދުގައި ބަޔާންކުރާ ތާރީހަށް ވުރެ އިތުރަށް ދަންމާލުމަށްފަހު، މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ. މި އަހަރުގެ ހުރިހާ ދައުރެއްވެސް މިގޮތަށް ދަންމާލަން ޖެހިފައިވަނީ ގައުމީ ފެންވަރުގެ މުހިންމު ގިނަ ގާނޫނުތަކެއްގެ މަސައްކަތް ނިންމުމަށްޓަކައެވެ.

