ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުން ބޭރުގައި ކޯޓުތަކުގެ ހުރުމަތް ކަނޑައިފިނަމަ 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ޖަލަށްލެވޭ ގޮތަށް ބިލެއް މަޖިލީހަށް

ދިވެހިރާއްޖެގެ ސްޕްރީމް ކޯޓް. ފޮޓޯ: ސްޕްރީމް ކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓުން ބޭރުގައި ކޯޓުތަކުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ އަމަލުތަކެއް ތަފްސީލުކޮށް، އެފަދަ އަމަލުތަކަށް ބޮޑެތި އަދަބުތަކެއް ދެވޭ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރުއެވެ. މި ބިލުގައި ހުށަހަޅާފައިވަނީ ކޯޓުތަކުގެ ގާނޫނަށް ވަކި ހާއްސަ ބާބެއް އިތުރުކޮށް، ކޯޓުގެ ހުރުމަތް ކެނޑުމަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު އެކަމަށް ކަނޑައެޅޭނެ ޖިނާއީ އަދަބުތައް ގާނޫނުގައި ތަފްސީލުކުރުމަށެވެ.

މެންބަރު އިސްމާއިލް ނިޒާރު ހުށަހެޅުއްވި ބިލުގައި ޝަރީއަތުގެ މަޖިލީހުގައާއި ކޯޓުގެ އިމާރާތުގެ ތެރޭގައި ކުރާ ކަންކަމުގެ އިތުރުން، ކޯޓުން ބޭރުގައި ހިންގާ އަމަލުތަކަކީ ވެސް ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ހާލަތްތައް ވަނީ ބަޔާންކޮށްފަ އެވެ. އަދި ކޯޓުން ބޭރުގައި ހިންގާ މިފަދަ އަމަލުތަކަށް ބޮޑެތި އަދަބުތަކެއް ދިނުމަށް ބިލުގައި ހިމަނާފައިވެ އެވެ.

އެގޮތުން، ކޯޓުން ބޭރުގައި ކޯޓުގެ ހުރުމަތް ކަނޑައިފި މީހެއްގެ މައްޗަށް:

  • 100،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން
  • ތިން މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން

މީގެ އިތުރުން ކޯޓުގެ އިމާރާތުގެ އެތެރޭގައި އެފަދަ އަމަލެއް ހިންގާ މީހަކަށް ކަނޑައެޅޭނެ އަދަބެއްގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައިވަނީ 25،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާއެކު ހަތް ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އަދަބު ކަނޑައެޅުމުގެ މުއްދަތު

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ޝަރީއަތުގެ މަޖިލީހެއްގެ ތެރޭގައި ހިނގާ މިފަދަ އަމަލުތަކަށް އަދަބު ކަނޑައެޅުމުގައި އަމަލުކުރާ އުސޫލުތަކާއި، ޝަރީއަތުގެ މަޖިލީހުން ބޭރުގައި ހިންގާ އަމަލުތަކަށް އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ މުއްދަތުތަކަށް ވަނީ ތަފާތުތަކެއް ގެނެސްފަ އެވެ.

އެގޮތުން ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ ހުރުމަތް ކަނޑައިފި މީހެއްގެ މައްޗަށް ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި އަދަބު ކަނޑައަޅަން ޖެހެ އެވެ. ނަމަވެސް، ކޯޓުން ނުވަތަ ޝަރީއަތުން ބޭރުގައި ހިންގާ އެފަދަ އަމަލުތަކާ ގުޅިގެން މީހުންނަށް އަދަބު ކަނޑައެޅުމަށް ކޯޓުތަކަށް ހަ މަސްދުވަހުގެ މުއްދަތެއް ލިބިދޭ ގޮތަށް ބިލުގައި ވަނީ ހިމަނާފަ އެވެ.

ކޯޓުން ބޭރުގައި ހުރުމަތް ކެނޑުން ކަމަށް ބެލެވޭ އަމަލުތައް

ބިލުގައިވާ ގޮތުން ތިރީގައިވާ ކަންކަމަކީ ކޯޓުން ބޭރުގައި ކުރި ނަމަވެސް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ އަމަލުތަކެވެ:

  1. ކޯޓުގެ އަމުރުތަކަށް ނުކިޔަމަންތެރިވުން: ކޯޓުގެ ހުކުމަކަށް، އަމުރަކަށް ނުވަތަ އެންގުމަކަށް އެނގިހުރެ ގަސްދުގައި ނުކިޔަމަންތެރިވުން.
  2. ޝަރީއަތާ ގުޅުންހުރި ފަރާތްތަކަށް ހުރަސްއެޅުން: ޝަރީއަތެއްގައި ހިމެނޭ ހަސްމެއް، ހެކިބަސްދޭ މީހެއް، ހަބީރެއް، ގާނޫނީ ވަކީލެއް، ފަނޑިޔާރެއް ނުވަތަ ކޯޓުގެ މުވައްޒަފެއްކަން އެނގިހުރެ، އެއިން މީހަކަށް ބިރުދެއްކުމާއި، ކޯޓަށް ހާޒިރުވުމަށް ނުވަތަ އެ މީހެއްގެ ގާނޫނީ ވާޖިބު އަދާކުރުމަށް ގަސްދުގައި ހުރަސްއެޅުމާއި ދަތިކުރުން.
  3. އާންމުކޮށް ފެންނަ ނުވަތަ އިވޭ ގޮތަށް އަމަލުކުރުން: ބުނާ ބުނުމަކުން، ލިޔާ ލިޔުމަކުން، ކުރާ އިޝާރާތަކުން ނުވަތަ ފެންނަ ގޮތަށް ކުރާ ހަރަކާތަކުން ނަމަވެސް އާންމު ތަނެއްގައި ނުވަތަ އާންމުންނަށް އިވޭ ނުވަތަ ފެންނަ ގޮތަކަށް ކޯޓުގެ ގަދަރާއި ހައިބަތު ގެއްލޭ ފަދަ އަމަލެއް ހިންގުން.

ނޫސްވެރިކަމުގެ މިނިވަންކަމާއި ކަންބޮޑުވުންތައް

ކޯޓުގެ ހުރުމަތް ކެނޑުމުގެ ބޮޑެތި އަދަބުތަކެއް ގާނޫނުގައި ހިމެނުމަށް ބިލެއް ހުށަހެޅިއިރު، ކޯޓުން ބޭރުގައި ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ގަވާއިދެއްގެ ދަށުން ފިޔަވަޅު އަޅައި، މިއަހަރުގެ ތެރޭގައި ”އަދަދު“ ނޫހުގެ ދެ ނޫސްވެރިއެއްގެ މައްޗަށް ޖަލު ހުކުމް އިއްވާފައިވާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

އެގޮތުން ކްރިމިނަލް ކޯޓުން ނެރުނު އަނގަބަންދު އަމުރެއްގެ ހަބަރު ލިޔެގެން ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރިއިރު، އެ މައްސަލައިގައި ސުވާލު ކުރުމާ ގުޅިގެން ނޫސްވެރިޔާ މުހައްމަދު ޝަހުޒާންގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. މިފަދަ ހާދިސާތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައި، ކޯޓުން ބޭރުގައި ހިނގާ އަމަލުތަކަށް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ތިން މަހަށް ޖަލަށްލެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހެޅުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި ހިޔާލުފާޅުކުރުމުގެ ހައްގަށް އިތުރު ހުރަސްތަކެއް އެޅިދާނެ ކަމެއް ކަމަށް ބުނެ އާންމުންނާއި ނޫސްވެރިންގެ މެދުގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: