ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ޙިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ޙިޔާނާތުގެ މައްސަލަ ބާރަށް ކުރިއަށް ގެންދަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީޙުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީންނާއި ޖުޑިޝަރީ ކޮމެޓީން ތަހުގީގު ކުރަމުންދާ އެމްއެމްޕީއާރުސީގެ މައްސަލައާއި މަރުތަކުގެ މައްސަލަތަކަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޖުޑީޝަރީ ކޮމެޓީއާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީން ތަހުގީގު ކުރަމުންދާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި މަރުގެ މައްސަލަތަކާއި ގުޅޭ ގޮތުން ފުލުހުންގެ އިދާރާއިން ހޯދަން އެދުނު ބައެއް މައުލޫމާތުތައް އެ އިދާރާގެ ފަރާތުން މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި އަދި ފުލުހުންގެ އިދާރާއިން ފޮނުވި އެ ސިޓީތައް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި ދެ މައްސަލަ މިއަށްވުރެ ބާރަށް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި މަރުގެ މައްސަލަތަކަށް ވީގޮތް ހޯދަން މައްސަލަ މަޖިލީހަށް ހުށަހެޅީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއީޒްއެވެ.
ފުލުހުންނާއި، އޭސީސީގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދުލުވުމެއްގައި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ މުހައްމަދު ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާތައް ދައުރުވާން ފެށީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ހަމައިން ކަމަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ޖަމާކުރީ، މިއުޒިކް ބޭންޑެއްވެސް ހިންގަމުން އައި ސްކޯޒް އޮފް ފްލެއާ (އެސްއޯއެފް) ގެ އެކައުންޓަކަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހްގީގު ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނެރުމާއި އެކު ތަފާތު އެތައް ކަމެއް ވަނީ ފެންމަތިވެގެން ގޮސްފައެވެ.
އެގޮތުން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ފައިސާ ދައުލަތުގެ ހަޒާނާއަށް ނުވަދެ ގެއްލިފައިވާއިރު ހިޔާނާތުގެ ފައިސާ ލިބުނު އެންމެން އަދިވެސް ސާފެއް ނުވެއެވެ. ފައިސާ ޖަމާވި އެކައުންޓުތަކުގެ ތެރެއިން އޭސީސީގެ ރިޕޯޓުގައި ވަނީ މަދު ބައެކެވެ. އެއީ 177 މީހުންނެވެ. އެހެން ނަމަވެސް، އެ ފައިސާ އެކި ގޮތް ގޮތުން ވަނީ ދައުރުކޮށްފައެވެ. އެސްއޯއެފްއިން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށްފަހު، އަދި އެ އެކައުންޓުން އިތުރު އެކައުންޓަކަށް ހަމަ އެ ފައިސާ ޖަމާކުުރުމަށްފަހު، ނަގުދު ފައިސާގެ ގޮތުގައި މީހުންނާއި ވަނީ ހަވާލުކޮށްފައެވެ.

