ރަސްމާލެ މަޝްރޫއާއި ގުޅިގެން ސަރުކާރުން އަޕްފްރަންޓްކޮށް އެއްވެސް ފައިސާއެއް ދައުލަތަށް ނުނަގާނަމަ، އެ މަޝްރޫއުން ދިވެހިރާއްޖެއަށް ލިބޭނެ އާމްދަނީއެއް ނޭނގޭކަމަށާއި، މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާއި އިގްތިސާދީ ހީނަރުކަމަށް އަވަސް ހައްލެއް ނުލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރަސްމާލޭގެ ބިޔަ މަޝްރޫއު ހަވާލުކޮށްފައިވާ ދުބާއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ މެދު އާންމުންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ސަރުކާރުން ހާމަނުކުރާތީ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، މި މަޝްރޫއުގެ ސަބަބުން ޒަޔަނިސްޓުން ފަދަ ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް ދަނީ ބުނަމުންނެވެ.
މި މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެ، އިހުތިޖާޖުތައް ވެސް ފެށިފައިވާއިރު، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މި މަޝްރޫއާ ދެކޮޅަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ގަރާރެއް ފާސްކޮށްފައެވެ. އަދި މި އެއްބަސްވުމާ ދެކޮޅަށް ސީދާ ހަރަކާތަށް މަގުމައްޗަށް ނުކުތުމަށް ވެސް އެ ޕާޓީން ވަނީ ނިންމާފައެވެ.
މަޝްރޫއު ހިންގުމާއި ގުޅޭގޮތުން ރިފެރެންޑަމްއެއް ނެގުމަށް އިދިކޮޅުން ގޮވާލި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.
މާދަމާ ރޭ އިދިކޮޅުން ”އަހާބަލަ“ ނަމުގައި ބާއްވާ އެއްވުމާއި ގުޅޭގޮތުން ސަންގުޓީވީގައި އީވާ ފާހަގަކުރެއްވި ގޮތުގައި، އަޕްފްރަންޓްކޮށް ދައުލަތަށް އެއްޗެއް ނުނަގާނަމަ، ދެން ލިބެން އޮތް ހުރިހާ އާމްދަނީއެއް ބަރޯސާވާނީ މަޝްރޫއު ކާމިޔާބުވުމުގެ މައްޗަށެވެ. ނަމަވެސް މި ސަރުކާރަށް ވޭތުވެދިޔަ މުއްދަތުގައި ބޮޑު ޕްރޮޖެކްޓެއް ވެސް އަދި އެއްވެސް ޕްރޮޖެކްޓެއް ވެސް ކާމިޔާބު ކުރެވިފައި ނުވާކަމަށާއި، އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިވަރުގެ ބޮޑު މަޝްރޫއެއް ހިންގޭނެ ކަމާމެދު ދިވެހިންގެ ބޮޑު ކަންބޮޑުވުމެއް އޮތްކަމަށް އީވާ ވިދާޅުވިއެވެ. މަޝްރޫއު ނުހިންގިއްޖެނަމަ ރާއްޖެއަށް ލިބޭނެ އެއްވެސް މަންފާއެއް ނޯންނާނެކަމަށް އީވާ ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން، މި މުއާމަލާތުގައި ސަރުކާރުގެ މަޝްވަރާތައް ބިނާވެފައިވާ މައިގަނޑު އަސާސްތަކާއި ރާއްޖެއިން އެދޭ ކަންކަމަކީ ކޮބައިކަން ސާފުނުވާކަމަށް އީވާ ވިދާޅުވިއެވެ. އަދި ރާއްޖެއަށް ލިބެންޖެހޭ މިންވަރާއި، ލިބޭނެ ރެވެނިއުގެ ބާވަތާއި، ކިތައް އަހަރުގެ މުއްދަތަކަށް ކޮން ކަހަލަ ޝަރުތުތަކެއްގެ ދަށުން ކަންކަން ހަމަޖެހިފައިވާކަން އެއްވެސް ވަރަކަށް އެނގެން ނެތްކަމަށް ވިދާޅުވިއެވެ. އަދި އާމްދަނީ ލިބެން ފަށާނީ ކޮން އިރަކުން ކޮން ބަޔަކަށްކަން ވެސް ސާފުނުވާ ކަމަށް ފާހަގަކުރެއްވިއެވެ.
އީވާ ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ޑޮލަރުގެ ދަތިކަމާއި އިގްތިސާދީ އުފެއްދުންތެރިކަމަށް އައިސްފައިވާ ހީނަރުކަމުން އަވަސް ލުޔެއް ހޯދުމަށްޓަކައި، ކޮންމެ މަޝްރޫއަކުން ވެސް އަޕްފްރަންޓްކޮށް ދައުލަތަށް ފައިސާ ލިބުން ވަރަށް މުހިންމު ކަމަށެވެ. އަދި މިހާރު ޑޮލަރުގެ ތާށިކަން ކުރިމަތިވުމުގެ އެއް މައިގަނޑު ސަބަބަކީ ރަސްމާލެ މަޝްރޫއަށް ހޭދަކުރި ފައިސާކަމަށް ވިދާޅުވި އެވެ.
އީގަލް ހިލްސްއާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުން ދިވެހިންނަށް އެންމެ ހައްގު މިންވަރު އަޕްފްރަންޓްކޮށް ނަގާނަމަ، މިހާރުން މިހާރަށް ޑޮލަރުގެ ތާށިކަމަށް ލުޔެއް ލިބެންޖެހޭނެކަމަށް އީވާ ވިދާޅުވިއެވެ.
ބިލުގައި 10 ޕަސެންޓްގެ ވާހަކަ އޮތް ނަމަވެސް، އެއީ އެންމެ ކުޑަ މިންވަރު ކަމަށާއި، ގާނޫނީ ގޮތުން ވެސް ރައްޔިތުންނަށް ލިބެން އޮތް އެންމެ ބޮޑު މިންވަރު ހޯދަން މަސައްކަތްކުރާ ތަން ނުފެންނަކަމަށް އީވާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން މައިގަނޑު ދެ ކަމަކަށް ބެހޭކަމަށް ފާހަގަކުރެއްވިއެވެ. އީވާ ވިދާޅުވި ގޮތުގައި އެއީ މަޝްރޫއުގެ ހަގީގީ މައުލޫމާތާއި ވާނުވާ ސާފުނުވާތީ އޮތް ކަންބޮޑުވުމާއި، މި ސަރުކާރާމެދު އިތުބާރު ގެއްލިފައިވާތީ އޮތް ކަންބޮޑުވުމެވެ. މިފަދަ ބޮޑު އިންވެސްޓްމަންޓަކުން ލިބޭ ފައިސާ ދައުރުކުރާނެ ގޮތާމެދު ރައްޔިތުންގެ މެދުގައި ބޮޑެތި ޝައްކުތަކެއްހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

