ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮތް ދޫކޮށް މީގެ ކުރިން ވެސް ނިންމުންތައް ބަދަލު ކުރި، ރަސްމާލެ ރިފެރެންޑަމްއަށް ދާން ޖެހޭނެ: އިންތި

މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ހަރަދެއްކޮށްގެން ހިއްކަމުންދާ ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރުމުގައި ދެފުށް ފެންނަ ސިޔާސަތެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ބިޔަ މަޝްރޫއު ހަވާލުކޮށްފައިވާ ދުބާއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ މެދު އާންމުންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ސަރުކާރުން ހާމަނުކުރާތީ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، މި މަޝްރޫއުގެ ސަބަބުން ޒަޔަނިސްޓުން ފަދަ ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް ދަނީ ބުނަމުންނެވެ.

މި މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެ، އިހުތިޖާޖުތައް ވެސް ފެށިފައިވާއިރު، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މި މަޝްރޫއާ ދެކޮޅަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ގަރާރެއް ފާސްކޮށްފައެވެ. އަދި މި އެއްބަސްވުމާ ދެކޮޅަށް ސީދާ ހަރަކާތަށް މަގުމައްޗަށް ނުކުތުމަށް ވެސް އެ ޕާޓީން ވަނީ ނިންމާފައެވެ.

މަޝްރޫއު ހިންގުމާއި ގުޅޭގޮތުން ރިފެރެންޑަމްއެއް ނެގުމަށް އިދިކޮޅުން ގޮވާލި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.

މާދަމާ ރޭ އިދިކޮޅުން ”އަހާބަލަ“ ނަމުގައި ބާއްވާ އެއްވުމާއި ގުޅޭގޮތުން ސަންގުޓީވީގައި އިންތި ވިދާޅުވީ މިފަދަ ބޮޑު ނިންމުމެއް ނިންމަންވާނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ގޮސްގެން ކަމަށެވެ.

އިންތި ފާހަގަކުރެއްވި ގޮތުގައި ރަސްމާލެއަކީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ދިވެހިންގެ ފައިސާއިން ހިއްކަމުންދާ ބިމެކެވެ. ނަމަވެސް އެ ސަރަހައްދުން ބޮޑެތި ބިންތައް އިންވެސްޓަރުންނަށް ދޭން ނިންމުމަކީ ކުރިން ރައްޔިތުންނަށް ދައްކާފައިވާ މަންޒަރެއް ނޫންކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނާއި މާލީ އިދާރާތަކުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތްކަމަށް އިންތި ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ ހުރިހާ އިގްތިސާދީ ހަރަކާތްތަކާއި އާބާދީ އެއް ސަރަހައްދަކަށް ޖަމާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާމެދު އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މި އިންވެސްޓްމަންޓުން ދިވެހި ރައްޔިތުންނަށް ލިބޭނެ ސީދާ ފައިދާއެއް މިހާތަނަށް ސާފުކޮށް ފެންނަން ނެތްކަން ފާހަގަކުރައްވަމުން އިންތި ވިދާޅުވީ، ހިއްކައި ނިމިފައިވާ އަގުބޮޑު ބިންތަކެއް އެހެން ފަރާތްތަކަކަށް ދޭއިރު އޭގެ މަންފާ ގައުމަށް ކުރާނެ މުއްދަތެއް ވެސް އެނގެން ނެތް ކަމަށެވެ. އެހެންކަމުން މި މަޝްރޫއުގެ ހުރިހާ ތަފްސީލެއް ރައްޔިތުންނަށް ހާމަކޮށްދީ، މިފަދަ ނިންމުންތަކާމެދު ރައްޔިތުންގެ ބަހެއް ހޯދަންޖެހޭކަމަށް އިންތި ވިދާޅުވިއެވެ.

ރަސްމާލެއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ ސުވާލުކުމުން، ރައްދުގައި އިންތި ވަނީ މިއީ ރައްޔިތުން ކަންބޮޑުވާފަދަ ވާހަކަތައްކަން ފާހަގަކުރައްވާފަ އެވެ. އަދި ވެރިކަމުގައި ހުންނަވާ ބޭފުޅަކު އަބަދުވެސް ރައްޔިތުންނާއި މީޑިއާތަކާއި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތަކުގެ އަޑުއައްސަވަން ޖެހޭނެކަމަށާއި، މިހާ އަވަސްއަރުވާލައިގެން ވަރުގަދަ ބަސްފުޅުތައް ވިދާޅުވުމަކީ މައްސަލައެއްކަމަށް އިންތި ވިދާޅުވި އެވެ. ނަމަވެސް މީގެ ކުރިންވެސް ނިންމެވި ބައެއް ނިންމެވުންތައް ސަރުކާރުން ބަދަލުކޮށްފައިވާ ފަދައިން، މި ނިންމެވުންވެސް ބަދަލުކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށް ގަބޫލުކުރައްވާކަމަށް އިންތި ވިދާޅުވިއެވެ.

މީގެއިތުރުން، މި ސަރުކާރު ވެރިކަމަށް އައުމަށް ކެމްޕޭން ކުރިއިރު ދެއްކި ވާހަކަތަކާއި، ”ދިވެހިންގެ ބިން ދިވެހިންނަށް“ ފަދަ ޝިއާރުތަކާ ހިލާފަށް މިހާރު ކަންކަން ހިނގަމުންދާކަމަށް އިންތި ތުހުމަތު ކުރެއްވިއެވެ. އަދި އިދިކޮޅު ފަރާތްތަކާއި ރައްޔިތުންގެ ގޮވާލުންތަކަށް ބީރުކަންފަތެއް ދީގެން ކަންކަން ކުރިއަށް ގެންދާނަމަ، ސަރުކާރާމެދު ރައްޔިތުން ކުރާ އިތުބާރު ގެއްލިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: